ހުޅުމާލޭގައި އަލަށް ހަދާ 704 ފްލެޓްގެ މަސައްކަތްކުރިޔަށް ގެންދަނީ: އެޗްޑީސީން ދޫކޮށްފައިވާ ފްލެޓްތަކަށް ފައިސާ ދައްކަން ޖެހޭ އުސޫލް ވަނީ ބަދަލުކޮށްފައި. ފޮޓޯ: އެޗްޑީސީ
22 އޯގަސްޓް 2016 - 15:06
ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިމާރާތްކޮށްފައިވާ ފްލެޓާއި އަދި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކަށް ފައިސާ ދައްކާ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެޗްޑީސީ އެސިސްޓެންޓް ޑިރެކްޓަރު ފައިނޭންސް އަހުމަދު އަސްލަމް ވިދާޅުވީ އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން، ފްލެޓަށާއި ގޯއްޗަށް ކޮންމެ މަހަކު ދައްކަން ޖެހޭ ފައިސާ ނުދެއްކޭ ނަމަ، ޖޫރިމަނާގެ ގޮތުގައި ނަގަމުން އައި މިންވަރު އެއް ޕަސެންޓަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ކުރީގެ އުސޫލުގައި ވަނީ، މަހަކު ދައްކަން ޖެހޭ އަދަދު ނުދައްކައިފި ނަމަ، މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް 0.05 ޕަސެންޓް ނަގާނެ ކަމަށެވެ.
"އަޅުގަނޑުމެން މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުން ނަމަ މަހަކު 10،000ރ. ދައްކަން ޖެހޭ މީހަކު ހަތަރު މަސްވަންދެން ފައިސާ ނުދައްކައިފި ނަމަ، ޖޫރިމަނާގެ ގޮތުގައި 1،330ރ. ދައްކަން ޖެހޭނެ. ނަމަވެސް އަލަށް އަމަލުކުރާ އުސޫލުން އެ މީހަކު ދައްކަން ޖެހޭނީ ހަތަރު މަހަށް 400ރ. އޭގެ މާނަ އަކީ ޖޫރިމަނާގެ ގޮތުގައި ނަގާނީ މުޅި މަހަށް އެއް ޕަސެންޓޭ،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވިގޮތުގައި ފްލެޓާއި ގޯއްޗަށް މީގެ ކުރިން ފައިސާ ދައްކަން ޖެހެނީ ކޮންވެންޝަންގެ އުސޫލުން ކަމަށެވެ. ނަމަވެސް މިހާރު ފައިސާ ދެއްކުން އިސްލާމީ އުސޫލްތަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމީ އުސޫލްތަކާ އެއްގޮތަށް ފައިސާ ދައްކާ ނަމަ އަޅުގަނޑުމެން ކަނޑައަޅާފައިވާ ޝެޑިއުލްގައިވާ އަދަދަށް ފައިސާ ދައްކަން ޖެހޭނީ. އިތުރު އިންޓަރެސްޓެއް ނުނަގާނެ. ކުރިން ދައްކާ އުސޫލްގައި އިންޓަރެސްޓް އަދި ޖޫރިމަނާ ވެސް ހިމަނާފައިވާނެ،" އަސްލަމް ވިދާޅުވި އެވެ.
އެޗްޑީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މަހުން މަހަށް ފައިސާ ދައްކަން ޖެހޭ 904 ފްލެޓާއި 753 ގޯތި ހިމެނެ އެވެ.
އެ ކުންފުނިން ބުނީ އަލަށް ހަމަޖެއްސި އުސޫލްގެ ތެރޭގައި، ދާދިފަހުން މީހުން ދިރިއުޅެން ފެށި ޗައިނާ ފްލެޓްތައް ނުހިމެނޭ ކަމަށެވެ. އެއީ އެ ފްލެޓްތަކުން މަހަކު ދައްކަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ނަގަމުން ނުދާތީ ކަމަށް އެޗްޑީސީން ބުންޏެވެ.
"ޗައިނާ ސަރުކާރުގެ ހަރަދުގައި ހެދި ފްލެޓްތައް ހަވާލުކުރިއިރު އެގްރިމަންޓްގައި ހިމަނާފައި ވާނީ ކޮމްޕައުންޑް އިންޓަރެސްޓް ނާރާ ގޮތަށް. އެކަމަކު ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު އަލަށް ހަމަޖެއްސި އުސޫލާ އެއްގޮތަށް ބަދަލުކުރެވޭނެ،" އަސްލަމް ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ އަލަށް ހަމަޖެއްސި އުސޫލާ އެއްގޮތަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ފޯމެެއް އެ ކުންފުނީގެ އޮފީހުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަަެެެއައިންތު
23 August 2016
ރައްވެހި2015 އަށް މަ ތާއީދު.
ވިސްނާލީމާ
23 August 2016
އަހަރެން ހިތަށްއަރަނީ މިކަންކަން ކުރަން ހަވާލުވެގެން މިތިބެނީ މޮޔައިންބާއޭ! ފްލެޓްލިބުނު ފަރާތްތަކަށް ވިހި ފަންސަވީސް އަހަރަށް ކުލިބަހާލާ މަހަކު 7350 ރުފިޔާ މަހުކުލީގެ ގޮތުގާ ދައްކަމުންގޮސް ކުލި ހަލާސްކުރެވޭއިރު ތަންހުންނާނީ އަލުން މަރާމާތުކުރަން ބޭނުންވެފާ! ދެން އަނެއްކާވެސްވީ ކުލިދައްކަންފަށަން! ކީތްތަވާނީ ކުޑަކުއްޔަކަށް ތަންތަން ދިނިއްޔާ! އެހެޔޮ 100 އަހަރަށް ބަހާލައިގެންވެސް! އަޅެ މިކަންތައްތަކާދޭތެރޭ ކާކުތަވިސްނަނީ! ބިންކޮޅެއްނުލިބޭ ތަންތަނަކީ ވަގުތީ ތަންތަން! އެތަންތަން ހުންނަންވީކީ މިލްކުވާ ގޮތަކަށްނޫން! ކުލިދައްކާ ފަރާތަށް ދޭންވީ އިތުބާރަކާ ޔަގީންކަމެއް، ކުލިދައްކަމުން ދަނިކޮށް ނުނެރޭނޭކަމުގެ! ދެންހަދަންވީ ގޮތަކީ ބިންކޮޅާއެއްކޮށް ނުދެވޭ ހުރިހާ އެޕާޓްމަންޓެއްގެ ކުލި ވަރަށް ބޮޑުތަން ކުޑަކުރަންވީ! މައުމޫނުދައުރުގާ ހަވާލުކުރި ތަންތަނަށްވެސް މަހުކުލީގެ ގޮތުގާ ދައްކަމުންއެދަނީ 3600 ރުފިޔާ! ބޭނުންވަނީ މިަކންކަމާދޭތެރޭ ވިސްނާ އެދެވޭ ބަދަލެއް ގެނެސްދެވޭނޭ ފަރާތެއްގެ އެހީތެރިކަން! ޔާﷲ! މިނިކަމެތި ރައްޔިތުންނަށްޓަކާ ވިސްނާ އެޗްޑީސީއެއް މަތިކުރައްވާފާންދޭވެ! -އިބްރާހީމް-
ދޮން އާމިރު
25 August 2016
ވަރަށް ތާއީދު....
އަޙްމަދު
23 August 2016
ޗައިނާ ޓައުނުގައި ހުންނާނެ 1000 ފްލެޓް ހުރިހާ ތަންތަނަކީ ކުލި ދައްކަން ނުޖެހޭ ތަންތަންތޯ ހުޅުމާލޭގައި ހުންނަނީ ކިތައް ފްލެޓްތޯ ފައިސާ ނުދައްކާ އުޅެވެނީ ކޮންކޮން ބަޔަކަށްތޯ ޗައިނާ ޓައުނުގައި މީހުންނާ ޙަވާލުނުކޮށް ހުރީ ކިތައް ފްލެޓްތޯ ޚަބަރު ލިޔެދެއްވި ފަރާތުން މި މަޢުލޫމާތު ހިމަނާލާ ދެއްވިނަމަ ޚަބަރު ވަރަށް ފުރިހަމަވީސް ޢަބްދުﷲ ޖަމީލު މި މައުލޫމާތުތަށް ފަހުގެ ވަގުތެއްގައި ނަމަވެސް އޮޅުންފިލުވާލަ ދެއްވާ އަލުން ރައްޔިތުންނަށް ހާމަކޮށްލަ ދެއްވުން އެދެން.
