މިހާރު ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީގައި ތ. ގުރައިދޫ ދާއިރާގެ މީހުން ވޯޓު ލުމަށް ކަލާފާނު ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް ޚާއްސަ ކޮށްފައިވާ 103 ވޯޓު ކަރުދާސްކޮޅު މަދުވުމާ ގުޅިގެން ހަމަނުޖެހުން ހިންގައިފި އެވެ.
މާލޭގައި ދިރިއުޅޭ ގުރައިދޫ، ދިޔަމިގިލި އަދި ގާދިއްފުށީގެ މީހުންނަށް ޚާއްސަ ކޮށްގެން ބަހައްޓާފައިވާ ވޯޓު ފޮށީގެ 103 ކަރުދާސްކޮޅު މަދުވިކަން އެނގުނީ 207 މީހުން އެ ފޮއްޓަށް ވޯޓު ލުމަށް ފަހު، ބާކީ އޮތީ އެންމެ އަށް ކަރުދާސްކޮޅުކަން އެނގުމުންނެވެ. އޭރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެ ފޮއްޓަށް ވޯޓު ލާން ގޮސް ކިއޫގައި ތިއްބެވެ. އެ ހިސާބުން މީހުންތައް ވޯޓު ފޮއްޓަށް އަރައިގަނެ، އެ ފޮށި ޖަހައިގަންނަން އުޅުނީ ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އެކަމަކު، ފަހުން ވަނީ މީހުންތައް ކޮންޓްރޯލް ކޮށްފަ އެވެ.
މައްސަލަ ހައްލުކޮށް، އަލުން ވޯޓު ލާން ފެށީ މަދުވި 103 ވޯޓު ކަރުދާސް ޕްރިންޓު ކުރުމަށް ފަހު އެވެ. އެކަމަށް ބައިގަޑިއެއްހާއިރު ނެގި އެވެ.
ސިޔާސީ ޕާޓީ އަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕްރައިމަރީގެ ވޯޓު ލުން މިރޭ 9:30 ވަންދެން ކުރިއަށް ގެންދާނެ އެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ބަޔަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި 279 ކެންޑިޑޭޓުން ވާދަކުރާއިރު، ވޯޓު ލުމަށް ޝަރުތު ހަމަވާ މެމްބަތުންގެ އަދަދަކީ 86،000 އެވެ. ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގައި ވޯޓު ލުން ކުރިއަށް ގެންދާއިރު 270 ވޯޓު ފޮށި ވަނީ ބަހައްޓައިފަ އެވެ.