އެސްބީއައިގެ ދިގު މުއްދަތުގެ ޚިދުމަތަކީ ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ ރަމްޒެއް: ރައީސް

ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) ގެ ދިގު މުއްދަތުގެ ޚިދުމަތަކީ ރާއްޖެ އާއި އިންޑިޔާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


އެސްބީއައިގެ ޚިދުމަތް ރާއްޖޭގައި ދޭތާ 45 އަހަރު ފުރުން ފާހަގަކުރަން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަމިއްލަ މީހުންނަށާއި ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެސްބީއައި އަބަދުވެސް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

އެހެންވެ، ދިގު މުއްދަތެއް ވަންދެން ރާއްޖޭގައި ޚިދުމަތް ކޮށްފައިވާތީ އެމަނިކުފާނު ވަނީ އެ ބޭންކުގެ ވެރިންނާއި މުވައްޒަފުންނަށާއި ހިއްސާދާރުންނަށް މަރުހަބާ ދަންނަވައި ޝުކުރު އަދާކުރައްވައިފަ އެވެ.

އެސްބީއައި އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށި ބޭންކެވެ. ޓޫރިޒަމްގެ ސިނާއަތް ފެށިއިރު ރާއްޖޭގައި ބޭންކިންގެ ހިދުމަތްދޭ ހަމައެކަނި ބޭންކަކީ ވެސް އެއީ އެވެ.

ރައީސް ވަނީ ދިވެހި ވިޔަފާރިތަކަށް ކާމިޔާބާ ހަމައަށް ވާސިލްވުމަށް އެސްބީއައި އިން ދޭ އެހީތެރިކަން ވެސް ފާހަގަކުރައްވައިފަ އެވެ.

މިރޭގެ ހަފުލާގައި އެސްބީއައިގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވައިފަ އެވެ.