"ތި ފޮޓޯ ޖަހަން ޖެހޭނީ އަޅުގަނޑު މަރުވީމަ"

"ހަވީރު" އަށް 35 އަހަރު ފުރުމާ ގުޅިގެން 2014 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޚިދުމަތުގެ އެވޯޑް އެރުވި އެންމެ ޚާއްސަ އެއް ބޭފުޅަކީ އަލީ ހުސެއިން އެވެ. އެކަމަކު އޭނާ އަކީ ގެއިން ބޭރަށް ނުކުންނަވައި އުޅުއްވި ބޭފުޅެއް ނޫނެވެ. ޚާއްސަކޮށް އެފަދަ ހަފުލާތަކަށް އެއްގޮތަކަށް ވެސް ވަޑައެއްނުގަންނަވަ އެވެ. އެހެންކަމުން "ހަވީރު"ގެ މެނޭޖްމަންޓުން ނިންމީ އަލީ ހުސެއިންގެ އަރިހަށް ގޮސް އެވޯޑް އަރުވާށެވެ.


އެ ދުވަހު "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އާއި "ހަވީރު"ގެ ކުރީގެ އެޑިޓަރު އަދި އޮންލައިން ނޫސްވެރިކަން ރާއްޖެއަށް ތައާރަފުކުރެއްވުމުގެ އެއް ބާނީ ޑރ. އަލީ ރަފީގާ އެކު، އޭރު "ހަވީރު"ގެ އެޑިޓަރެއްގެ ގޮތުން އަޅުގަނޑު ވެސް ދިޔައިމެވެ. އަލީ ހުސެއިންގެ މ. ވާރޭވިލާއަށް ގޮސް އެވޯޑް ހަވާލުކުރުމުގެ ތެރޭގައި ފޮޓޯއެއް ނަގަން ޖެހޭނެ ނޫންތޯ ދެންނެވުމުން، ތިއީ "އަޅުގަނޑު ކުރާ ކަމެއް ނޫނޭ" ވެސް ވިދާޅުވި އެވެ. އެކަމަކު ޒާހިރުގެ އަތްޕުޅުން އެވޯޑާ ހަވާލުވެވަޑައިގަންނަވާ ފޮޓޯއަށް އޭނާ ހުއްދަ ދެއްވި އެވެ؛ އެންމެ ޝަރުތަކާ އެކުގަ އެވެ: "ތި ފޮޓޯ ޖަހަން ޖެހޭނީ އަޅުގަނޑު މަރުވީމަ" މި އެވެ.

މިއަދު އެ ފޮޓޯ "މިހާރު"ގައި މި ޖަހަނީ، އަލީ ހުސެއިން، ރާއްޖޭގެ ލިއުންތެރިކަމަށާއި ޗާޕަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ހަނދާނެއްގެ ގޮތުގަ އެވެ. އޭނާއަށް ނޫސްވެރިކަމުގެ ދާއިރާ އިން ޚިދުމަތުގެ އެވޯޑް އެރުވިކަން ތާރީޚުން ވެސް ފެންނަން އޮންނަން ޖެހޭނެ ކަމަށް ބަލައިފަ އެވެ.

އެ ދުވަހު ވެސް އަލީ ހުސެއިން ވަނީ އޭނާގެ މަޖާ މިޒާޖާއި ހަނދުމަފުޅު ހުރި ބައެއް ހާދިސާތަކުގެ ވާހަކަ ހިއްސާކުރައްވައިފަ އެވެ. ޒާހިރާއި "ހަވީރު"ގެ މަސައްކަތަށް ތައުރީފް ވެސް ކުރެއްވި އެވެ. އަދި ގިނަގިނައިން ދެ ބޭފުޅުން ބައްދަލުކުރައްވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހަވީރު"ގެ އިސް އެހީތެރިއެއް

ރާއްޖޭގެ އޭރުގެ އެންމެ ބޮޑު ނޫސް "ހަވީރު"އާ މެދު އަލީ ހުސެންގެ ކޮންމެވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް އޮތެވެ. އެކަމަކު ޖެނުއަރީ 1، 1979 ގައި "ހަވީރު" ނެރެން ފެށީ އޭނާގެ ވަރަށް ބޮޑު މަސައްކަތެއް އޮވެގެން، އޭނާގެ ވެސް ބެއްލެވުމުގެ ދަށުންނެވެ.

