މާލޭގެ އިމާރާތެއްގެ 10 ވަނަ ބުރިން ވެއްޓި އިއްޔެ މަރުވި 83 އަހަރުގެ ފިރިހެން މީހާ ވެއްޓުނީ ކީއްވެގެންކަން ނޭނގޭ ކަމަށާއި އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މ. ރަންބުސްތާނުގޭގައި ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވީ މޫސާ ހަސަން، ފުސްތުޅާގެ، ފުވައްމުލަކު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ތަހުގީގުކުރަމުން އަންނާތީ މިވަގުތު ދެއްވޭނެ އިތުރު ތަފްސީލެއް ނެތް ކަމަށެވެ.
"އެ މީހާ ވެއްޓުނީތޯ، ފުންމާލީތޯ ފުލުހުން ބަލާނެ. ތުހުމަތުކުރެވޭ ކަމެއް އޮތަސް، ނެތަސް މައްސަލަ ބަލައި ތަހުގީގުކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.
މޫސާ ހަސަންގެ އާއިލާގެ މެމްބަރަކު މިއަދު ބުނީ މީގެ ފަސް ދުވަސް ކުރިން އޭނާ މާލެ ގެނައީ ބޭސްފަރުވާއަކަށް ކަމަށެވެ. އޭނާ އެނބުރި ރަށަށް ދާން އޮތީ މާދަމާ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހަސަން ވެއްޓުނީ އިމާރާތުގެ ވައި ގޮޅިންނެވެ. އޭނާ ވެއްޓިފައި އޮތް ތަން ފެނުނީ އެގެއާ ޖެހިގެން ހަދަމުން އަންނަ އިމާރާތުގައި މަސައްކަތް ކުރަން ތިބި ބޭރު ބަޔަކަށެވެ.