ހިޔާނާތުގެ ފައިސާ އިން 4 މެމްބަރަކަށް 9 މިލިއަން ވުރެ ރުފިޔާ!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ އިން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ އެކައުންޓަށް އެސްއޯއެފުން 9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމުކުރި ރިޕޯޓުން ހާމަވެއްޖެ އެވެ.


އޭސީސީން ކުރި ތަހުގީގަށް ފަހު އެކުލަވާލި 779 ސޮފްހާގެ ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1.3 ބިލިއަން ރުފިޔާ، ދީފައިވާ މީހުންނާއި ކުންފުނިތަކުގެ އެކައުންޓް ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވިޔަފާރި ވެރިން ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކުރަމުން ދިޔަ ބިލްތަކާ ގުޅިގެން، މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށް ހިޔާނާތުގެ ފައިސާ ބެހި ކަމަށް ތުހުމަތު ކުރެ އެވެ. އޭސީސީގެ ތަހުގީގު ރިޕޯޓުގައި ހިމަނާފައި ވަނީ، އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާ މެމްބަރުންގެ ނަންތަކާއި ޖަމާކޮށްފައިވާ އަދަދެވެ. ނަގުދު ފައިސާ ލިބިވަޑައިގަތް ކަމަށް ތުހުމަތުކުރެވޭ މެމްބަރުންގެ ނަމެއް ނެތެވެ.

އެސްއޯއެފް އިން ފައިސާ ޖަމާކުރި މެމްބަރުން:

- ރިޔާޒް ރަޝީދު/ ވިލުފުށި ދާއިރާ 424،255 ޑޮލަރު (6،542،012 ރުފިޔާ)

- މޫސާ މަނިކު/ ހުޅުހެންވޭރު ދާއިރާ 100،000 ޑޮލަރު (1،542،000 ރުފިޔާ)

- އަހްމަދު މަހްލޫފް/ ޔޫތު މިނިސްޓަރު 33،000 ޑޮލަރު (539،700 ރުފިޔާ)

- ހުސެއިން މަނިކު ދޮންމަނިކު/ ގުރައިދޫ ދާއިރާ 250،000 ޑޮލަރު (3،855،00 ރުފިޔާ)

ރިޕޯޓްގައިވާ ގޮތުން ހުސެއިން މަނިކަށް އެ ފައިސާ ދޫކުރީ، ބޮޑުފަރު ބީޗް ރިސޯޓް އިން ކުއްޔަށް ހިފާފައިވާ އދ. ބޮޑުފަރު ފިނޮޅުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ދެއްކި 1،500،000 ޑޮލަރުގެ ތެރެއިންނެވެ. ހުސެއިން މަނިކުގެ އިތުރުން އެ ފައިސާ ބެހި ލިސްޓުގައި، ނުވަ ފަރާތެއް ހިމެނެ އެވެ.

މީގެ އިތުރުން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާންގެ އެއްބަނޑު އެއްބަފާ ބޭބެ، މުހައްމަދު އިނާން ހުސެއިނަށް 150،000 ޑޮލަރު (2،313،000 ރުފިޔާ) ދޫކޮށްފައިވެ އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ހިއްސާ އޮންނަ ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑަށް 1،519،000 ޑޮލަރު ދޫކޮށްފައިވާ ކަމަށް ތަހުގީގު ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން ތިމަރުފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ކުރީގެ އަނބިކަނބަލުން ސާދާ އިބްރާހީމަށް 100،000 ޑޮލަރު (1،542،000 ރުފިޔާ) އެސްއޯއެފް އިން ދޫކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި، އެސްއޯއެފުން 1 މިލިއަން ޑޮލަރަށް ވުރެ މަތިން ފައިސާ ޖަމާކޮށްފައިވާ ފަރާތްތަކުގެ ނަން ވެސް ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ސީޖީޓީ ޕްރައިވެޓް ލިމިޓެޑާއި މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓާއި އަބްދުﷲ ރަޝީދާއި އެމްއެމްޕީއާރުސީ އާއި ޒަރީރު އިބްރާހީމާއި އަބްދުﷲ އާސިމާއި އަބްދުއްރަޝީދު ހަސަން އާއި އަމީން ކޮންސްޓްރަކްޝަނާއި އަލީ މުޖާހާއި އަބްދުﷲ ރާފިއު އާއި ރެޑް ވޭވް އާއި އަހްމަދު ޖަމީލްގެ އިތުރުން ޚާލިދު އަބްދުﷲ އަލީ ހިމެނެ އެވެ.

ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ 59،455،000 ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާނުކޮށް ސީދާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ތަހުގީގު ރިޕޯޓުގައިވެ އެވެ. ދައުލަތަށް ލިބެން ޖެހޭ ޖުމްލަ 64،805،000 ޑޮލަރު ސީދާ އެސްއޯފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވެސް ތަހުގީގު ރިޕޯޓުގައިވެ އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި، ފަޅުތަކާއި ރަށްތަކުގެ ގޮތުގައި އެމްއެމްޕީއާރުސީން 57 ތަނެއް ދޫކޮށްގެން 77،455،000 ޑޮލަރު އެ ކުންފުންޏަށް ލިބެން ޖެހެ އެވެ. އެކަމަކު އެ ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ ހަމައެކަނި 12،500،000 ޑޮލަރު ކަމަށް ވެސް ތަހުގީގު ރިޕޯޓުގައިވެ އެވެ. އޭގެ ތެރެއިން ވެސް ބޮޑު އަދަދެއް އެސްއޯއެފް އާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދެ އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރައްވާފައިވާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދުސޭޓު) ގެ މިލޭނިއަމް ކެޕިޓަލަށް ދީފައިވެ އެވެ.

1.3 ބިލިއަން ދޫކުރި ގޮތުގެ ތަފްސީލް:

އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 1،107،233،100 ރުފިޔާ އެކި ފަރާތްތަކަށް ދޫކުރި ގޮތް.

އެސްއޯއެފް: 64،805،000 ޑޮލަރު (999،293،100 ރުފިޔާ)

މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް: 6،500،000 ޑޮލަރު (100،230،000 ރުފިޔާ)

އެމްޔޫ ސްޓޯރު: 100،000 ޑޮލަރު (1،542،000 ރުފިޔާ)

އަބްދުﷲ އާސިމް: 400،000 ޑޮލަރު (6،168،000 ރުފިޔާ)

އެހެނިހެން ގޮތްގޮތުން އެމްއެމްޕީއާރުސީއަށް ވަންނަން ޖެހޭ:

އެސްއޯއެފް: 127،184،546 ރުފިޔާ

މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް: 38،300،000 ރުފިޔާ

ހާމިދު އިސްމާއިލް: 38،300،000 ރުފިޔާ

ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ އެކައުންޓުން މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓަށް 1،500،000 ޑޮލަރު ޖަމާކޮށްފައި ވަނީ ކޮން ކަމަކަށް ކަން އެނގޭނެ ލިޔެކިޔުމެއް ނެތެވެ.