ޕީއެސްއެމްގެ އެމްޑީގެ އޮފީސް ބައި ހަދަން 4 މިލިއަން ރުފިޔާ!

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހިމް ޚަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) މުހައްމަދު އިކްރާމް ތިއްބަވަން، ޓީވީއެމް އިމާރާތުގައި ޚާއްސަ އޮފީސް ބައެއް ހަދަން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހޭދަކޮށްފައިވާ ކަމަށް އެތަނުގެ ބައެއް މުވައްޒަފުން ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީ ބިއުރޯ ހެދިިއިރު، ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުގައި ޚަލީލާއި އިކްރާމް ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ޕީއެސްއެމްގެ ބޯޑުގެ މެމްބަރުން ތިއްބަވަން ވަކި ތަނެއް ހުރެ އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީއެސްއެމަކީ ޔާމީންގެ ސަރުކާރާއި ޕީޕީއެމްގެ ޕްރޮޕެގަންޑާ ފެތުރުމާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން ކެމްޕެއިންކުރި މީޑިއާއެކެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު ރައްޔިތުންނަށް އިއްވަން ފުރުސަތު ނުދީ، ހުރިހާ ވަގުތެއް ޔާމީންގެ ކެމްޕޭނަށް ހުސްކުރިއިރު، ޕީއެސްއެމްގެ ބޯޑުގެ ބައެއް މެމްބަރުން ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގަތެވެ.

ޕީއެސްއެމްގެ އެމްޑީ އާއި ޑީއެމްޑީގެ އޮފީސް ބަޔަށް ދައުލަތުގެ ބަޖެޓުން މިހާ ބޮޑު އަދި ބޭކާރު ހޭދައެއް ކުރި ސަބަބާ މެދު ސުވާލު އުފެދެނީ އެ ދެ ބޭފުޅުން މަސައްކަތް ކުރައްވަން ވަކި ތަނެއް ހުއްޓައި އާ ތަނެއް ހެދެމުންނެވެ. އެކަމަކު ބިއުރޯ އަށް ހޭދަވި ޚަރަދުގެ ލިޔެކިޔުންތައް މިހާރު ފެންނަން ނެތް ކަމަށް، ބައެއް މުވައްޒަފުން ބުނެ އެވެ.

ޕީއެސްއެމް އިން ވާހަކަ ދެއްކެވި ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް އާމިނަތު ހުޝާމާ ވިދާޅުވީ އެމްޑީ އާއި ޑީއެމްޑީ އަށް ޚާއްސަ ބިއުރޯއެއް ހެދި ސީދާ ސަބަބު އެނގިވަޑައިގަންނަވާނީ އެ ދެ ބޭފުޅުންނަށް ކަމަށެވެ. އެކަމަކު ޓީވީއެމާއި އަޑު ހިންގަނީ ދެ އިމާރާތެއްގައި ކަން ފާހަގަކުރައްވައި، ވިދާޅުވީ ޓީވީއެމް އިމާރާތުގައި އާ ބިއުރޯއެއް ހެދީ ދުވަހުން ދުވަހަށް އެތަނުގެ މަސައްކަތް ދެ ބޭފުޅުން ކުރެއްވިއިރު، ފަސޭހައަކަށް ކަމަށް ވެދާނެ ކަމަށެވެ. އެތަން ހެދިއިރު، އަޑުގެ އިމާރާތުގެ ބައެއް ތަންތަން ހުސްކުރުމުގެ ވާހަކަ ވެސް ދެކެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޚަލީލް އާއި އިކްރާމް ފޯނު ނުނަންގަވާތީ ދެ ބޭފުޅުންގެ ބަހެއް ނުލިބުނެވެ.

ބައެއް މުވައްޒަފުން ލަފާކުރާ ގޮތުގައި، ޒަމާނީ ފެންވަރަށް އެތަން ހަދައި އަގުބޮޑު ސާމާނު ގަތުމަށް ހިނގި ހޭދަ ގާތްގަނޑަކަށް ފަސް މިލިއަނަށް އަރާނެ އެވެ.

މިއީ ޕީއެސްއެމްގެ މުވައްޒަފުންގެ ވެސް ކަންބޮޑުވުން އޮތް ކަމެކެވެ.

"މުވައްޒަފުން ތިބި ތަނެއް ހުސްކުރުމަށް ފަހު، ވަކި ބަަޔަކަށް ޚާއްސަކޮށްގެން އެހާ އަގުބޮޑު، ފެންވަރުގެ ބިއުރޯއެއް ހެދިއިރު، އެއީ އެއްވެސް ބޭނުންމެއް އޮތް ކަމެއް ނޫން،" ޓީވީއެމްގެ މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

އިންތިޚާބަށް ފަހު އެ ބިއުރޯ އަށް ބަދަލުވެވަޑައިގެން، މިދިޔަ މަހުގެ 22 ގައި، މަގާމުން ވަކިކުރުމާ ހަމައަށް ދެ ބޭފުޅުން މަސައްކަތް ކުރެއްވީ އާ އޮފީހުގަ އެވެ. އޭގެ ކުރިން އެތަން ބޭނުން ކުރެއްވީ ޚާއްސަ ބައްދަލުވުންތަކަށް އެކަނި ކަމަށްވެ އެވެ.

