މާލޭގައި އެންމެ ބޮޑަށް މަގު ހަލާކުވެ ވަޅުގަނޑުތައް ހެދިފައި އޮތް، ވެސްޓްޕާކް ސަރަހައްދުގެ މަގު އެއްވަރުކޮށް، އަލުން ގާ އަތުރައިފި އެވެ.
ކަނބާއައިސާރަނި ހިނގުމާއި ހަވީރީހިނގުން ގުޅޭ ހިސާބުން އެންމެ ބޮޑަށް ހަލާކުވެފައި ހުރި ތަންތަނުން ގާ ނަގައި ބިންގަނޑު އެއްވަރުކުރުމަށް މިހާރު ވަނީ ގާ އަޅައި ނިމެން ކައިރިވެފަ އެވެ.
އެ މަސައްކަތްކުރާ ތަނުގައި ހުންނެވި ސިޓީ ކައުންސިލްގެ ސުޕަވައިޒަރެއް ކަމަށްވާ މުހައްމަދު ރަޝާދު ވިދާޅުވީ މިހާރު ހަދަމުންދާ ސަރަހައްދުގެ މަގު އެއްވަރުކޮށް ގާ އެތުރުމުގެ މަސައްކަތް މެންދުރު ފަހު ނިމޭނެ ކަމަށެވެ.
މަގު އެއްވަރުކޮށް އަލުން ގާ އަތުރައި ކާނުތައް ސާފުކޮށް މަރާމާތުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
މާލޭގައި ހަލާކުވެފައި ހުރި އެހެން މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިސްލާމީ މަރުކަޒު ކައިރިން، މާބްލް ޖަހައި އަމީރުއަހުމަދު މަގުން ބަންދުކުރި ސަރަހައްދުން މާބްލްތައް ނަގައި މިއަދު އެ މަގު ހުޅުވާލަން ވެސް ވަނީ ނިންމައިފަ އެވެ. މިއީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހު ތެރޭގައި ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.