ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓް ފްރީޒްކުރި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.


ޔާމީންގެ ބޭންކް އެކައުންޓް މިދިޔަ ޑިސެމްބަރު މަހު ކޯޓު އަމުރެއްގެ ދަށުން ފްރީޒްކުރީ ފުލުހުން އެދިގެންނެވެ. ޔާމީންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނު ކުރިން ފުލުހަށް ވެސް ހާޒިރުކުރި އެވެ.

އެކައުންޓް ފްރީޒްކުރި މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ ޝަރީއަތް ފަށައި، އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ އެ މައްސަލާގެ ހުކުމް އިއްވުން ކަމަށް ބެލެވެ އެވެ.

މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވައި ނުލައި، ސިއްރުކޮށްގެން ކަމަށްވާތީ އިތުރު ތަފްސީލެއް ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި އެ އަޑުއެހުމަށް ޔާމީން ވެސް ހާޒިރުވެ ވަޑައިގަތެވެ.

އެކައުންޓް ފްރީޒްކުރި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލިއިރު، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އިއްޔެ ވަނީ މަނީ ލޯންޑްރިންގެ ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފްރީޒްކުރި އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ. އެކަމަކު ޔާމީންގެ ވަކީލުންގެ ޓީމުން ކުރިން ބުނެފައިވަނީ އެކައުންޓް ފްރީޒްކުރީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމުގައި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަމަށެވެ.