މަޖިލީހަށް ހޮވަން ޖެހޭނީ ތަނަވަސް، ފޯރުންތެރި މީހުން: ނާޒިމް

ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ރައްޔިތުންގެ މަޖިލިހަށް ހޮވަން ޖެހޭނީ ތަނަވަސް، ފޯރުންތެރި މީހުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.


އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ނާޒިމްގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި އޭނާ ވިދާޅުވީ މަޖިލީހަށް ތަނަވަސް މީހުން ހޮވައިގެން ނޫނީ ރައްޔިތުންނަށް ކުރިއެރުމެއް ނެތް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެދުވެރިކަން، އިހްލާސްތެރިކަން، ވަފާތެރިކަން އަންނާނީ މި ކަންކަން [ތަނަވަސްކަމާއި ފޯރުންތެރިކަން] އެ މީހެއްގެ ގައިގައި ހުރެގެން،" ނާޒިމް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ކާނަލް ނާޒިމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައްޔިތުންގެ މަޖިލިހަށް ހޮވަން ޖެހޭނީ ތަނަވަސް މީހުން ކަމަށް ނާޒިމް ވިދާޅުވިއިރު، މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތް ކުރުމަށް ގޮވާލައި "ނަވާނަވައި" ގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގާ މޫވްމަންޓުން ވަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަން ފަށައިފަ އެވެ. އަދި މި ފަހަރުގެ އިންތިޚާބުގައި މަޖިލިހަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ މުއްސަނދި، ތަނަވަސް މީހުން މަޖިލިހަށް އިންތިޚާބު ކުރުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހޮވޭ މީހަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އެ މީހެއްގެ އަމިއްލަ ނަފުސަށް ކޮޅަށް ހުރެވޭ މީހަކު ކަމުގައި ވާންޖެހޭ ކަމަށެވެ. ތެދެވެރިކަމާއި އިހްލާސްތެރިކަން އަންނާނީ އަމިއްލަ މަސައްކަތުން އުޅެވޭ މީހަކަށް ވެގެން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށުގައި ތިން އަހަރާއި ނުވަ މަސް ދުވަހުގެ ޖަލުގައި ހުކުމެއްގައި ހުންނެވުމަށް ފަހު، މިނިވަންވި ނާޒިމް ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލިހަކީ އިޚުލާސްތެރި، ވަފާތެރި، ތެދުވެރި، ޣައްދާރު ނުވާނެ މަޖިލީހަކަށް ވާނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ނުކުމެ އޮތީ އެފަދަ މަޖިލީހެއް ގެނެސް ދިނުމަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމާއި އޭނާގެ އަބިކަނބަލުން އަފާފް އަބްދުލް މަޖީދު ރޭގެ ރަސްމިއްޔާތުގައި.-. ފޮޓޯ: ނިޝާން އަލީ/މިހާރު

ފާއިތުވެދިޔަ 25 އަހަރު ގައުމީ ޚިދުމަތުގައި ހުންނެވި ކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަކުރެއްވުމުގެ ސަބަބުން ގައުމަށް ބޭނުންވާ އިސްލާހީ ކަންކަން ދެނެގަނެވުނު ކަމަށާއި މަޖިލީހުގެ ތެރެއިން އެކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދަގެނތި ދާއިރާ އަށް ބޭނުންވާ ކަންކަން ފާއިތުވި ދުވަސްތަކުގައި ބެއްލެވި ކަމަށެވެ. އަދި މަޖިލީހަށް ހޮވިއްޖެ ނަމަ، އެ ދާއިރާ އަށް ތަރައްގީ ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން އޮތީ ތި ބޭފުޅުންނަށް މުސްތަގުބަލުގައި އޮތީ ވަރަށް އުފާ ފާގަތި ދުވަސްތަކެކޭ. އަޅުގަނޑާ އެކީގައި މަސައްކަތް ކުރައްވައި އަޅުގަނޑަށް އިތުބާރު ކުރައްވާ. އިރާދަކުރެއްވިއްޔާ ތިބޭފުޅުން ތިބޭނީ އުފަލުން. ތިބޭފުޅުންގެ އާއިލާ ތިބޭނީ އުފަލުން" ނާޒިމް ވިދާޅުވި އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