ބޯހަލާކު
23 August 2016
ތިޔަ ބުނާ ޗައިނާ ފްލެޓްތަކަކީ އިންޓެރެސްޓް ނެތަސް މިހާރު އަލަށް ވުޖޫދަށް އަންނަން ހަމަޖެހިފައިވާ ފްލެޓްތައް ފަދަ އަގުބޮޑު ފްލެޓްތަކެއް. އެ ފްލެޓްތަކަކީ ފެންވަރުދަށް ފްލެޓްތަކެއް. ތިޔަ އެޗްޑީސީ އަށް އެގޭނެ އެތާގެ ސްޓަރަކްޗަރ އަށް މިހާރުވެސް ދިމާވަމުންދާ މައްސަލަތައް. މާނައަކީ އެ ފްލެޓްތައް 10 އަހަރުވެންދެން ރަނގަޅު ކޮންޑިޝަންގައި ނުުހުންނާނެކަމުގެ ސަތޭކަ ޕަސެންޓް ޔަޤީންކަން އެބަދެން. ވިސްނާލާ 700 އަކަފޫޓްގައި ދެ ފާޚާނާލާފައި ހަމައެކަނި ތޮށި ގަނޑު ތިޔަ ރައްޔިތުންނަށް ދިނީ 2.25 މިލިއަން ރުފިޔާއަށް. އެއަށްވުރެ ފްލޯ އޭރިޔާ ބޮޑު އޭސީކޮށްފަ ބަދިގެ ކަބަޑުލާފަ ރެހެންދި ފްލެޓްތައް ތިޔަ ދިނީ 1.6 މިލިއަނަށް. އެކަމަކު ވެސް އިންޓަރެސްޓް ނުލަޔޯ ޗައިނާ ފްލެޓްތައް ތިޔަދިނީ. ހެޔޮނުވާނެ ތިޔަވަރަށް އޮޅުވާލަން. ޗައިނާ ފްލެޓްތައް ހެދުމަށް އެފެންވަރުގައިހަދާނަމަ އެއިން އެޕާޓްމަންޓަކަށް އޭރު ޚަރަދުވާނީ 7 ލައްކައާއި 8 ލައްކައާ ދެމެދުގެ ޢަދަދެއް. ވީމާ އެއްފަހަރާ ދައްކާމީހާއަށް އެޢަދަދަށް ލާރިދައްކަން އެންގިނަމަވެސް މާރަނގަޅުވާނެތޯއްޗެ ތިޔަ ބޮޑު ލޯނުގައި ޙަވާލުވުމަށްވުރެ. ދެން އިންޓެރެސްޓްނުލާ ކީއްވެތަ އެހާ އަގުބޮޑުވީ. ތިޔަ އިބްރާހީމް ޢަލީ ޖަވާބުދީބަލަ.
ދޮންކަމަނަ
22 August 2016
ތިބޭފުޅުން ތިނެންގެވި ޑެސިޝަނަކީ ލާރިދައްކަން ތިބި މީހުންނަށް މިހާރު ލިބޭ ލުޔަކަށް ވެދާނެ. އެކަމަކު ބޮޑު މަންޒަރު ބަލާކަމުގައިވާނަމަ އެއްބަސްވުމެއްގައި ސޮއިކޮށްފައިއޮއްވާ ތިގޮތަށް ލާރިދައްކާ އުސޫލަށް ބަދަލުގެނައުމަކީ ރަނގަޅުކަމެއް ނޫން. މިހާރު ތިނެގީ ލުއިފަސޭހަ ވެގެންދާނެ ޑެސިޝަނެއްކަމަކު މާދަމާ ނަގާނީ ކޮންކަހަލަ ޑެސިޝަނެއްކަމަށް އިނގެނީ ކާކަށް.
ރަށްވެހި2015
22 August 2016
"އެޗްޑީސީން ބުނީ އަލަށް ހަމަޖެއްސި އުސޫލާ އެއްގޮތަށް ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަ ފޯމެެއް އެ ކުންފުނީގެ އޮފީހުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ." މިއީ ވަރަށް ހަމަނުޖެހޭ ވާހަކައެއް. މިކަން ހަމަޖެހުނީއޭ ކިޔާފަ ދެން ކޮން އިތުރު ފޯމެއްތޯ ފުރަން ޖެހެނީ. ތިޔަ ބޭފުޅުންނަށް އިނގެއެއް ނޫންތޯ އެއި ކޮން ބައެއްކަން...އެހެންވީމާ ގަނޑުކޮށް އެންމެންނަށް މިފޯމިއުލާ އެޕްލައި ކުރެެއްވީމާ ނިމުނީ ނޫންތޯ؟ ދެން އަނެއްކާ ފޯމެއް ފުރާ ބޮޑު ކިއޫއެއް ހަދާ ...މިއީ ކޮން ސަކަރާތެއްތޯ ރައްޔިތުންނަށް!
ވިސްނާލީމާ
23 August 2016
ތަނެއްގާ ބަޔަކު ކަމެއްކުރާކަންވެސް ދައްކަންވާނެ ނޫންތޯ؟! އެނޫން ދެން ކޮންކަމެއް! -އިބްރާހީމް-