މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތަކީ ފައިސާ މާރުކުރުމުގެ ސައްހަ މުއާމަލާތެއް ކަަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާއްމުކުރި ރިޕޯޓުގައިވާ ގޮތުގައި އެސްއޯއެފް އިން ފައިސާ ޖަމާކުރި މެމްބަރުންގެ ތެރޭގައި މަހްލޫފް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ އަށް 33،000 ޑޮލަރު (539،700 ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މިކަމާ ގުޅިގެން މަހްލޫފަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް އިސްތިއުފާ އަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
އޭސީސީގެ ރިޕޯޓަށް ޖަވާބުދާރީވެވަޑައިގަތުމަށް މަހްލޫފް ނެރުއްވި ބަޔާނުގައި ވިދާޅުވީ އެސްއޯއެފުން އޭނާގެ ޑޮލަރު އެކައުންޓަށް ޖަމާކުރި ފައިސާއަކީ އޭނާގެ އާއިލާއިން " ދަ ޖީންސް" ގެ ނަމުގައި ވިޔަފާރިއެއް ކުރި އިރު، ކޮއްކޮ އަކު މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ކޮށްފައިވާ ސައްހަ މުއާމާލާތެއް ކަމަށެވެ.
"... އެ މުއާމަލާތަކީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮށްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެކެވެ،" މަހްލޫފްގެ ބަޔާނުގައި ވެއެވެ.
ބަޔާނާ އެކުގައި އޭނާ ވަނީ ފައިސާ މާރުކުރުމުގެ މުއާމަލާތުގެ ރަސީދާ، އެކަމާ ގުޅިގެން އޭނާ އޭސީސީ އަށް މިދިޔަ ހޯމަ ދުވަހު ފޮނުވާފައިވާ ސިޓީއަކާއި އެ ސިޓީއަށް އޭސީސީން ދިން ޖަވާބު ވެސް އާއްމު ކުރައްވައިފަ އެވެ.
އޭސީސީ އަށް ފޮނުއްވި ސިޓީގައި މަހްލޫފު ވިދާޅުވެފައި ވަނީ އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި އެންމެންނަކީ ވަގުންގެ ގޮތުގައި މުޖުތަމައުގެ ބައެއް ފަރާތްތަކުން ސިފަކުރަމުންދާ އިރު އޭގެ ތެރޭގައި ހިމެނޭ ސައްހަ މުއާމަލާތްތައް ކުރި ފަރާތްތަކުގެ ހައްގުތައް ނުގެއްލޭނެ ކަން ކަށަވަރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސައްހަ މުއާމަލާތްތައް ހިންގި ފަރާތްތަކުގެ ހައްގު ނުގެއްލޭނެ ކަން ކަށަވަރު ކުރުމަށްޓަކައި ވީހާވެސް ބޮޑަށް އެމައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދޭން ސިޓީގައި މަހްލޫފް އެދިވަޑައިގެންފައި ވެ އެވެ.
މަހްލޫފްގެ ސިޓީއަށް ޖަވާބު ދެމުން އޭސީސީން ބުނެފައި ވަނީ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންތައްތައް އެ ކޮމިޝަނުން އިތުރަށް ބަލާނެ ކަމަށެވެ.
މަހްލޫފް ނެރުއްވި ބަޔާނުގައި އޭސީސީ އާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް އިލްތިމާސް ކުރައްވާފައި ވަނީ އެ މައްސަލަ ތަހުގީގުކޮށްދެއްވުމަށް ފަހު މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށްދެއްވުމަށެވެ.