މި ދުވަސްވަރު ޗިކުންގުންޔާ ދަނީ ފެތުރެމުން: އެޗްޕީއޭ

މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ މިދުވަސްވަރު މާލެ ސަރަހައްދުގައި އިތުރުވަމުން އަންނަ ކަމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.


އެޗްޕީއޭގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 15 އިން މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ޗިކުންގުންޔާ ޖެހިގެން 63 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ.

މިއީ ތިން އަހަރު ފަހުން އެބަލި ފެނުނު ފުރަތަމަ ފަހަރެވެ.

"ރާއްޖޭގެ އެހެން ހިސާބަކުން އެބަލި ފެނޭތޯ އަޅުގަނޑުމެން ބަލަމުން މި އަންނަނީ. މިހާތަނަށް ފާހަގަވެފައިވަނީ މާލެ ސަރަހައްދުން އެކަނި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބައްޔަށް އާއްމުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތައް ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ މަދިރީގެ ސަބަބުން ޖެހޭ ބައްޔަކަށް ވާތީ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިބަލި ޖެހެނީ ބަލީގެ ޖަރާސީމު ހުރި މީހެއްގެ ގައިން މަދިރި ލޭ ބުއިމަށް ފަހު އެހެން މީހެއްގެ ގައިންލޭ ބުއިމުގެ ތެރޭގައި ޖަރާސީމު އަނެކާގެ ހަށިގަނޑަށް ވާސިލްވުމުންނެވެ. މި ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމާއި މިބަލީގެ އަލާމާތްތައް ފެނުމާ ދެމެދު ނަގާނީ ދެ ދުވަހާއި 12 ދުވަހުގެ މުއްދަތެކެވެ. އަދި ބައެއްފަހަރު ތިން ދުވަސް ނުވަތަ ހަތް ދުވަސް ވެސް ނަގައިފާނެ އެވެ.

ޗިކުންގުންޔާގެ އަލާމާތްތައް

• ގަދަޔަށް ހުންއައުން

• ބޮލުގައިރިއްސުން

• ހުޅުހުޅުގައި ރިއްސުން

• ގައިން ބިހިނެގުން

• ވަރުބަލިވުން އިތުރުވުން

• މޭނުބައިކުރުމާއި ހޮޑުލެވުން

• ކާހިތްނުވުން ކަހަލަކަންތައްތައް

އެ ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.

މި ބައްޔަކީ އަދި މިހާތަނަށް ވަކި ހާއްސަ ވެކުސިނެއް އަދި ވަކި ހާއްސަ ބޭހެއް ހޯދިފައިވާ ބައްޔެއް ނޫންނެވެ. ނަމަވެސް މަދިރީގެ ޒަރީއްޔާ އިން ޖެހޭ ޑެންގީ ހުން ފަދައިން މި ބައްޔަށް ވެސް ދެވޭ ފަރުވާ ހުރެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގައި ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުން އިތުރުވި ނަމަވެސް މިހާރު އެބަލި ޖެހިގެން ފަރުވާ ހޯދާ މީހުން މަދުވެފައިވާ ކަމަށް އެޗްޕީއޭން ބުނެ އެވެ. ޑިސެމްބަރު މަހުގެ ފަހު ހަފްތާގައި ޑެންގީ ޖެހިގެން 165 މީހުން ޑޮކްޓަރަށް ދެއްކިއިރު މިދިޔަ ހަފްތާގައި އެ ބަލި ޖެހިގެން ފަރުވާ ހޯދާފައި ވަނީ 64 މީހުންނެވެ.

އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން ވެސް މިދުވަސްވަރު ކޮންމެވެސް ވަރަކަށް ދަނީ ފެތުރެމުންނެވެ.