ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޖުމްލަ 57 ޕެކެޓު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދެ ބިދޭސީން ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއްކަން ފުލުހުން ނުބުނެ އެވެ.
އިއްޔެ އެ ދެ މީހުންގެ ތެރެއިން އެކަކު އަތުލައިގަނެފައި ވަނީ ރާއްޖެއިން ބޭރުން މާލެ އައިތަނުން 31 ޕެކެޓު މަސްތުވާތަކެއްޗާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަނެކަކު އަތުލައިގަތީ އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރިއިރު 26 ޕެކެޓު މަސްތުވާތަކެއްޗާ އެކު އެވެ.
މާލެއިން ހައްޔަރު ކުރި މީހާ ހޯދާފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
އެ ދެ ބިދޭސީންގެ މެދުގައި އެއްވެސް ގުޅުމެއްވާކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި އެ ދެ ބިދޭސީންނަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފަ އެވެ.

މިދިޔަ ބުދަ ދުވަހު 1.6 މިލިއަން ރުފިޔާގެ ޔާބާ ނަމަކަށް ކިޔާ ނުރައްކާތެރި މަސްތުވާތަކެތި މާލެ އެތެރެ ކުރަން އުޅުނު ބިދޭސީއެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ ހިފަހައްޓައިފަ އެވެ.
ޔާބާއަކީ އާންމުކޮށް ތައިލެންޑާއި މިޔަންމާގައި، ލެބޯރަޓަރީތަކުގައި އުފައްދާ މަސްތުވާއެއްޗެކެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި ސިފައިން ލައްވާ ބުރަކޮށް މަސައްކަތް ކުރުވަން ޖަރުމަނުގެ ޑިކްޓޭޓަރު އެޑޯލްފް ހިޓްލަރުގެ އޯޑަރަށް އުފެއްދި އެއްޗެއް ކަމަށްވެ އެވެ.