އައްޑޫގެ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލައަށް ދައުވާކުރާ ފަރާތުން ހާޒިރު ނުވުމުން މައްސަލަ ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ދައުވާކުރާ ފަރާތުން ހާޒިރު ނުވުމުން އެ މައްސަލަ ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.


އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދޫ އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހިގެެން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި ސ. މަރަދޫފޭދޫ، ފައިވްރޯޒް މުމްތާޒް އަލީގެ ފަރާތުންނެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ.

އެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ނަގާފައިވާ އިޖްރާއީ ނުކުތާއާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވަން ހަމަޖެއްސި އަޑުއެހުމެކެވެ. އެކަމަކު އެ އަޑުއެހުމަށް ދައުވާކުރާ ފަރާތާއި ވަކީލުން ހާޒިރު ނުވުމުން ހައި ކޯޓުން ވަނީ އެ މައްސަލާގެ ދައުވާ ފޯމް ބާތިލްކޮށް، މައްސަލަ ބޭރުކޮށްލައިފަ އެވެ.

އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އިޖްރާއީ ނުކުތާ ނަގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގައި ބުނާ ފަދައިން ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައި ނެތުމުންނެވެ.

އިންތިޚާބީ ދާއިރާތައް ކޮމިޝަނުން ކަނޑައަޅާ ގޮތާ މެދު ހިތްހަމަނުޖެހިގެން ކޯޓަށް ދެވޭނީ ކޮމިޝަނަށް ލިޔުމުން ޝަކުވާ ހުށަހެޅުމަށް ފަހު، ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ކަމަށްވާއިރު، އެ މައްސަލާގައި އެ އިޖްރާއާތުތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

އެކަމަކު މައްސަލަ ހުށަހެޅި ފަރާތްތަކުން ކޯޓުގައި ބުނެފައިވަނީ މަރަދޫފޭދޫ ދާއިރާ ވަކި ކުރުމާ ބެހޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު މަޝްވަރާ ކުރެވުނު ކަމަށާއި އެ މަޝްވަރާތަކުގައި، އެ ދާއިރާ ވަކިކުރަން ބޭނުންވާ ކަމަށް ކޮމިޝަނުން ވެސް ބުނެފައިވާ ކަމަށެވެ. އަދި އެ ދާއިރާ ވަކިކުރަން ސިޓީ ކައުންސިލުން ކޮމިޝަނަށް ޝަކުވާ ހުށަހެޅި ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައިވެ އެވެ.

އެ މައްސަލާގެ ތެރެއަށް އައްޑޫ ސިޓީ ކައުންސިލާއި ދައުލަތް ވެސް އޮތީ ތަދައްޚުލްވެފަ އެވެ.

މަޖިލީހުގެ އިންތިޚާބީ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން މިފަހަރު ކަނޑައެޅިއިރު، ދާއިރާތައް އިތުރުވަނީ މާލެއަށް އެކަންޏެވެ.