ދިވެހިންގެ މިނިވަންކަން ގެއްލުނީ ހިޔާނާތްތެރި ދިވެހިންތަކެއްގެ ސަބަބުން: މުއިއްޒު

ދިވެހި ގައުމުގެ މިނިވަންކަން މިހާތަނަށް ގެއްލިގެން ގޮސްފައި ވަނީ ދިވެހިންތަކެއް ވީ ހިޔާނާތުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.


ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ދިވެހިންނަކީ މާޒީން ފިލާވަޅު ހޯދައި މުސްތަގުބަލަށް ރަނގަޅު ނިންމުންތަކެއް ނިންމާ ބަޔަކަށް ވާންޖެހޭ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ކަމަށެވެ.

"މާޒީން ފެންނަން އޮތް ހަގީގަތަކީ ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު އެކަން ވެގެން ގޮސްފައިވަނީ އެބައެއްގެ ގައިގައި ދިވެހި ލޭ ހިނގާ މަދު ދިވެހީންތަކެއްގެ ހިޔާނާތްތެރި ސަބަބުން. ޕޯޒުގީޒުން ގޮވައިގެން ރާއްޖެ އަރައި ދިވެހި ފަސްގަނޑުގައި ހުންނެވި އަލި ރަސްގެފާން ޝަހީދުކޮށް ،ދިވެހި ތާރީހުގައި ނުދެކޭ ފަދަ އަނދިރި ދުވަސްތަކެއް ދިވެހީންނަށް ކުރިމަތި ކުރުވައި، ދިވެހި ވެރިކަމުގެ ސިންގާސަނާއާ ޕޯޗުގީޒުންނަށް މަތިކުރުވި އިސްމޭސްތިރިއަކީ ވެރިކަމުގައި ހުރެ އިސްތިއުފާ ދިނުމަށް ފަހު، ގައުމު ދޫކޮށް ބޭރު ކަރަައަކަށް ގޮސް ހުރި ނުވަ ވަނަ ހަސަން ރަސްގެފާނު،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީން ދަސްވެނިވި ބައެއް ދަރިވަރުން: ރޭ ވަނީ 500އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ނޮވެމްބަރު 3، 1988 ގައި ލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެ ގެނެސް ވެރިކަމާ ތޮޅުނީ ވެސް ދިވެހީންތަކެކެވެ. އެހެންކަމުން މާޒީގައި ހިނގާފައި ހުރި އެފަދަ ކަންތައްތައް އިޔާދަވިޔަ ނުދިނުމަށް ތައްޔާރުވެ ތިބީ ކިހާވަރަކަށް ތޯ ގައުމުގެ ދުލުން ސުވާލުތައް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރަން ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން އަންނަ މަސައްކަތްޕުޅަށް އާނއެކޭ ބުނަން ތައްޔާރަށް ތިބީ ކިހާވަރަކަށްތޯ އާއި ގައުމުގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރަމުންދާ މީހުންނަށް ނޫނެކޭ ބުނަންތައްޔާރަށް ތިބީ ކިހާވަރަކަށް ތޯ އާ މެދު ވެސް މުއިއްޒު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ގައުމީ ޔުނިވާސިޓީން ރޭ ދަސްވެނިވި ދަރިވަރަކަށް މިނިސްޓަރު މުއިއްޒު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ގައުމަށް ތަރައްގީގެ އިންގިލާބެއް ގެންނައިރު، އެ މަސައްކަތުގައި އަޅުގަނޑުމެން ތައްޔާރަށް ތިބީ ކިހާވަރަކަށްތޯ؟ އަޅުގަނޑުމެންގެ ހިތްތަކުގައި މި ވިސްނުން ނުވާނަމަ އެ ވިސްނުމުގައި އަމަލީ ސިފަ ޖައްސަން ހިތުގެ އަޑިން ބޭނުން ނުވާނަމަ ގައުމަށް ދާއިމީ ކުރިއެރުމެއް ނުލިބޭނެ. އުޖާލާ މުސްތަގުބަލަކަށް ނުލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމުގެ ކަންތައްތައް ރަނގަޅުކުރަން ކަމަށް ބުނެ ބޭރުގެ ފަރާތްތަކުން އަންނަނީ ހެޔޮ އެދިގެން ނޫން ކަމަށެވެ.

ތަފާތު އެކި ދާއިރާތަކުން ގައުމީ ޔުނިވާސިޓީން ރޭ 558 މީހުން ދަސްވެނިވެފައި ވެ އެވެ.