ޕީއެސްއެމްގެ 14 މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ޕީއެސްއެމްގެ ކުރީގެ މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 14 މައްސަލައެއް ބަލައިދިނުމަށް އެދި އެ ކުންފުނީގެ އާ މެނޭޖުމެންޓުން މިިދިޔަ ހަފްތާގައި އޭސީސީއަށް ހުށަހަޅައިފި އެވެ.


ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމް އާ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު، "މިހާރު" އަށް ވިދާޅުވީ އޭސީސީއަށް ފޮނުވީ ޕްރޮކިއުމަންޓުގެ އިޖުރާއަތުން ބޭރުން ކޮށްފައިވާ މުއާމަލާތްތަކަކާ ބެހޭ 14 މައްސަލައެއް ކަމަށެވެ.

އެކަމަކު އެ މައްސަލަތައް ރައްދުވާ ފަރާތްތަކާއި މައްސަލަތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެ މައްސަލަތަކުގެ ތަހުގީގާ ގުޅޭ ގޮތުން އޭސީސީގެ ބަހެއް ވެސް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އެ ސަރުކާރު ނިސްބަތްވި ޕީޕީއެމްގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރި ޕީއެސްއެމާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމަށް ކުރެވޭ ތުހުމަތުތައް ވެސް ގިނަ އެވެ.

މި ފަހުން ޕީއެސްއެމާ ގުޅޭ ގޮތުން ފެތުރުނު އެންމެ ހައިރާންކުރުވަނިވި ހަބަރަކީ 4 މިލިއަން ރުފިޔާ ހޭދަކޮށްގެން އެމްޑީގެ ހާއްސަ ބިއުރޯއެއް ހެދުމެވެ. މިއީ ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އެމްޑީގެ ހާއްސަ އޮފީސް ހަދަން ވެސް ހޭދަކޮށްފައި ނުވާ ވަރުގެ އަދަދެއް ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން ޕީއެސްއެމުން ހިންގާ ޓްރޭނިން އިންސްޓިޓިއުޓެއް ކަމަށްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި)އަށް އިމާރާތެއް ހޯދުމުގައި ކޮރަޕްޝަންގެ ބޮޑު އަމަލެއް ހިންގާފައިވާ މައްސަލައެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ.