ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް މިރޭ ގެނައުމާ އެކު އެ ހޮސްޕިޓަލަށް ޖަމާވި އެމަނިކުފާނުގެ ސަޕޯޓަރުން ފުލުހުންނާ ޒުވާބުކޮށް، އަޑުގަދަކުރަން ފެށުމުން ޕެޕަ ސްޕްރޭ ޖަހައިފި އެވެ.
ޔާމީން، އައިޖީއެމްއެޗަށް ގެނައުމުން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ހޮސްޕިޓަލަށް ޖަމާވި އެވެ. ކާޑިއެކް ސެންޓަރު ކުރިމަތީގައި ޕެޕަ ސްޕްރޭ ޖެހީ ހޮސްޕިޓަލްގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ފުލުހުންނާ ޒުވާބުކޮށް، ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.
ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހާފައިވާ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އަދި އަބްދުރަހީމްގެ އަތް ކަނޑައިގެން ދިއުމުން، ފަރުވާ ދޭ ފޮޓޯއެއް ވެސް ވަނީ އާއްމުވެފަ އެވެ. އެކަމަކު، އެކަން ހިނގައިދިޔަ ގޮތް އަދި ސާފެއް ނުވެ އެވެ.
އައިޖީއެމްއެޗުގައި ބަލި މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހެދުމަކީ މަނާ ކަމެކެވެ. ޔާމީންގެ ސަޕޯޓަރުންގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކަށް ވީ، ފަރުވާ އަށް އެމަނިކުފާނު ގެނައީ ކުރިން އެންގުމަކާ ނުލައި ކަމަށް ބުނެ އެވެ.
ހޮސްޕިޓަލް ތެރޭގައި ހިނގި ކަންކަމާ ގުޅޭ ގޮތުން ފުލުހުން އަދި އެއްޗެކޭ ނުބުނެ އެވެ.
ފުލުުހުން ޕެޕަ ސްޕްރޭ ޖެހި މައްސަލައިގައި، ޕީޕީއެމްގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. އެއް ބަޔަކު ސިފަކޮށްފައިވާ ގޮތުގައި، އެއީ، ފުލުހުން ހިންގި އަނިޔާވެރި އަމަލެކެވެ.
ޕެޕަ ސްޕްރޭ ޖެހުމުން ހިތްހަމަޖެހިވަޑައިނުގެން ހޮސްޕިޓަލް ތެރޭގައި ހުންނަވައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރާ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ.
ޔާމީން، ބަންދުކުރީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކުރުމުންނެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.