ޝިޕިން ޗާޖު ހޯދަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލަނީ

ޕާރުސަލަކާ ހަވާލުވެ، އެ ގެންނަ މީހާއާ ޝިޕިން ޗާޖު ހަވާލުކޮށްދޭން އެދި މަކަރާއި ހީލަތުން ފައިސާ އަތުލުން އިތުރުވަމުން ދާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސަރުކާރު ޒިންމާދާރު ވަޒީފާއެއްގައި ހުރި މީހަކަށް ފޯނުން ގުޅާފައި އެ މީހާގެ ނަމުގައި އެހެން މީހަކު ތިން ފޮށިގަނޑު ހަވާލުކުރާނެ ކަމަށާއި އެ ހަވާލުކުރުމުން ޝިޕިން ޗާޖުގެ ގޮތުގައި 13،500ރ. ދިނުމަށް އެދުނު ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެ ފޮށިގަނޑު ގެނައި ފަރާތަށް އެ އަދަދަށް ފައިސާ ހަވާލުކުރުމަށް ފަހު ރަށަށް ގޮސް، ފޯނު ކުރިކަމަށް ބުނި މީހާއާ ބައްދަލުކުރުމުން އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.

ފޮށިގަނޑުތައް ފާސްކުރިއިރު އޭގެ ތެރޭގައި ހުރީ ގަލާއި ކުނިބުނި ކަމަށް ފުލުހުން ބުންޏެވެ.

"މިއީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ބެލެވޭ. އެހެންކަމުން ރައްޔިތުން ސަމާލުވެ ލެއްވުމަށް އެދެން. އެއްވެސް މީހަކު ފޯނުން ގުޅާފައި ގިނަ އަދަދެއްގެ ފައިސާ ދީފައި ޕާރުސަލަކާ ހަވާލުވުމަށް އެދޭ ނަމަ އެ ފައިސާ ނުދެއްވާ ފުލުހުންނަށް އެކަން އަވަހަށް ރިޕޯޓުކުރެއްވުމަށް އިލްތިމާސްކުރަން،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ބޭންކުގެ ނަމުގައި މީހުންނަށް ގުޅައި ބޭންކް ކާޑުގެ ތަފްސީލު ހޯދައި ފައިސާ ހޯދުމަކީ ވެސް އާއްމުކަމެކެވެ. އެގޮތަށް މައުލޫމާތު ހޯދައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވެ އެވެ. އޭގެ އިތުރުން އެކި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަމުގައި ވެސް މީހުންނަށް ގުޅައި ފައިސާ ހޯދުމަކީ އާއްމުކަމެކެވެ.