ޝަރީފަށް ވަގަށް ގޮވި ކޮންޓެންޓުގެ މައްސަލައިގައި ޗެނަލް 13 މާފަށް އެދެން އަންގައިފި

ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމުގެ ތުހުމަތާ އެކު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ޝަރީފަށް ވަގަށް ގޮވި ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި މައްސަލައިގައި ޗެނަލް 13 އާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅައިފި އެވެ.


ޝަރީފަށް ވަގަށް ގޮވި ކޮންޓެންޓެއް ޗެނަލް 13 އިން ދެއްކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވީ އީސީގެ މެމްބަރުން ވޯޓުގައި މަކަރު ހަދައިގެން ކަމަށް އަޑު އުފުލަން ބޭއްވި މުޒާހަރާގެ ތެރެއިން ގެނެސްދިން "އޮޅުވާލި ވޯޓު" ޕްރޮގްރާމްގަ އެވެ.

އެ މައްސަލަ ތަހުގީގުކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން އާއްމުކުރި ލިއުމުގައި ވަނީ، އޮކްޓޯބަރު 8، 2018ގެ ރޭގަނޑު ދެއްކި ޕްރޮގްރާމެއްގައި ޝަރީފަށް ވަގަށް ގޮވި ކޮންޓެންޓެއް ޗެނަލް 13 އިން ދެއްކި ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. އޭގެ ސަބަބުން، ޝަރީފްގެ އަބުރާއި އިއްޒަތަށް އަންނާނެ ކަމަށް ދެކޭ ކަމަށް ނިންމުމުގައިވެ އެވެ.

ތަހުގީގަށް ޖަވާބުދާރީވުމުގެ ފުރުސަތު ޗެނަލް 13 އަށް ދިނުމަށް ފަހު ނިންމި މައްސަލައިގައި ބުނެފައި ވަނީ، އެއީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ އެއް ވަނަ ނަމްބަރު ކަމަށްވާ މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުމާ ޚިލާފު ކޮންޓެންޓެއް ކަމަށެވެ. އެ މައްސަލައިގައި، މާފަށް އެދި ބަޔާނެއް މި މަހުގެ 14 ގެ ކުރިން އާއްމުކުރަން ވަނީ އަންގައިފަ އެވެ. އެއީ، އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުމުގެ މާއްދާއާ ޗެނަލް 13 އިން ޚިލާފުވި ފަސް ވަނަ ފަހަރު ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާ ކުރުމުގެ ފުރުސަތު އިތުރަށް ނުދޭން، އެ ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ، ލައިވް އިވެންޓްތައް ދެން ނުފޮނުވުމަށް ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ޗެނަލް 13އާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅާފައިވާ އިރު، ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖެ ޓީވީގެ ގިނަ މައްސަލަތަކެއް ބަލައި އެ ސްޓޭޝަން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ. އެއީ، ޕީޕީއެމް ސަރުކާރުގެ ނުފޫޒާ އެކު ރާއްޖެ ޓީވީ ނައްތާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެޅި ފިޔަވަޅުތަކެއް ކަމެއް ކަމަށް އެ ސްޓޭޝަނުން ތުހުމަތު ކުރެ އެވެ.