ތިމާވެށީގެ ފެތުމުގައި 23 ކިލޯމީޓަރު ހަމަކޮށްފި

ތިމާވެށީގެ މައްސަލަތަކަށް އާއްމުން ހޭލުންތެރި ކުރުވުމަށް މިދިޔަ ހޮނިހިރު ދުވަހު ފެށި، ދިގު ފެތުމުގެ ބައިވެރިން، 23.75 ކިލޯ މީޓަރަށް ފަތައިފި އެވެ.


ބ. އޭދަފުށިން މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ފެށި، "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019" ހަރަކާތުގެ އަށް ފެތުންތެރިންގެ ޓީމުން 11 ރަށަށް އެރުމަށް ފަހު މިހާރު ތިބީ އަމިއްލަފުށި ރިސޯޓުގަ އެވެ. މާދަމާ އެއީ އެ ފެތުންތެރިން އަރާމުކުރަން ނިންމާފައިވާ ދުވަހެވެ.

އަންނަ ހޮނިހިރު ދުވަހުން ނިންމާ އެ ހަރަކާތުގައި 43.7 ކިލޯ މީޓަރަށް ފަތަން ވަނީ ނިންމާފަ އެވެ. މިއީ ގުރޫޕު ހަދައިގެން ރާއްޖޭގެ އެއްރަށުން އަނެއް މިހާ ދިގު ފެތުމެއް ފަތާ ފުރަތަމަ ފަހަރެވެ.

ފެތުމުގެ ހަރަކާތް ކުރުގޮތަކަށް---

މަޝްހޫރު ވަކީލް ހުސައިން ޝަމީމްގެ އިތުރުން ސްވިޑެންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް، މީކޭލް ރޮސިއެން އާއި ރާއްޖޭގެ މަޝްހޫރު އަންހެން ފެތުންތެރިޔާ އަޒްކާ އާދިލާއި ދުވުންތެރިޔާ އާތިފް އަހުމަދާ އެކު އިތުރު ހަތަރު ދިވެހިން ހިމެނޭ ޓީމުން އެކުގައި ފަތަމުން އަންނަނީ ރާވާފައި އޮތް ގޮތަށް ބައެއް ރަށްރަށަށް އަރައި އަރާމު ވެސް ކުރަމުންނެވެ.

"ހުރިހާ ފެތުންތެރިންވެސް ހަމަ ފިޓް. ޝެޑިއުލާ އެއްގޮތަށް އެކުގައި ފަތަމުން މިދަނީ،" އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ޝަމީމް ވިދާޅުވި އެވެ.

ފެތުންތެރިން މޫދުގައި: މިއަދާ ހަމައަށް ވަނީ 23 ކިލޯ މީޓަރު ފަތާފައި-- ފޮޓޯ: ސްވިމް މޯލްޑިވްސް

ދަރަވަންދުއިން ހަނިފަރަށް، އަދި އެ ރަށުން ދޮންފަނަށް އިއްޔެ ފެތިއިރު ރާޅު ގަދަވުމުން ބައެއް ގޮންޖެހުންތައް ކުރިމަތިވި އެވެ. ނަމަވެސް ޝެޑިއުލްކޮށްފައިވާ ގޮތަށް އިއްޔެ ވަނީ ފަތާފަ އެވެ. އިއްޔެގެ ފެތުމުގެ މެދުތެރެއިން އަރާމުކުރުމަށް މަޑުކުރި ހަނިފަރުގެ ގޮނޑުދޮށަށް ލައްވެފައި ހުރި ގިނަ އަދަދެއްގެ ޕްލާސްޓިކް ނަގައި ވަނީ ސާފުކޮށްފަ އެވެ. އަދި ބަޔޮސްފިޔާ ރިޒާވުން ހިމާޔަތް ކޮށްފައިވާ އެ ރަށާ ގުޅޭ މައުލޫމާތުތައް ވަނީ ހޯދާފަ އެވެ.

އިއްޔެގެ ފެތުމާ ގުޅޭގޮތުން އާތިފް ކޮށްފައިވާ ޓްވީޓް--

އިއްޔެ ހަވީރު އޮތީ ދޮންފަނުގެ ކުޑަކުދިންނާއި އަންހެނުންނަށް ހާއްސަކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ހަރަކާތެކެވެ. މިހާތަނަށް އެ ޓީމުން ރޭގަނޑު މަޑުކުރާ ހުރިހާ ރަށެއްގައި އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ. އިއްޔެގެ އެ ހަރަކާތުގައި 60 މީހުން ބައިވެރިވިއިރު ފެތުމުގެ އިތުރުން މޫދުގައި އުޅެނިކޮށް ހާދިސާއެއް ދިމާވުމުން ސަލާމަތް ވާނެ ގޮތްތައް ވެސް ބުނެދީފައިވެ އެވެ.

"ފަތަން އެނގޭ ވަރަށް ގިނަ މީހުންނަށް. ނޭނގެނީ ކަމެއް ދިމާވުމުން ކަންކުރާނެ ގޮތް. މި ޕްރޮގުރާމުން އެކަންކަން ވާނީ ބުނެދީފައި،" އުރީދޫއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމާ ގުޅޭގޮތުން ޝަމީމް ވިދާޅުވި އެވެ.

މިއަދު ހެނދުނު ދޮންފަނުން ފަތައިގެންގޮތަށް މިހާރު ތިބީ އަމިއްލަ ފުށީގަ އެވެ.

ދެން ޝެޑިއުލް އޮތްގޮތް:

ބުރާސްފަތި: އަމިއްލަފުށި- މިލައިދޫ- ކަމަދޫ ހުކުރު: ކަމަދޫ- ފޯސީޒަން ލަނޑާ ގިރާވަރު- ކުޑަރިކިލު ހޮނިހިރު: ކުޑަރިކިލު- ހުރުވަޅި- އުނޑޫދޫ- ފުނަދޫ - ހުޅުދޫ - ގެމެންދޫ- ކެންދޫ މި ދިގު ފެތުމުގެ ހަރަކާތް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ސްވިމް މޯލްޑިވްސްއިން ވަނީ ނިންމައިފަ އެވެ.