ސުއޫދުގެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

ބައެއް ފަނޑިޔާރުންނާއި ގޭންގުތަކާ ގުޅުން ގޮތް ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ސުއޫދު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.


ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮޮމިޝަންގެ ރައީސް ކަން ކުރައްވާ ސުއޫދު ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ބައެއް ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ސުއޫދުގެ އެ ތުހުމަތާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުން އެކަން ބަލަން ނިންމައި، އެ މައްސަލާގެ އިޖްރާއީ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ތާވަލްކޮށްފަ އެވެ. އެ އަޑުއެހުން ކޯޓުން ކެންސަލްކުރީ ސުއޫދު ކޯޓަށް ހާޒިރުވި ފަހުންނެވެ. އެކަމަކު އަޑުއެހުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ އަޑުއެހުން ބާއްވަން ނިންމާފައި އޮތީ އާންމުކޮށް ހުޅުވައި ނުލައި، ސިއްރު އަޑުއެހުމެއްގެ ގޮތުގަ އެވެ.

ސުއޫދުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަން ނިންމިއިރު، ސުއޫދުގެ ތުހުމަތާ ގުޅޭ ހެކިތައް ސުޕްރީމް ކޯޓަށް ދިނުމަށް އޭނާ ދެކޮޅު ހެއްދެވި ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ކުރިން އޮތީ ބުނެފަ އެވެ. އަދި ސުއޫދުގެ އެ އަމަލަކީ އޭނާއާ މެދު ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ވެސް ޑީޖޭއޭ އިން ކުރިން ބުނެފައިވެ އެވެ.

ސުއޫދުގެ އެ ތުހުމަތުތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ދަނީ ބަލަމުންނެވެ. އެކަމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައި ވާއިރު، އެ ތުހުމަތުތަކާ ގުޅޭ ހެކިތައް އެ ކޮމެޓީއާ ހިއްސާ ކޮށްފައިވާނެ ކަމަށް ސުއޫދު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.