ޕީއެންސީގެ މައްސަލަ ދެ ދުވަހުގެ ތެރޭގައި ބަލަން ކޮމިޓީއެއް

ޕީޕަލްސް ނެޝަަނަލް ކޮންގްރެސް (ޕީއެންސީ) އުފައްދަން ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ މައްސަލަ ބަލަން އިލެކްޝަންސް ކޮމިޝަނުން ކޮމިޝަނެއް އެކުލަވާލައި، އެ މައްސަލަ ދެ ދުވަހުގެ ތެރޭގައި ނިންމަން އެ ކޮމިޓީ އަށް އަންގައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ޕީއެންސީއާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބަލަން އުފެއްދި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ގާނޫނީ ބައިގެ ބޭފުޅުންނާއި ހަޔާކޮށްފައިވާ ލޯފާމްގެ ބޭފުޅުން ކަމަށެވެ. އެކަމަކު އެއީ ކޮން ބޭފުޅުންނެއް ކަމެއް ވިދާޅެއް ނުވެ އެވެ.

އެކަމަކު ޕީއެންސީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

"ބަލަމުން އަންނަ މައްސަަލައަކަށް ވާތީ އެ މައްސަލައިގެ ތަފުސީލެއް އަޅުގަނޑަށް މި ވަގުތަކު ނުދެވޭނެ. ދެ ދުވަހުގެ ތެރޭގައި އެ މައްސަލަ ބަލައި، ރިޕޯޓް ހުށަހަޅަން ކޮމިޓީ އަށް ވާނީ އަންގައިފައި،" އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވާއިދު އިސްލާހުކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓު ކޮށްފަ އެވެ. ޕީއެންސީގެ މައްސަލަ ބަލަނީ އެ ގަވާއިދުގެ ދަށުންނެވެ. އަލަށް ޕާޓީއެއް އުފައްދަނީ، ހިނގަމުންދާ ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ކަމަށް ވިޔަސް އެ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ، އާ ގަވައިދުގެ ދަށުން ބާތިލްކުރެވިދާނެ އެވެ. އަދި ހިނގަމުންދާ ޕާޓީގެ ލީޑަޝިޕް ގެއްލި ޕާޓީގެ ހިންގުން ހުއްޓޭ ނަމަވެސް އާ ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލް ކުރެވޭ ގޮތަށް ގަވާއިދު ވަނީ އިސްލާހު ކޮށްފަ އެވެ.

ނަމަވެސް ޕީއެންސީ އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދިނުމުން އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ރޭ ވަނީ ބާއްވައިފަ އެވެ.