އަލީ ހުސެއިންގެ ޗާޕް ބައިން "ހަވީރު" ނެރުން ހުއްޓާލީ މާޗު 31، 1983 ގަ އެވެ. އެ ދުވަހާ ހަމައަށް "ހަވީރު"ގެ ލޭއައުޓް ހެދުމާއި ޗާޕްކުރުމާއި ނޫސް ބެހުމުގެ ޒިންމާ ނަގަމުން ދިޔައީ ވެސް އަލީ ހުސެއިން އެވެ.

ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން މާޗު 31، 2016 ގައި "ހަވީރު" ހުއްޓާލުމާ ހަމައަށް އެ ނޫސް ގަވާއިދުން ނުނެރެވުނީ އެންމެ ދެ ދުވަހު އެވެ. އެއީ އެޕްރީލް 1، 1983 އާއި ތަމަޅަ ޓެރަރިސްޓުންގެ ހަމަލާ ރާއްޖެއަށް އަމާޒުވި ނޮވެމްބަރު 3، 1988 ގަ އެވެ.

މާޗު 31، 1983 އާ ހަމައަށް އަލީ ހުސެން "ހަވީރު" ޗާޕްކުރެއްވީ އޮފްސެޓުން އަދި އޭރު ދުނިޔޭގެ ފެންވަރުން ވެސް ރީތިކޮށެވެ. އެކަމަކު އެ ފެންވަރަށް ޗާޕްކުރާނެ ދެ ވަނަ ތަނެއް އޭރަކު ރާއްޖެއަކު ނެތެވެ. އެހެންކަމުން އެޕްރީލް 2، 1983 ގައި އަލުން "ހަވީރު" ނެރެން ފެށީ ވަރަށް އާދައިގެ ޗާޕެއްގައި، ގާތްގަނޑަކަށް އޭފޯ ސައިޒަށެވެ.

އަލީ ހުސެއިން ދަންނަ ބައެއް މީހުން ބުނާ ގޮތުގައި، އެހާ އާދައިގެ ގޮތަކަށް "ހަވީރު" އަލުން ނެރުނަސް އެއީ ނޫސްވެރިކަމުގެ ހިދުމަތެއް ކަމަށް އޭނާ ގަބޫލުކުރެއްވި އެވެ. އަދި 1986 ގައި އަމިއްލަ އޮފްސެޓް ޗާޕްގައި "ހަވީރު"ގެ ޕްރިންޓް ކޮލިޓީ ރަނގަޅުކުރުމާއި ނޫސްވެރިކަމުގައި ހޯދަމުން އައި ކުރިއެރުންތަކަށް އޭނާ ތައުރީފް ވެސް ކުރެއްވި އެވެ. އެހެންކަމުން އެ ނޫސް އޭނާގެ މުހިންމު ރޯލެއް އޮވެގެން ފެށުމަކީ އަބަދުވެސް އަލީ ހުސެއިންއަށް އޮތް އުފަލެކެވެ.

އަދި 2014 ގައި "ހަވީރު"ގެ ޚިދުމަތުގެ އެވޯޑް އޭނާ ގަބޫލުފުޅުކުރެއްވުމަކީ ނޫހުގެ މެނޭޖްމަންޓަށް ލިބުނު ވަރަށް ބޮޑު އުފަލެއް ވެސް މެ އެވެ.

މައުލޫމާތުގެ ހަޒާނާއެއް

ގާތްގަނޑަކަށް ހަތަރު ފަހަރެއްގެ މަތިން އަލީ ހުސެއިންއާ އަޅުގަނޑު ބައްދަލުވި އެވެ. އޭގެ ތެރެއިން ބައެއް ފަހަރު އޭނާގެ ތާރީޚީ އަދި ސިޔާސީ ވާހަކަތަކުގައި ދެތިން ގަޑިއިރު ވެސް ހޭދަވެ އެވެ. އޭނާ ލިއުއްވަމުން ގެންދަވާ ފޮތްތަކާއި ތާރީޚީ ލިއުންތައް ހޯއްދަވާ ގޮތާއި ސިޔާސީ އެކި ބޭފުޅުންނާ ބެހޭ އެކި ވާހަކަތައް ހުސްވުމެއް ނެތެވެ: އޭނާއަކީ މައުލޫމާތުގެ ހަޒާނާއެކެވެ.

