ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެ ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލްކުރެވެން ނެތް ކަމަށް ކޮމެޓީން ނިންމައިފި އެވެ.
ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން އުފައްދާ ކޮންގްރެސް ޕާޓީގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދަވަނީ ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ވަނީ ޝަކުވާއެއް ހުށަހަޅައިފަ އެވެ. ޕީޕީއެމްގެ އާއްމު މެމްބަރަކު ހުށަހެޅި އެ މައްސަލަ ބެލުމަށް އީސީން ވަނީ މިނިވަން ކޮމެޓީއެއް އެކުލަވާލައިފަ އެވެ.
އެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ މައްސަލަ ބެލިއިރު ޕީއެންސީ އުފެއްދުމަށް ޕީޕީއެމްގެ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަން ކޮމެޓީ އަށް ސާފުވި ކަމަށެވެ. ކޮންގްރެސް ޕާޓީ އަށް ފޯމު ފުރުމާއި ބައްދަލުވުންތައް ބޭއްވުން ފަދަ މަސައްކަތް ކުރަނީ ޕީޕީއެމްގެ އޮފީހުގެ ތެރޭގައިކަން ހެކިތަކުން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހަގީގަތްތައް އެހެން ހުރި ކަމުގައި ވިޔަސް ކޮމެޓީން ނިންމީ، އޭނާ ވިދާޅުވި ގޮތުގައި ޕީއެންސީ އުފެއްދުމުގެ ހުއްދަ ހިފެހެއްޓެން ނެތް ކަމަށެވެ. އެއީ، ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ބަދަލު ގެނެސް ގެޒެޓްކުރީ ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ފަހުން ކަމަށް ވާތީ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގަވާއިދު ބަދަލުކޮށް، މިދިޔަ ހަފުތާގައި ގެޒެޓްކުރި އިސްލާހުގައި ވަނީ އަލަށް ޕާޓީއެއް އުފައްދަނީ، ހިނގަމުންދާ ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ކަމަށް ވާނަމަ، އެ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ، ބާތިލްކުރެވިދާނެ ކަމަށެވެ.
"ގަވާއިދު ގެޒެޓް ކުރުމުގެ ކުރިން ޕީއެންސީ އުފެއްދުމުގެ ހުއްދަ ދީ ޕާޓީގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ވެސް އޮތީ ދީފައި. ކުރިން ހިނގާފައިވާ ކަންތައްތަކަކަށް ފަހުން ފިޔަވަޅު އެޅިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" މަހްފޫޒް ވިދާޅުވި އެވެ.
ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ކޮންގްރެސް ޕާޓީން ބޭނުންކޮށްފައިވިއަސް އެ ހާލަތުގައި އެ ޕާޓީ އުފެއްދުމަށް ދިން ހުއްދަ ބާތިލެއް ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ކޮމެޓީން ވަނީ ލަފާ އަރުވައިފަ އެވެ.
މަހްފޫޒް ވިދާޅުވި ގޮތުގައި އެއް ޕާޓީއެއްގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން އަނެއް ޕާޓީ އުފެއްދުމަކީ އާއްމު މެމްބަރުންގެ މަސްލަހަތު ގެއްލޭ ކަމަކަށް ވާނެތީ، އެ ހައްލު ގާނޫނީ ގޮތުން ހޯދައިދޭން ޖެހިފައިވާ ކަމަށް އީސީ އަށް ވަނީ ލަފާ ދީފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީއެންސީ އުފެއްދެވީ، އެމަނިކުފާނު ރައީސް ކަމުގައި ހުންނެވި ޕީޕީއެމަށް ކުރިމަތިވެފައިވާ ގާނޫނީ މައްސަލަތައް ހައްލު ނުވެ ދިގުލައިގެންދާތީ އެވެ.