މަޖިލީހަށް ވާދަކުރުމުގައި އެއްބަސްވުމާ ޚިލާފުވެއްޖެ: މައުމޫން

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ވަކިވަކިން ވާދަކުރަން ނިންމުމަކީ ކޯލިޝަން ސަރުކާރު އުފެއްދުމަށް އެކުލަވައިލި އެއްބަސްވުމާ ޚިލާފުވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.


މައުމޫން އިސްކޮށް ހުންނަވައި އުފެއްދި ޕީޕީއެމަށް ކުރިމަތިވެފައިވާ ގާނޫނީ މައްސަލަތަކާ ހެދި އެ ޕާޓީ ދޫކޮށްލައްވައި، މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވި ކަން އިއުލާން ކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ކޯލިޝަން ސަރުކާރާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފަ އެވެ.

ކޯލިޝަން ސަރުކާރުގައި ޕާޓީތައް ހިއްސާވާނެ ނިސްބަތާ ގުޅޭ ގޮތުން އެކުލަވައިލި އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ޕާޓީތަކުން އެކުގައި ވާދަކުރަން ވަނީ ނިންމައިފަ އެވެ. އެ އެއްބަސްވުމުގައި، މައުމޫން ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ސޮއި ކޮށްފަ އެވެ.

މައުމޫން މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މައުމޫން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، އެމަނިކުފާނަށް އެއްބަސްވުމުގައި ސޮއި ނުކުރެއްވުނީ އޭރު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ކަމަށެވެ. މައުމޫން ޖަލަށް ލީ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ.

"އަޅުގަނޑު އެކަނި ސޮއި ނުކޮށް އޮތީ. އަނެއް ތިން ޕާޓީ [އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ] އިން ސޮއި ކުރެއްވި. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި އެއީ އެއްބަސްވުމެއް. އެހެން ނަމަވެސް އެ އެއްބަސްވުމަކަށް ނުވީ،" މައުމޫން ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ނިސްބަތުން މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރަން ދެކޮޅު ހެދީ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީންނެވެ. ވަކި ދާއިރާތަކެއް ކަނޑައަޅައި ވާދަކުރަން ނިންމުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫން ކަަމަށާއި އެއީ މަޖިލީހާ ގުޅޭ އެއްބަސްވުމެއް ނޫން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ. ޖުމްހޫރީ ޕާޓީން ހިތްހަމަނުޖެހުނީ މަޖިލީހުގެ ހުރިހާ ދާއިރާތަކަށް އެމްޑީޕީން ވާދަކުރަން ނިންމުމުންނެވެ.

މައުމޫން ވިދާޅުވި ގޮތުގައި ސަރުކާރު އެކުލަވާލަން ވީ އެއްބަސްވުމާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިގެން ވާދަކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވެ އެވެ. އެ އެއްބަސްވުމާ އެއްގޮތަށް ވާދަކުރާ ނަމަ އެމްޑީޕީ އަށް 35، ޖުމްހޫރީ ޕާޓީ އަށް 22، އެމަނިކުފާނަށް 17 އަދި އަދާލަތު ޕާޓީ އަށް 13 ދާއިރާ ލިބޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެ އުސޫލަށް އަޅުގަނޑު ވެސް އެއްބަސް،" މައުމޫން ވިދާޅުވި އެވެ.

"އެގޮތަށް ކުރިން އެއްބަސްވެފައި އޮތީ. އެކަމަކު މިހާރު ބައެއް ބޭފުޅުން ވިދާޅުވަނީ އެއީ އެއްބަސްވުމެއް ނޫނޭ،" މައުމޫން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނާއި ނަސްރީނާ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމަނިކުފާނުގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން 100 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައި އޮތް ނަމަވެސް ވާދަކުރާނެ ދާއިރާތައް އަދި ނުނިންމަވާ ކަމަށް މައުމޫން ވިދާޅުވި އެވެ. ދާއިރާތައް ނިންމަވާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ލީޑަރުންގެ ބައްދަލުވުމެއް ބޭއްވި، ނިމޭ ގޮތަކުން ކަމަށް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އެމްޑީޕީން 86 ދާއިރާ އަށް ވާދަކޮށް، ޖުމްހޫރީ ޕާޓީން 36 ގޮނޑި އަށް ވާދަކުރަން ނިންމުމުން، ބޭނުން އަދަދަކަށް ކުރިމަތިލުމުގެ އިހްތިޔާރު އެމްއާރުއެމަށް އެބައޮތް ކަމަށެވެ.

"ވަރަށް އަވަހަށް އެކަމުގައި އަޅުގަނޑުމެން ގޮތެއް ނިންމާނަން،" މައުމޫން ވިދާޅުވި އެވެ.

ކޯލިޝަން ޕާޓީތައް ބަދަހިކަމާ އެކު ދެމިއޮންނާނެ ކަމަށް ޕާޓީތަކުގެ ލީޑަރުން ވިދާޅުވެފައިވީ ނަމަވެސް މަޖިލީސް އިންތިޚާބާ ހަމައިން މިވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. މަޖިލީސް އިންތިޚާބާ ގުޅުވައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އަންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. މި ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯއްދަވަން ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.