ހަގީގަތުގައި އަލީ ހުސެއިން ހިންގެވީ ހަމައެކަނި ޗާޕްހާނާއެއް ނޫނެވެ. އޭނާ އަކީ އަަދަބިއްޔާތަށާއި ލިއުންތެރިކަމަށް ވަރަށް މަތީ ދަރަޖައަކަށް ލޯބިކުރެއްވި ލިއުންތެރިއެއް/ތާރީޚީ އިލްމުވެރިއެކެވެ. ޗާޕްގެ މަސައްކަތް ތަރައްގީކުރެއްވުމުގައި އޭނާ ގެންގުޅުއްވި ވިސްނުންފުޅު އެހާމެ ފުޅަ އެވެ. އާންމު މީހަކު ހައިރާންވާވަރުގެ މެޝިންތައް އޭނާ ރާއްޖެ ގެންނެވި އެވެ.

ނޮވެލްޓީ އަލީ ހުސެއިންއޭ ބުނުމުން އެ ނަން މަޝްހޫރު ވެފައި އޮތް ވަރާ ގާތަށް ވެސް އޭނާ އެނގޭ މީހުން ވަރަށް މަދުވާނެ އެވެ. އޭނާއަކީ އިންޓަވިއު ދެއްވި ބޭފުޅެއް ނޫނެވެ. އެހެންކަމުން އޭނާގެ ޕްރޮފައިލްތައް މީޑިއާއަކުން ނުހަދަ އެވެ.

ހުރިހާ ވަގުތެއްހެން އަލީ ހުސެއިން ހޭދަކުރެއްވީ ޗާޕް ބައިގަ އާއި ގޭގަ އެވެ. އާންމު ތަންތަނަށް ވަޑައިގެން ނޫޅުއްވަ އެވެ. އެކަމަކު އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމެއް ރާއްޖެއަކު ނުހިނގަ އެވެ. ހުރިހާ ކަމެއްގެ، ހުރިހާ މައުލޫމާތެއް އޭނާ ހޯއްދަވަ އެވެ. އޭނާ ޖެހިލުންވެވަޑައިގަންނަވާ ސިޔާސީ ވެރިޔަކު ނެތެވެ. އޭނާ ބޭނުފުޅުވާ ގޮތަށް މެނުވީ އެއިން އެއްވެސް ބޭފުޅަކާ މުއާމަލާތެއް ވެސް ނުކުރައްވަ އެވެ: ސީދަލަށް ކޮންމެ އެއްޗެއް ވެސް ވިދާޅުވެ އެވެ.

މިއަދު އަލީ ހުސެއިން، އުމުރުފުޅުން 82 އަހަރުގައި، އަވަހާރަވުމަކީ ހަމައެކަނި ރާއްޖޭގެ ޗާޕްގެ ދާއިރާއަށް ލިބޭނެ ފަޅުކަމެއް ނޫނެވެ. އެކި މީހުން އަތުން ހޯއްދަވާފައިވާ ތާރީޚީ އެތައް ލިއުންތަކަކާއި އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކުރައްވާ ލިއުއްވަމުން ގެންދެވި ސިލްސިލާ ފޮތްތައް ކިއުންތެރިންނާ ހަމައަށް އައުމުގައި ވެސް ދެން އޮތީ ފަޅުކަމެވެ. މާލީ ފައިދާއެއް ނެތް ގޮތަށް އެތައް ލިއުންތަކެއް ޗާޕްކޮށްގެން އޭނާ ނެރުއްވީ އެކަމަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ.

އެގޮތަށް އެކަން ކުރާނެ އެހެން މީހަކު ރާއްޖެއަކުން އަދި ނުފެނެ އެވެ.