އެންމެ ދަރަނި ބޮޑު ވަޒީރަކީ މަލީހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުން އަދި ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް ރޭ އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ދަރަނި ބޮޑު ވަޒީރަކީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ކަން ހާމަވެއްޖެ އެވެ.


އެ ބޭފުޅުން މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިއަށް ހިނގި ހަ މަސް ދުވަހުގެ މާލީ ބަޔާން އާންމު ކޮށްފައިވާއިރު، އެއީ ކޮރަޕްޝަނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނޭ ރިޔާސީ ވައުދެކެވެ.

ރައީސާއި ނައިބު ރައީސާއި ވަޒީރުން މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރެއްވި މަލީހްގެ މާލީ ބަޔާނުގައި ވާ ގޮތުން، އިސްލާމިކް ބެންކުން އޭނާ ނަންގަވާފައިވާ ލޯނަކަށް ދައްކަން ޖެހިވަޑައިގަންނަވާ 5.7 މިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތެވެ. އާމްދަނީގެ ގޮތުގައި ހުރީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 720،000ރ. އެވެ. މަލީހްގެ މިލްކިއްޔާތުގައި ދެ ކުންފުނި ހިމެނޭއިރު، އޭގެ ތެރެއިން ހަތާ ބީޗް މޯލްޑިވްސްގެ އަގު ތިން މިލިއަން ރުފިޔާ އަށް އަރަ އެވެ. ކާފް މާޓްގެ ނަމުގައި ހިންގާ ފިހާރައިގެ އަގަކީ އަށް ލައްކަ ރުފިޔާ އެވެ. އެމްޓީޑީސީން ގަނެފައިވާ 16،500ރ. ގެ ހިއްސާ ވެސް މަލީހްގެ މާލިއްޔަތުގެ ގޮތުގައި ހިމެނެ އެވެ.

މިނިސްޓަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް

ދެވަނަ އަށް އެންމެ ދަރަނި ބޮޑު މިނިސްޓަރަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ލޯންގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ނަންގަވާފައިވާ ހައުސިން ފެސިލިޓީ އަށް 5.6 މިލިއަން ރުފިޔާ އޭނާ ދައްކަވަން ޖެހިވަޑައިގަންނަވަ އެވެ. އަމީންގެ މިލްކިއްޔާތުގައި މުދަލެއް ނެތެވެ. އާމްދަނީގެ ގޮތުގައި ހުރީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 390،000ރ. އެވެ.

