ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންނެވި ޝާހިދު ވަނީ ބޭރުގެ ބައެއް ގައުމުތަކުގެ ވަޒީރުންނާއި ސަފީރުންނާ ބައްދަލު ކުރައްވައި، ރާއްޖެ އާއި އެ ގައުމުތަކާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އދ. ގެ ސެކްރެޓަރީ ޖެނެރަލާއެކު ބޭއްވި ބައްދަލުވުމުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަމުގައި އަޑުއުފުލާނެ ކަމަށް ޝާހިދު ވިދާޅުވި ކަމަށެވެ.
ޝާހިދު ވަނީ އދ. ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް މިރޮސްލާވް ޖެންކާއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ނިއޔޯކަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު، ޝާހިދު ދެން ވަޑައިގަންނަވާނީ ލަންޑަނަށެވެ. ޝާހިދުގެ ދަތުރުގައި އެހެން ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ޝާހިދު ރޭ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރު ރާއްޖެ އަށް ފޯރައި، ދިވެހިންގެ އަތުން ރާއްޖެ ބީވެގެން ހިނގައިދާނެ ކަމަށެވެ. ޝާހިދު ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް މިންވަރު، ހާމަކުރައްވައިފަ އެވެ.