ޓީވީއެމް ހިންގާ އިމާރާތުގެ ތިން ވަނަ ފްލޯގައި ޚަލީލާއި އިކްރާމަށް ޚާއްސަ ބިއުރޯއެއް ހެދީ، ޕީއެސްއެމްގެ ޓެކްނިކަލް މުވައްޒަފުން ތިބި ތަނުގަ އެވެ. ބޮޑު ޖާގައެއް ބިއުރޯ އަށް ހުސްކުރުމުން، ޖާގައިގެ ދަތިކަން ކުރިމަތިވެ ޓެކްނިކަލް މުވައްޒަފުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް ވެ އެވެ.

"މިހާރު"އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި، އެމްޑީ އާއި ޑީއެމްޑީ އަށް ޚާއްސަ ބިއުރޯ އަށް ރިޔާސީ އިންތިޚާބާ ދިމާކޮށް، ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ވެއްދި އެވެ.

"ރައީސް ޔާމީނަށް [ރިޔާސީ] އިންތިޚާބު ނާކާމިޔާބު ވެފައި ވަނިކޮށް، އޭގެ ތެރެއިން ބައެއް މުވައްޒަފުން ވަނީ އެހެން ސެކްޝަންތަކަށް ބަދަލުކޮށްފައި،" މުވައްޒަފަކު ބުންޏެވެ.

ކުރީގެ ރައީސް ޔާމީންގެ ކެމްޕޭން ޖަލްސާއެއްގައި އިކްރާމް ވާހަކަ ދައްކަވަނީ.

ރައީސް ޔާމީން ދެ ވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ކަމަށް ޔަގީންކަމާ އެކު އިކްރާމް ޖަލްސާތަކުގައި ވާހަކަ ދެއްކެވިއިރު، މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި، އެ ބިއުރޯގެ ބޭނުމަކީ ޔާމީން ސަރުކާރުގެ އިސް ބޭފުޅުންނާ އެކު ޚާއްސަ ބައްދަލުވުންތައް ބޭއްވެވުމެވެ. އިންތިޚާބުގެ ތެރޭގައި ވެސް ޕީއެސްއެމް އިން ކުޅުނީ ޔާމީނަށް ދެ ވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ރައްޔިތުންނަށް ގަބޫލުކޮށްދިނުމުގެ ރޯލެކެވެ.

އަގުބޮޑު ބިއުރޯއެއް ހެދި ލިޔެކިޔުންތައް ފެންނަން ނެތްއިރު، ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އޮފީހުން އެކުލަވާލި އިންތިގާލީ ކޮމެޓީތަކުގެ މެމްބަރުން ވެސް ވަނީ ޕީއެސްއެމްގެ ޚަރަދުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮމެޓީގެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުންޏަށް ދައުލަތުގެ ބަޖެޓުން އަހަރަކު ދޭ 140 މިލިއަން ހޭދަކޮށްފައި ވަނީ މެނޭޖްކުރުމެއް ނެތި އެވެ. ޕަބްލިކް ސާވިސް މީޑިއާ އަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ މެންޑޭޓުގެ އިތުރުން، ބައެއް ކަންކަން ކުރަން އުޅުމުގެ ނަތީޖާ އަކީ ބޭކާރު ޚަރަދުތައް ގިނަވުން ކަމަށާއި ފަހުން ފައިސާ ލިބޭނެ ކަމަށް ބަލައިގެން ވެސް ބައެއް ޚަރަދުތައް ކޮށްފައިވާ ކަމަށް ކޮމެޓީން ބުނެފައިވެ އެވެ.

"މެންޑޭޓާ އެއްގޮތަށް ނުގެންދެވުމުގެ އިތުރުން، ތަނުގެ އެޑިޓޯރިއަލް އިންޑިޕެންޑެންސަށް ވަރަށް ބޮޑަށް ބޯޑުގެ ނުފޫޒު ފޯރުވައިގެން ކަންކަން ކުރިއަށް ގެންދެވިފައި ވަނީ. އޭގެ އިތުރަށް ޕްރޮކިއުމެންޓް ޕޮލިސީސްތަކެއް ނެތް ކަން. އަދި ބޮޑެތި ޕްރޮޖެކްޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާއިރު، އެއީ އެކަށޭނެ އަދި ދައުލަތުގެ ނިޒާމްގެ ތެރެއިން ނޫން ގެންގޮސްފައި ހުރި،" އެ ކޮމެޓީގެ މުގައްރިރު، މިހާރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި އެވެ.

ޕީއެސްއެމްގައި 522 މުވައްޒަފުން ތިބިއިރު އޭގެ ތެރޭގައި ވަގުތީ މުވައްޒަފުންނާއި އެކަށީގެންވާ މަސްއޫލިއްޔަތެއް ނެތް މުވައްޒަފުން ވެސް ހިމެނޭ ކަމުގެ ކަންބޮޑުވުން ވެސް އެ ކޮމެޓީން ވަނީ ފާޅުކޮށްފަ އެވެ.