ލ. ގަމުގައި އަލަށް އާބާދުވި ސަރަހައްދުގައި ހުންނަ ޕްރީ ސްކޫލް އޮފީހުގެ ދޮރު ހަލާކުކޮށްލައި ރޭ ދަންވަރު ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕްރީ ސްކޫލުުގެ އޮފީހުން ފައިސާތަކެއް ވަގަށްނެގި މައްސަލައެއް ހެނދުނު 6:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުންޏެވެ.
އެއީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ލާމް އެޑްވާންސް މޫވްމަންޓުން ޕްރީ އެޑިއުކޭޝަންގެ ނަމުގައި ހިންގާ ޕްރީ ސްކޫލެކެވެ. އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ، އޮފީހުގެ ވަތްގަނޑުގެ ތެރޭގައި ބަހައްޓާފައި ހުރި 9،895ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އެތަނުގައި ބާކީހުރީ ވަކި ލާރި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭބީ ނާސަރީ އަދި ނާސަރީ އަށް ކިޔަވައިދެމުން އަންނަ ޕްރީ ސްކޫލުގައި ސެކިއުރިޓީ ކެމެރާއެއް އަދި ސެކިއުރިޓީ ގާޑެއް ވެސް ނުހުންނާނެ ކަމަށެވެ. ނަމަވެސް ދޮރުތަކުގައި ދަގަނޑު ޖަހާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
މީގެ ނުވަ އަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ ތަނުގައި ޕްރީ ސްކޫލުގައި 87 ދަރިވަރުން ކިޔަވަ އެވެ.