ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި

ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.


އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އުޅަނދުތަކުގައި ޕާކިން ސްޓިކާ ޖެހުން ހުއްޓާލީ ސަރުކާރުން އަންގައިގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އުޅަނދުތައް ރާއްޖެ އެތެރެކުރުމާއި ގެންގުޅުމުގެ އިތުރުން އެ އެއްޗެހިތައް އެކަށީގެންވާ ގޮތެއްގައި ޕާކުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެފަދަ މައްސަލަތައް ހުއްޓައި ޕާކްކުރާނެ ޖާގަ ތަނަވަސްނުކޮށް ފުލުހުން ނުކުމެ ސްޓިކާ ޖެހުމަކީ ގަބޫލުކުރެވޭ އުސޫލެއް ނޫން ކަން އޭނާ ފާހަަގަކުރެއްވި އެވެ.

މިިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަމީދު ވިދާޅުވީ ސްޓިކާ ޖެހުމުގައި ފުލުހުން މަގުތަކުގައި ގިނަ ވަގުތު ހޭދަކުރާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބައެއް ސިޔާސަތުގެ ދަށުން އެ ޖޫރިމަނާތައް މައާފްކުރާ ކަމަށާއި އެއީ ފުލުހުންގެ ވަގުތުތަކެއް ބޭކާރުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

ލައިސަންސް ނެތި އުޅަނދު ދުއްވުމާއި ބާރަށް އުޅަނދު ދުއްވުން ފަދަ ކަންކަމުގައި މިހާރު ވެސް ފިޔަވަޅު އަޅާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ޕާކިން ޖޫރިމަނާ މައާފުކޮށްދީފަ އެވެ. އެގޮތުން 2015 އަދި 2016 ވަނަ އަހަރު ކުރި 7.8 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ވަނީ މިިދިޔަ އަހަރުގެ ޖުލައި މަހު މައާފުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު އަންނަނީ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެކޭނިކަލް ޕާކިން ސިސްޓަމްތައް ނަގައި އެ ތަންތަނުގައި ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.