ފިއްތުންތަކާ އެކު، ޕީއެންސީ އުފެއްދުމުގެ ހުއްދަ އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ އެކި ސަބަބުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) ން ނުދީ ހިފެހެއްޓުމާ ގުޅިގެން، އެ ޕާޓީގެ އިސްބޭފުޅުންނާއި ތަފާތު އެހެނިހެން ފަރާތްތަކުން ކުރަމުން އައި ޕްރެޝަރުތަކާ އެކު، އެންމެ ފަހުން ޕީއެންސީ އުފެއްދުމުގެ ހުއްދަ އެ ކޮމިޝަނުން މިއަދު ދީފި އެވެ.


އެ ޕާޓީގެ މުއައްސިސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންގްރެސް ޕާޓީ އުފެއްދުމުގެ ޖަލްސާ އަށް އީސީން ހުއްދަދީފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދިނުމުން މަދުވެގެން 300 މެމްބަރުންނާ އެކު، ޕާޓީ އުފެއްދުމުގެ ޖަލްސާ ބާއްވަން ޖެހޭނެ އެވެ. އެ ޖަލްސާގައި، ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ލޯގޯ އާއި ދިދަ ފާސްކުރުމުގެ އިތުރުން ވަގުތީ ކައުންސިލެއް ވެސް އައްޔަންކުރަންޖެހޭނެ އެވެ. އީސީގެ ދަފްތަރުގައި ޕާޓީ ރަޖިސްޓަރީ ކޮށްދޭނީ އޭގެ ފަހުންނެވެ.

އީސީން ޕާޓީ ރަޖިސްޓްރީކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ، އެ ޕާޓީއަށް ހުއްދަ ދިނުމުގައި އީސީ ޒާތީވެފައިވާކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮންނެވެ. އަދި އެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕީއެންސީގެ ބައެއް އިސްބޭފުޅުން ބައްދަލު ކުރައްވާފައި ވަނިކޮށެވެ. މީގެ އިތުރުން، ގާސިމް ވެސް ވަނީ ޕީއެންސީ އުފެއްދުމުގެ ހުއްދަ ދިނުމަށް އީސީގައި އެދިވަޑައިގެންފަ އެވެ.