ޓީވީއެމް ދޫކޮށް ޒިޔާ މަޖިލީހުގެ މީޑިއާ ޑިރެކްޓަރަކަށް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި މަސައްކަތް ކުރާތާ 13 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނޫސްވެރިޔާ ހަސަން ޒިޔާއު، ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމާ މިއަދު ހަވާލުވެއްޖެ އެވެ.


ޓީވީއެމުން އިސްތިއުފާ ދެއްވި އިރު ޒިޔާއު ހުންނެވީ އެ ސްޓޭޝަންގެ މެނޭޖަރެއްގެ މަގާމުގަ އެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދުމަށް ދެ ފަހަރެއްގެ މަތިން އިއުލާން ކޮށްފައިވާއިރު ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކޮށްފައިވުމާއެކު ނޫސްވެރިކަމުގެ ތަޖުރިބާ ހުރުމެވެ.

ޒިޔާއު ހިމެނެނީ ޓީވީއެމްގެ އެންމެ ސީނިއާ ނޫސްވެރިންގެ ތެރޭގަ އެވެ.

މަޖިލީހުގައި އޭނާގެ މަސްއޫލިއްޔަތަކީ އެ އިދާރާގެ މީޑިއާ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުމާއި މަޖިލީހުގެ އިދާރާއިން ނެރޭ ޚަބަރާއި ނޫސްބަޔާން ތައްޔާރު ކުރުމެވެ. އަދި މަޖިލީހުގެ އިދާރާއިން ޝާއިއުކުރާ ނޫސް މަޖައްލާ ފަދަ ތަކެތި ތައްޔާރުކޮށް ޝާއިއުކުރުމުގެ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން ހިމެނެ އެވެ.