ޕީޕީއެމްގެ އެސްޖީކަމުން މަތީން އިސްތިއުފާ ދެއްވައި އަމިއްލަ ގޮތުން ވާދަ ކުރައްވަނީ

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އަބްދުލް މަތީން އިސްތިއުފާ ދެއްވައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަ ގޮތުން އުނގޫފާރު ދާއިރާ އަށް ވާދަކުރައްވަން މިއަދު ނިންމަވައިފި އެވެ.


ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މަތީން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުން މި އިސްތިއުފާ ދެއްވީ އެ މަގާމަށް އައްޔަން ކުރެއްވިތާ މަހެއްހާ ދުވަސްވީ ތަނާ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި އުނގޫފާރު ދާއިރާ އަށް ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓިކެޓު ދެއްވީ މަތީނަށެވެ. ނަމަވެސް، މަތީން "މިހާރު" އަށް ވިދާޅުވީ އިންތިހާބުގައި ދެން ވާދަކުރައްވާނީ "ރައްޔިތުންގެ ކެންޑިޑޭޓެއްގެ" ގޮތުގައި ކަމަށެވެ.

ކުރީގެ ސްޓޭޓް މިނިސްޓަރު މަތީން ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ފަހު ރައީސް އަބުދުﷲ ޔާމީނާ ފޯމް ހަވާލުކުރައްވަނީ. ފޮޓޯ:ޕީޕީއެމް

މަތީން މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ކުރެއްވި މެސެޖްގައި ވިދާޅުވީ ޕީޕީއެމަށް ހިދުމަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށެވެ. އަދި ޕީޕީއެމްގައި ހިދުމަތް ކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު ދަންނަވައި، އެ ޕާޓީ އަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް މަތީންގެ މެސެޖްގައި ވެ އެވެ.

މަތީން ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ޕީޕީއެމުން ކުރި މަޝްވަރާތަކުގައި އުނގޫފާރު ދާއިރާގެ ގޮނޑި ޖުމްހޫރީ ޕާޓީ އަށް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. މި ފަހަރުގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި އުނގޫފާރު ދާއިރާ އަށް ވާދަކުރައްވަނީ ދަނގެތި ދާއިރާގެ މިހާރުގެ މެމްބަރު އިލްހާމް އަހުމަދެވެ.

ނަމަވެސް، މަތީން ވިދާޅުވި ގޮތުގައި އުނގޫފާރު ދާއިރާގެ ރައްޔިތުން ބޭނުން ވަނީ އެ ދާއިރާ އަށް އޭނާ ވާދަކުރެއްވުމަށެވެ. އެހެންވެ، އެގޮތުގެ މަތިން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމްގެ އެ ދާއިރާގެ ރައްޔިތުން ބޭނުން ވަނީ އަޅުގަނޑުގެ ނަން ބާއްވަން. ސިޔާސީ ކަންކަމަކީ ރައްޔިތުންނަށް ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ،" މަތީން ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާ އިރު، ޖުމްހޫރީ ޕާޓީން ކުރިމަތިލާ ބައެއް ދާއިރާތައް ޕީޕީއެމާއި ކޮންގްރެސް ޕާޓީން ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. ޕީޕީއެމުން އެގޮތަށް ނިންމާފައި ވާތީ ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގެންނެވި ބައެއް ކެންޑިޑޭޓުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

އެގޮތުން މިހާރު ވެސް ގެމަނަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި ޖަމީލް އުސްމާން އިންތިހާބުގައި ވާދަނުކުރައްވައި ޖުމްހޫރީ ޕާޓީން ނުކުންނަވާ އަލީ އާދިލް އަށް ފުރުސަތު ދިނުމަށް ޔާމީން ވަނީ އަންގަވައިފަ އެވެ. އާދިލް އަކީ މެމްބަރު އިލްހާމްގެ ކޮއްކޮ އެވެ.

މީގެ އިތުރުން ޗެނަލް 13 ގެ ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކަށް ޕީޕީއެމުން ދިން ޓިކެޓު ވަނީ އަތުލައިފަ އެވެ. ލަޔާލްގެ ޓިކެޓު އަތުލީ އޭނާ މަތިވެރި ދާއިރާ އަށް ވާދަކުރުމަށް ނިންމައި ކެމްޕެއިން ކުރަނިކޮށެވެ. މަތިވެރި ދާއިރާ އަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އެ ދާއިރާގެ މިހާރުގެ މެމްބަރު ހުސެއިން މުހައްމަދެވެ.

ޕީޕީއެމްގައި ތިއްބެވި ބައެއް މެންބަރުން މިހާރު ވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ވެސް ނިންމަވައިފަ އެވެ. އެގޮތުން ފޭދޫ ދާއިރާގެ ޕީޕީއެމްގެ ޓިކެޓު ލިބިވަޑައިގެންނެވި މިހާރުގެ މެމްބަރު އިބްރާހިމް ދީދީ ވަނީ ޓިކެޓު ދޫކޮށްލައްވައި، އަމިއްލަ ގޮތުން ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފަ އެވެ.