ޝާހިދުގެ މެސެޖް: ރާއްޖެ ނެތި ދާނެ، މޫސުމީ ބަދަލަށް ހައްލު ހޯދައިދީ!

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރު ރާއްޖެ އަށް ފޯރައި، ދިވެހިންގެ އަތުން ރާއްޖެ ބީވެގެން ހިނގައިދާނެ ކަމަށް ވިދާޅުވެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް މިންވަރު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ހާމަކުރައްވައިފި އެވެ.


މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުރަކަތައް ހަލާކުވެ، ސާފު ފެނާއި ލޮނު ފެން އެކުވެ، ތަޣައްޔަރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ މަސްވެރިކަމަށް ވެސް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވާހަކަ ފެއްޓެވީ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިމާވި ފަސް އަހަރުގެ އައިޝާ ނަމަކަށް ކިޔާ އަންހެން ކުއްޖަކާ ބައްދަލުވެ، ދެކެވުނު ވާހަކައިންނެވެ.

"އަޅުގަނޑު ހިތާ ސުވާލުކޮށްލެވުނު އަޅުގަނޑުމެންނަށް ކޮންމެވެސް ބޭނުންތެރި ކަމެއް ކުރެވިދާނެބާއޭ މި ކުޑަ ކުއްޖާ އަށް. އެ ކުއްޖާ އަށް އެހީތެރިވެ، އޭނާ ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދޭނެބާއޭ. އެ ކުއްޖާ ބޭނުންވާ މުސްތަގުބަލް ހޯދައިދެވިދާނެބާއޭ. އެއީ އަމާން، ރައްކާތެރި މާހައުލެއް،" ޝާހިދު ވިދާޅުވި އެވެ.

"މިހާރު ދުނިޔޭގައި އޮތް ހާލަތަށް ބަލާއިރު، (މުސްތަގުބަލެއް ހޯދައިދެވޭކަށް) ނެތް."

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އދ. ގެ ސެކިއުރިޓީ ކައުންސިލްގައި 2007 ވަނަ އަހަރު ދެއްކެވި ބައެއް ވާހަކަތައް ތަކުރާރު ކުރައްވައި، ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ބޮޑުވެ، ރާއްޖެއަށް އެތައް ގެއްލުމެއް ލިބެމުންދާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު ދެ މީޓަރަށް އުފުލޭ ހިސާބުން ރާއްޖެ އަޑިއަށްދާނެ ކަމުގެ ބިރުހީވެފައިވާ ކަން، އޭރު ވެސް އދ. ގެ ސަލާމަތީ މަޖިލީހުގެ ސަމާލު ކަމަށް ގެންނެވި ކަމަށެވެ. އަދި މިއަދު ވެސް އެ ވާހަކަ ތަކުރާރު ކުރަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ރާއްޖެ އަޑިއަށް ދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ހާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ޝާހިދު އެ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ބޮޑުވާނެ ކަމަށް ސައިންސްވެރިން ކޮށްފައިވާ އަންދާޒާ އަށެވެ. ރާއްޖެ އަކީ ދުނިޔޭގެ އެންމެ ތިރި ގައުމެވެ.

"ކައުންސިލްގައި 12 އަހަރު ފަހުން އަނެއްކާ ވެސް މި ވާހަކަތައް އަލުން ތަކުރާރު ކުރަން މި ޖެހޭއިރު، އަޅުގަނޑުމެންގެ މުސްތަގުބަލު އޮތީ ހިޔާލު ވެސް ނުކުރާހާ ގޯސްކޮށް،" ޝާހިދު ވިދާޅުވި އެވެ.

ޕެރިސް އެއްބަސްވުމަށް އިޝާރާތް ކުރައްވައި، ޝާހިދު ވިދާޅުވީ އެއްބަސްވުމުގައި ބުނާ ކަންކަން ހާސިލް ކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކޮޕް 24 ސަމިޓް ގައި ގައުމުތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރެއިން, ދުނިޔޭގެ ހޫނުމިން ދެ ޑިގްރީ އަށް ދަށް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބަދު ކެތްކޮށްގެން ތިބެވޭކަށް ވަގުތެއް ނެތް. (މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ފެންވަރުގައި) ހައްލެއް ގެނެސް، ފިޔަވަޅުތަކެއް އަޅަން ޖެހޭ. އަޅުގަނޑުމެން އެއްބަސްވާން ޖެހޭ މިކަމުގެ ސަބަބުން ދުނިޔޭގެ ސުލްހައަށާއި ސަލާމަތަށް އަސަރު ކުރާކަން،" ޝާހިދު ވިދާޅުވި އެވެ.