ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުން މާލީ ބަޔާން ހާމަކުރައްވައިފި

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި، ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމުކުމުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް އަދި ކެބިނެޓްގެ މިނިސްޓަރުންނާއި ރައީސް އޮފީހުގެ އިސް ވެރިންގެ މާލީ ބަޔާންތައް މިރޭ އާންމުކުރައްވައިފި އެވެ.


ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ، ރައީސްގެ މާލީ ބަޔާނުން ދައްކަނީ އެމަނިކުފާނުގެ މިލްކިއްޔާތުގައި އޮތީ، އުފަން ރަށް، ޅ. ހިންނަވަރުގައި އޮތް ބަންޑާރަ ގޯތި "ނޫރާނީ" އެކަންޏެވެ. އަދި ރައީސްކަމަށް އިންތިޚާބުވުމުގެ ކުރިއަށް ހިނގި ހަ މަސް ދުވަހުގެ އާމްދަނީއަކީ 1،532،680ރ. އެވެ. އެއީ މުސާރަ އާއި އެލަންވަންސްގެ ގޮތުގައި ލިބިވަޑައިގެންފައިވާ އާމްދަނީ އެވެ. އޭރު އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރެވެ. ރައީސްގެ އެއްވެސް ދަރަންޏެއް ނެތެވެ.

ނައިބު ރައީސް ފައިސަލްގެ މިލްކިއްޔާތު 17،470،000ރ. އަށް އަރަ އެވެ. އެއި އުފަން ރަށް ފުވައްމުލަކުގައި ހުރި 10،500،000ރ.ގެ "މިލޭނިއަމް" ގެ، ހުޅުމާލޭ ވަން އެވެނިއުގެ 6،200،000ރ. ގެ ދެ އެޕާޓްމަންޓް، 500،000ރ. ގެ ދެ ކާރު އަދި 270،000ރ. ގެ އަގު ހުރި ހަ ސައިކަލެވެ.

ނައިބު ރައީސްކަމާ ހަވާުލުވެ ވަޑައިގަތުމުގެ ކުރިން ހަ މަސް ދުވަހުގެ ތެރޭގައި އާމްދަނީ އަށް 1،710،000ރ. ލިބިވަޑައިގެންފައިވެ އެވެ. އެއީ މުސާރަ އާއި އެލަވަންސްގެ ގޮތުގަ އެވެ. ފައިސަލް އަކީ އޭރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުގެ އިތުރުން، ވިޔަފާރިތައް ވެސް ކުރެއްވި ބޭފުޅެކެވެ. ނައިބު ރައީސްގެ ވެސް އެއްވެސް ދަރަންޏެއް ނެތެވެ.

ކެބިނެޓްގެ މެންބަރުން ވެސް އެ ބޭފުޅުންގެ ވިޔަފާރި އާއި މިލްކިއްޔާތު ހާމަކުރައްވާފައި ވާއިރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މާލީ ބަޔާން ޝައުގުވެރި އެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ގާސިމް އިބްރާހިމްގެ އަނބިކަނބަލެއް ނަމަވެސް މިލްކިއްޔާތުގައި އެކައްޗެއް ވެސް ނެތެވެ. ވިލާ ކުންފުނީގެ ބާނީ ގާސިމްގެ އަނބިކަނބަލުން ނަހުލާ އަށް، މަގާމުގެ ހަ މަސް ކުރިން ލިބިވަޑައިގެންނެވި ހަމައެކަނި އާމްދަނީއެއް ކަމަށް އޮތީ އެސްޓީއޯގެ ހިއްސާގެ ފައިދާ އަށް ލިބިވަޑައިގެންނެވި 2،443.40ރ. އެވެ. ނަހުލާގެ ވެސް އެއްވެސް ދަރަންޏެއް ނެތެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް މަގާމުގެ ހަ މަސް ކުރީގެ އާމްދަނީ އަށް ކުލީގެ ގޮތުގައި 150،000ރ. ލިބިވަޑައިގެންފައިވެ އެވެ. އަދި މިލްކިއްޔާތުގައި 5.4 މިލިއަން ރުފިޔާގެ ގޯއްޗެއް ހުޅުމާލޭގައި އެބަ އޮތެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް، މަގާމުގެ ހަ މަސް ކުރިން އެއްވެސް އާމްދަނީއެއް ލިބިވަޑައިގެންފައެއް ނުވެ އެވެ. އެ މަނިކުފާނު އޭރު ހުންނެވީ ޓެރަރިޒަމްގެ ކުށުގައި ޖަލުގަ އެވެ. ނަމަވެސް މިލްކިއްޔާތުގައި، ހުޅުމާލޭ އަމީން އެވެނިއު އިން 2.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓަކާއި 50،000ރ.ގެ ސައިކަލެއް އެބަހުއްޓެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް، މަގާމުގެ ހަ މަސް ކުރީގެ ޖުމުލަ އާމްދަނީ އަކީ ފިހާރައިގެ ކުލީގެ ގޮތުގައި ލިބިވަޑައިގެންފައިވާ 210،000ރ. އެވެ. މިލްކިއްޔާތުގައި ޗާންދަނީ މަގު 1/29 ނަންބަރު ފިހާރަ އާއި ދެ ކުންފުންޏެއްގެ ހިއްސާ އެބަ އޮތެވެ. އަދި ދަރަނީގެ ގޮތުގައި، ޗާންދަނީ މަގު 1/29 ނަންބަރު ފިހާރައިގެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ދައްކަންޖެހޭ 533،544.58ރ. އެބަ އޮތެވެ. ނަމަވެސް އެ ހުކުމް އިސްތިއުނާފުކޮށްފައި ވާތީ ހުކުމް ތަންފީޒުކުރުން އޮތީ ފަސްކޮށްފަ އެވެ.

ރައީސް އާއި ނައިބު ރައީސްގެ އިތުރުން ރައީސް އޮފީހުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި 26 ބޭފުޅެއްގެ މާލީ ބަޔާންތައް ވެސް ވަނީ ހާމަކުރައްވައިފަ އެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް އައްޔަނުކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމުގެ މަސައްކަތުގެ ތެރެއިން، ދައުލަތުގެ ވުޒާރާތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ބޭފުޅުންނާއި، ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާފައިވާ ހުރިހާ ބޭފުޅުން ވެސް ކުރިއަށް އޮތްތާނގައި މާލީ ބަޔާންތައް ހާމަކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ހުރިހާ މާލީ ބަޔާންތައް ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށް އަހަރަކު އެއްފަހަރު އަޕްޑޭޓްކުރާނެ ކަމަށް ވެސް ބުންޏެވެ.