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުހައްމަދު އަސްލަމްގެ އާމްދަނީ އަކީ ވިޔަފާރީގެ ފައިދާ އިން ލިބިވަޑައިގެންފައިވާ 3.1 މިލިއަން ރުފިޔާ އެވެ. އޭނާގެ މިލްކިއްޔާތުގައި މުދަލެއް ނެތެވެ. ދަރަންޏަށް ބަލާއިރު އެޗްޑީއެފްސީން ދެވަނަ ފަރާތެއްގެ ގޮތުން ސޮއިކުރައްވައި ނަންގަވާފައިވާ ތިން ލޯނަކަށް 3.7 މިލިއަން ރުފިޔާ ދައްކަވަން ޖެހެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައި ވަނީ 190،080ރ. އެވެ. މިލްކިއްޔާތުގައި ހުޅުމާލޭގައި ފްލެޓެއް ހުރިއިރު އެ ތަނުގެ އަގު 431،077ރ. އަށް އަރަ އެވެ. ދަރަނީގެ ގޮތުގައި، ބީއެމްއެލް އިން ނަގާފައިވާ 356،565ރ. ގެ ލޯނެއް އެބައޮތެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް މުސާރައިގެ ގޮތުގައި 457،150ރ. ލިބިވަޑައިގެންފައިވާ ކަމަށް މާލީ ބަޔާނުން ދައްކަ އެވެ. އަދި ކޮންސަލްޓެންސީ ފީ ގެ ގޮތުގައި 396،508ރ. ގެ އާމްދަނީއެއް ލިބިވަޑައިގެންފައި ވެ އެވެ. ފައްޔާޒް ދައްކަވަން ޖެހޭ ލޯނުގެ ގޮތުގައި އިސްލާމިކް ބެންކުން ނަގާފައިވާ 55،655ރ. ގެ ދަރަންޏެއް އެބައޮތެވެ. އޭނާގެ ހިއްސާ އޮންނަ ހަ ކުންފުންޏެއް ހިންގި ނަމަވެސް އެ ތަންތަނުގެ އަގު މާލީ ބަޔާނަކު ނެތެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނަށް ފިހާރައެއްގެ ކުލީގެ ގޮތުގައި 210،000ރ. ގެ އާމްދަނީއެއް ލިބިވަޑައިގެންފައި ވެ އެވެ. ދަރަނީގެ ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ ފިހާރައާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއްގެ ދަށުން ދައްކަވަން ޖެހޭ 533،544ރ. ހިމެނެ އެވެ. ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައިވާތީ ފައިސާ ދެއްކުން އޮތީ މަޑުޖައްސާލައިފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އާމްދަނީ އަކީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 188،892ރ. އެވެ. މިލްކިއްޔާތުގައި 55،000ރ. ގެ ސައިކަލެއް ހުރިއިރު ދަރަނީގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އިން ނަންގަވާފައިވާ ލޯނަކަށް ދައްކަން ޖެހޭ 84،065ރ. އެބަހުއްޓެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ އާއި ޓްރާންސްޕޯޓް މިނިސްޓަރު ނަހްލާ އަދި އެޓާނީ ޖެނެރަލް ރިއްފަތު-- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މިލްކިއްޔާތުގައި ހުރި، ހުޅުމާލޭގެ އަމީން އެވެނިއުގެ އެޕާޓްމަންޓުގެ އަގު 2،500،000ރ. އަށް އަރަ އެވެ. އޭނާގެ ސައިކަލްގެ އަގަކީ 50،000ރ. އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތަށް މުސާރައިގެ ގޮތުގައި 339،787ރ. ލިބިވަޑައިގެންގައިވާއިރު، ދިރާގުގެ ހިއްސާގެ ފައިދާގެ ގޮތުގައި 2،952ރ. ލިބިވަޑައިގެންނެވި ކަމަށް މާލީ ބަޔާނުގައި ވެ އެވެ. އަދި އެސްޓީއޯގެ ހިއްސާގެ ފައިދާގެ ގޮތުގައި ލިބިވަޑައިގެންފައިވާ 5،000ރ. ވެސް ހިމެނެ އެވެ. ރިފްއަތުގެ މިލްކިއްޔާތަށް ބަލާއިރު 35،000ރ. ގެ ސައިކަލަކާއި 51،650ރ. ގެ ސައިކަލެއް އެބަހުއްޓެވެ. އަދި އެމްޓީޑީސީގެ 11،000ގެ ހިއްސާ އަކާއި ދިރާގުގެ 250 ހިއްސާގެ އިތުރުން އެސްޓީއޯގެ 100 ހިއްސާ އާއި ބީއެމްއެލްގެ 70 ހިއްސާ މިލްކިއްޔާތުގައި އެބަ ހުއްޓެވެ.

އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަށް މުސާރައިގެ ގޮތުގައި 60،000ރ. ލިބިވަޑައިގެންފައިވާއިރު މިލްކިއްޔާތުގެ ގޮތުގައި ދެ ސައިކަލް ހުރި ކަމަށް މާލީ ބަޔާނުން ދައްކަ އެވެ. އޭގެ ތެރެއިން އެއް ސައިކަލްގެ އަގު 10،000ރ. އަށް އަރާއިރު 25،000ރ. އަށް އަރާ އިތުރު ސައިކަލެއް ވެސް އެބަހުއްޓެވެ. ލޯނަށް ބަލާއިރު ބީއެމްއެލް ކްރެޑިޓް ކާޑަށް 2،664 ޑޮލަރު ޑރ. ހުސައިން ދައްކަވަން ޖެހެ އެވެ.

ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފަށް މުސާރައިގެ ގޮތުގައި 114،000ރ. ލިބިވަޑައިގެންފައިވެ އެވެ. އޭނާގެ މިލްކިއްޔާތުގައި މުދަލެއް އަދި ދަރަންޏެއް ވެސް ނެތެވެ.

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މާލީ ބަޔާނަށް ބަލާއިރު، އޭނާ އަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ 422،923ރ. އެވެ. އެކަމަކު، އިތުރު އާމްދަނީގެ ގޮތުގައި 75،000ރ. ލިބިވަޑައިގެންނެވި އެވެ. މިލްކިއްޔާތުގައި ހުރީ 85،000ރ. ގެ ސައިކަލެކެވެ. މަހްލޫފުގެ އެއްވެސް ދަރަންޏެއް ނެތެވެ.

ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަށް ލިވިން އެލަވަންސްގެ ގޮތުގައި 90،000ރ. ލިބިވަޑައިގެންނެވި އެވެ. މިލްކިއްޔާތުގައި މުދަލެއް އަދި ދައްކަން ޖެހޭ ދަރަންޏެއް ވެސް އާތިފާގެ ނެތެވެ. ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް 240،000ރ. މުސާރައިގެ ގޮތުގައި ލިބިވަޑައިގެންނެވި އެވެ. އޭނާގެ މިލްކިއްޔާތުގައި މުދަލެއް، ދަރަންޏެއް ވެސް ނެތެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އާމްދަނީ އަށް ބަލާއިރު ކުލީގެ ގޮތުގައި 150،000ރ. ލިބިވަޑައިގެންފައިވެ އެވެ. މިލްކިއްޔާތަކަށް ހުރީ ހުޅުމާލެ އިން ބައްލަވައިގެންފައިވާ "ލޮޓް 11052" ނަމުގެ ގެ އެވެ. އެ ތަނުގެ އަގު 5،400،000ރ. އަށް އަރަ އެވެ. އަލީ ވަހީދުގެ އެއްވެސް ދަރަންޏެއް ނެތެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތުގެ ނަހުލާގެ އާމްދަނީ އަކީ އެސްޓީއޯގެ ހިއްސާގެ ފައިދާގެ ގޮތުގައި ލިބިވަޑައިގެންފައިވާ 2،443ރ. އެކަންޏެވެ. ދައްކަވަން ޖެހިވަޑައިގަންނަވާ ދަރަންޏެއް ނެތެވެ.

ގައުމީ ޔުނިވާސިޓީގެ އިސް މަގާމުތަކެއް އަދާކުރެއްވި، މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީގެ އާމްދަނީ އަކީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 126،000ރ. އެވެ. މިލްކިއްޔާތުގައި މުދަލެއް ނެތްއިރު ދައްކަން ޖެހޭ ދަރަންޏެއްވެސް ނެތެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންގެ އާމްދަނީގެ ގޮތުގައި ހުރީ ގޭގެ ކުލީގެ ގޮތުގައި ލިބިވަޑައިގެންފައިވާ 390،000ރ. އާއި ކޮންސަލްޓެންސީ ފީގެ ގޮތުގައި 2،331 ޑޮލަރެވެ. އަދި ދިރާގުގެ ހިއްސާގެ ފައިދާ އިން 298ރ. އާއި ބީއެމްއެލްގެ ހިއްސާގެ ފައިދާ އިން 550ރ. ގެ އިތުރުން އެސްޓީއޯގެ ހިއްސާ އިން 550ރ. އާމްދަނީގެ ގޮތުގައި އެބަހުއްޓެވެ. އިބްރާހިމް ހަސަންގެ މިލްކިއްޔާތުގައި މ. އިހަލި ނަމަކަށް ކިޔާ ގޯއްޗަކާއި 56،008ރ. ގެ ސައިކަލެއް ހުރި ކަމަށް މާލީ ބަޔާނުން ދައްކަ އެވެ. އޭނާ އެއްވެސް ދަރަންޏެއް ނެތެވެ.

ވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އާމްދަނީ އަކީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 844،710ރ. އެވެ. އޭނާ ދަރަންޏެއް ނެތެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން 25 އަހަރު ކުރެއްވި އަދި މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި އަބްދުﷲ ޝާހިދުގެ އާމްދަނީގެ ތެރޭގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބިވަޑައިގެންފައިވާ 354،000ރ. އާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންފައިވާ 120،000ރ. ގެ އިތުރުން ވިޔަފާރީގެ ފައިދާއިން ލިބިވަޑައިގެންފައިވާ 2.3 މިލިއަން ރުފިޔާ އެވެ. ޝާހިދުގެ އެއްވެސް ދަރަންޏެއް ނެތެވެ. އޭނާގެ މިލްކިއްޔާތުގައި ހ. ރަބީއީމަންޒިލާއި އިނގިރޭސި ވިލާތުން ބައްލަވައިގެންފައިވާ ގޯއްޗެއްގެ އިތުރުން ކާރެއް އެބައޮތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުން އަދި ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް ތައްޔާރު ކޮށްފައި ވަނީ އެ ބޭފުޅުން މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިއަށް ހިނގި ހަ މަސް ދުވަހުގެ މުއްދަތުގައި ލިބިވަޑައިގެންނެވި އާމްދަނީ އާއި ދަރަންޏާއި އެހެނިހެން މާލީ އިނާޔަތްތަކަށް ރިއާޔަތް ކޮށެވެ.