ޕީޕީއެމް ޕީޖީ ގްރޫޕާ ރައީސް ޔާމީން މިއަދު ބައްދަލުކުރައްވަނީ

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.


މި ބައްދަލުކުރެއްވުން ބާއްވާ ގޮތަށް އޮތީ މިއަދު މެންދުރު 12:30 ގައި މުލީއާގޭގަ އެވެ. ބައްދަލުވުން އޮންނާނެ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ވައިބާ ގްރޫޕްގައި ރައީސް އެންގެވިއިރު، އެ ގްރޫޕުން ބޭރުކޮށްފައިވާ މެމްބަރުންނަށް ދައުވަތެއް ނުދެއްވަ އެވެ. އޭގެ ތެރޭގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ޔާމީން މެމްބަރުންނާ ބައްދަލުކުރައްވާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު މެމްބަރުންނާ އެމަނކުފާނު މި ބައްދަލުކުރައްވަނީ ގާނޫނުއަސާސީއާ ފުށުއަރާގޮތަށް ބައެއް ގާނޫނުތައް ފާސްކުރުމާ ގުޅިގެން މެމްބަރުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދިފައި ވަނިކޮށެވެ.

ގާނޫނުއަސާސީގެ ދެ ވަނަ ބާބުގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމާއި އެއްވެ އުޅުން ހަނިކުރަން ހުށަހެޅި ބިލްތަކަށް ބައެއް މެމްބަރުން ވޯޓެއް ނުދެއްވަ އެވެ. މި މައްސަލާގައި އެ މެމްބަރުންނާ މެދު ގެންދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް ތެރޭގައި މައްސަލަ އުފެދިފައިވާއިރު ޕާޓީގެ އެތެރޭގައި ވެސް ވަނީ ބޮޑެތި މައްސަލަތައް އުފެދިފަ އެވެ. އެކަން ހައްލުކުރަން ސިވިލް ކޯޓަށް ހުށަހަޅައި މިހާރު ވަނީ ޝަރީއަތް ފަށައިފަ އެވެ.