ޕީއެންސީ ވަގުތީ ރައީސް އަބްދުއްރަހީމް އާއި އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ޖެނުއަރީ 2019 - 23:09
ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)ގެ މަގްސަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ޖަވާބުދާރީ ކުރުވައި، ދެން އޮންނަ ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށް ރާއްޖޭގެ ޒައާމަތާ ހަވާލުވުން ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީ ވުޖޫދަށް ގެންނަން ޖެހުނީ ޕީޕީއެމްގެ މިލްކުވެރި ފަރާތް ނޭނގި ދުވަސްތައް ފާއިތުވެގެން ދިއުމުން ކަމަށެވެ. އެ މުއްދަތު ނެގުމުން، ސަރުކާރު ޖަވާބުދާރީކުރުވާނެ އާ ސިޔާސީ ޕްލެޓްފޯމެއް ހޯދަން މަޖުބޫރުވެގެން ދިޔަ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީ އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން، އެ ޕާޓީގެ މެމްބަރުންނަށް ހަނާ އަޅުއްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައީސެއްގެ ގޮތުގައި ހުންނެވި ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރަން އާއްމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި އޮތް އިރު، އެ މައްސަލަ ކޯޓުން ނިމިދާނެ ގޮތަކާ މެދު މިހާރު އޮތީ ސުވާލުއުފެދިފަ އެވެ.
ކޮންގްރެސް ޕާޓީއަކީ ޔާމީންގެ ޕާޓީއެއްކަން ތަކުރާރުކޮށް ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ، އެ ޕާޓީގެ މިލްކުވެރިކަމާ މެދު ޝަކުވާ ކުރެވޭނެ ބޭފުޅެއް ނުހުންނާނެ ކަމަށެވެ.
"ޕާޓީގެ (ކޮންގްރެސް ޕާޓީ) މިލްކުވެރިކަން ހޯދަން ކޯޓުގައި ދައުވާ ކުރާނެ އިތުރު ފަރާތެއް ނޯންނާނެ. އެބޭފުޅަކީ (ޕާޓީގެ މިލްކުވެރި ފަރާތަކީ) ރައީސް ޔާމީން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީ އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް މިރޭ ވާހަކަދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮންގްރެސް ޕާޓީ އުފެދިގެން ދަނީ ޔާމީންގެ ލަފާފުޅާއި އެއްބާރުލުމާ އެކީގަ އެވެ. ކޮންގްރެސް ޕާޓީއަކީ ޔާމީންގެ ޕާޓީއެއް ކަމަށާއި ޕާޓީގެ ފިކުރަކީ ވެސް ޔާމީންގެ ފިކުރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޕާޓީ އުފެއްދުމުގެ ހުރިހާ ވިސްނުމެއް ތިލަކޮށްދެއްވި ބޭފުޅަކީ ޔާމީން. މި ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރު. މި ޕާޓީން ދަމަހައްޓާނީ ރައީސް ޔާމީންގެ ސިޔާސަތު،" ކުރީގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީ މަސައްކަތް ކުރާނީ ޕީޕީއެމާ ގުޅިގެން "އެއް ޕާޓީއެއްގެ" ގޮތުގައި ކަން ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ ދިވެހި ގައުމު ސަލާމަތް ކުރާނެ "ލަޝްކަރަކީ އެއީ" ކަމަށެވެ.
މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ކަން ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީއާ ކޮންމެ ބޭފުޅަކު ވެސް ގުޅިވަޑައިގަތީ ޔާމީންގެ ފިކުރަށް ތާއީދު ކުރުމުގެ ގޮތުން ކަމަށެވެ.
ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީއަށް ބޮޑު ތާއީދެއް ލިބިގެން ދިޔައީ ވޭތުވެދިޔަ ފަސް އަހަރު ރައީސް ކަމުގައި ޔާމީން ހުންނަވައިގެން ދިވެހި ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކޮށްދެއްވި އަގުނުކުރެވޭ ހިދުމަތުގެ ސަބަބުން ކަމަށެވެ.
ކޮންގްރެސް ޕާޓީގެ މަގްސަދުގެ ތެރޭގައި ރާއްޖެއަކީ 100 ޕަސަންޓު މުސްލިމް ގައުމެއްގެ ގޮތުގައި ބޭއްވުމާއި މިނިވަން މުސްތަގިއްލު ގައުމެއް ބިނާ ކުރުން ހިމެނޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ދިވެހި ފަސްގަނޑުން މާތްވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ފުރުސަތު ނުދިނުމަށް ކަމަރު ބަނދެގެން ތިބި ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ނަގާލަން ކުރާ މަސައްކަތާ ދެކޮޅަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިންނަށް އުފާ ފާގަތިކަމާއި ތަރައްގީ ހޯދައި ދިނުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ގުޅިވަޑައިގެންނެވި ކަން އިއުލާން ކުރައްވައިފަ އެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮންގްރެސް ޕާޓީ ރަޖިސްޓްރީވެގެން މަޖިލީހަށް ވަންނާނީ ގާނޫނީ ހައިސިއްޔަތާއެކުގަ އެވެ.
ޕީޕީއެމާއި ކޮންގްރްސް ޕާޓީ ގުޅިގެން އަންނަ އޭޕްރީލް ހަވަނަ ދުވަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރާނެ ކަމުގެ ޔަގީން ވެސް އަބްދުއްރަހީމް ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައި
28 January 2019
ޔާމީނުގެ ސިޔާސަތަކީ ރައްޔިތުން ކުޑަކަކޫޖެއްސުން އަދި ޔާމީނާ އިދިކޮޅުކޮއްމެ މީހަކީ ޓެރިސްޓަކަށް ހެދުން މިކަންކަމަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ ދެން އިތުރައް ރައްޔިތުންނައް ބިރުދައްކަން ޔާމީނުގެ ސިޔާސަތު ގެންނަން މަސައްކަތް ނުކުރޭ އަނެއްކާވެސް ބޮޑުބައްޔަކުން ވާނީބަލި
ޝައިޚް.
28 January 2019
ޔާމީނުގެ ފިކުރު ވިއްޔާ ވަރަށް ބިރު ބޮޑު، ގައުމަށް ވަރަށް ނުރައްކާ، ޔާމީނުގެ ސިޔަސަތުވެސް އެހާ ނުބައި، ތިކަން ކުރިއަރުވަން ނޫޅޭ އަދުރޭ، ވައްކަމާ އަނިޔާ އާ ދިވެހިން ދެކޮޅެ،
ބަގާވާތް
28 January 2019
ތިޔައްކިޔަނީ ވެރިކަންވައްޓާލުން
ދަތްނެތްކުއްޖާ
28 January 2019
ތަމެން ވެރިކަމާއި ހަވާލު ވާންށޭ! މާތްކަލާކޯ! ޙުދު ތަމެންގެ އަނބިންވެސް ދަރިންވެސް ތަމެންނަށް ވޯޓެއް ނުދޭނެކަން ޔަޤީން. މީގެ އިތުރުން ތަމެން މުއްސަނދިވި ގޮތް ބެލުން އަދި އޮތީ ކުރިއަށެވެ. ﷲގެ ރަޙުމަތުން ތަމެން ވައްކަމެއް ކޮއްފައިވާނަމަ އެކަމުގެ ޙައްޤު އަދަބު ތަމެންނަށް ލިބި އުމުރުގެ ބާކީ ބައި ބުރޯ އާއި އެކު ޖަލުގެ ތޭރި ތަކުގެ ތެރޭގައި ދުވަސްތައް ގުނަން ތައްޔާރު ވެގެން ތިބޭށެވެ.
ދޮން ބަބުރު ސޮރު
28 January 2019
އަހަރެން ހީކުރީ އަދުރޭ ވެރިކަމާއި ހަވާލުވާން އުފެއްދި ޕާޓީއެއްކަމަށް، ތިވީ މާދެރަކޮށް ޕާޓީ ދޯ ވެރިކަމާއި ޙަވާލުވަނީ، ހާދަ ހީނުވޭ!!!
ހުއްބުލްވަތަން އަސްލު
28 January 2019
ޕާޓީގެ ސިޔާސަތަކަށް ވާންވާނެ ކޮށްފައިވާ ނުރަނގަޅުކަންކަން ފަސްއަޅާ ފޮރުވުންވެސް. ހާއްސަކޮށް މާސިންގާ ބޮޑެތި ކޮރޮޕްޝަންގެ މައްސަލަތައް. ވެދުމާ ސަލާމް.
އީމަން
28 January 2019
އަދުރޭ އައް އުޅެވެނީ ކަދުރު ރާއްޖެ އެއް ގައެވެ.
ރަދީފް
28 January 2019
ޕީއެންސީ ދޭބަލަ މަަހަށް.
ވެރިޔާ
28 January 2019
އަދުރޭގެ މަގުސަދު ހާމަ ނުކުރިޔަސް އޯކޭ.
ދިހި
28 January 2019
ތި މަގުސަދުގަ ތެޅިފޮޅޭމީހެއް ގާސިމަކީވެސް ، ކިތައްއަހަރުވެއްޖެ .. ރާއްޖެތެރޭން އައި ސޮރަކަށް އެލިބުނީ .. އަންނަ ރިޔާސީ އިންތިހާބާ ހަމައަށް ކަލެއަށް ތިޕާޓީގަ ހުރެވުނަސް ބޮޑުވަރު ..