މަތިންދާބޯޓުގައި ވެސް ރައީސްގެ ފަރާތްޕުޅުން ތަފާތު މަންޒަރެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީ ލަންކާ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނީ ސާދާ ކަމެވެ؛ ސްރީ ލަންކަން އެއާލައިންސްގެ މަތިންދާބޯޓުގެ ފަސްޓް ކްލާހުގައި އިންނެވުމަށް ފަހު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން އިކޮނޮމީ ކްލާހަށް ވަޑައިގެން ފަސިންޖަރުންނާ ބައްދަލު ކުރައްވަން ފެއްޓެވުމުން މީހުންގެ މޫނުމަތިން ފެނުނީ އުފާވެރި މަންޒަރެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީ ލަންކާ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ބޯޓުން ދަތުރުކުރި ބައެއް ޕަސިންޖަރުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:މިހާރު

ބޯޓުން ދަތުރު ކުރި ދިވެހިންނާއި ލަންކާގެ ރައްޔިތުންގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތަކުގެ މީހުން ވެސް ރައީސާ އެކު ސަލާންކޮށް ސެލްފީ ނެގި އެވެ. އަދި ބޯޓުގެ ބައެއް ކްރޫން ވެސް ވަނީ އެމަނިކުފާނާ އެކު ސެލްފީ ނަގައިފަ އެވެ.

ރައީސް ރާއްޖޭން ބޭރަށް މީގެ ކުރިން ކުރެއްވި ރަސްމީ ދެ ދަތުރުފުޅުގައި ވެސް ވަނީ އެމަނިކުފާނާ އެކު ގެންދެވި ވަފުދުގެ ބޭފުޅުންނާ ބޯޓުގައި ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް އިންޑިއާ އާއި ޔޫއޭއީ އަށް ވެސް ވަޑައިގަތީ އެ ގައުމުތަކުން ފޮނުއްވި ޚާއްސަ މަތިންދާބޯޓެއްގަ އެވެ. އެކަމަކު، ލަންކާ އަށް ވަޑައިގަތީ ކޮމާޝަލް ފްލައިޓެއްގައި ކަމަށް ވާތީ ރަސްމީ ވަފުދުގެ އިތުރުން، އާންމު ފަސިންޖަރުންނާ ވެސް ރައީސް ބައްދަލު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސްރީ ލަންކާ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ބޯޓުން ދަތުރުކުރި ބައެއް ޕަސިންޖަރުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:މިހާރު

ގައުމުތަކުގެ ވެރިން ފަސްޓް ކްލާހުގައި ދަތުރުފުޅު ކުރައްވާއިރު އިކޮނޮމީ ފަސިންޖަރުންނާ ބައްދަލު ކުރެއްވުމަކީ އާއްމުކޮށް ކުރައްވާ ކަމެއް ނޫނެވެ. ނަމަވެސް، ވޯލްޑް ކަޕް ގައި ކްރޮއޭޝިއާ މިދިޔަ އަހަރު ކުޅުނު އިރު އެ ގައުމު ކުޅޭ މެޗުތަކަށް ރައީސާ ކޮލިންޑާ ގްރަބާ-ކިޓާރޮވިޗް ކޮމާޝަލް ފްލައިޓެއްގައި އިކޮނޮމީ ކްލާހުގައި އާންމު ފަސިންޖަރުންނާ އެކު ދަތުރުފުޅު ކުރެއްވުމުން އެތައް ބައެއްގެ ލޯބި އެކަމަނާ އަށް ވަނީ ލިބިފަ އެވެ.