އިތުރު ތިން ސަފީރަކަށް މަޖިލިހުން ރުހުން ދީފި

ތިން ގައުމަކަށް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ސަފީރުންތަކަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


މަޖިލިހުގެ ޖަލްސާގައި ރުހުން ލިބިވަޑައިގެންނެވި ތިން ސަފީރުންނަކީ ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ޖިނާހު، ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ދިވެހި ސަފީރަކަށް މުހައްމަދު ޚަލީލް އަދި ޗައިނާގައި ހުންނަވާ ދިވެހި ސަފީރަކަށް އައިޝަތު އަޒީމާ އެވެ. ޖިނާހާއި ޚަލީލާއި އަޒީމާ އަށް ރުހުން ލިބިވަޑައިގެންނެވީ 36 މެމްބަރުންގެ އިއްތިފާގުންނެވެ.

ތިން ބޭފުޅުންގެ ތެރެއިން ޚަލީލަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްގެ ކޮއްކޮ އެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީން އެންމެ ފުރަތަމަ ނިންމީ އައިޝަތު އަޒީމާ ފިޔަވައި ދެން ތިއްބެވި ދެ ބޭފުޅުންނަށް ރުހުން ނުދިނުމަށެވެ. އެކަމަކު، ފަހުން އެ ކޮމިޓީން ވަނީ ޖިނާހާއި ޚަލީލަށް ވެސް ރުހުން ދީފަ އެވެ.

ޖިނާހު ވަނީ މީގެ ކުރިން ޕަބްލިކް ވޯކްސް މިނިސްޓްރީގައި ޑްރާފްޓްސްމަން ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ފަހުން، އޭނާ ވަނީ އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ ގްރީން ޕެރަޑައިސް ގްރޫޕްގެ ޖެނެރަލް މެނޭޖަރު ކަމެވެ.

ސަރުކާރުގެ ބައެއް އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވި ޚަލީލް ވަނީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ކަމުގެ އިތުރުން، ބައެއް ކުންފުނިތަކުގެ ބޯޑު މެމްބަރު ކަން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕޯޓްސް އޮތޯރިޓީ އާއި މިފްކޯ ފަދަ ސަރުކާރުގެ ބައެއް ކުންފުނިތައް ހިމެނެ އެވެ.

ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގައި އިސް މަގާމުތަކެއް ފުރުއްވި އަޒީމާ ވަނީ މީގެ ކުރިން އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ފަސް ސެކްރެޓަރީ ފަދަ ބައެއް މަގާމުތައް ފުރުއްވައިފަ އެވެ.

މީގެ ކުރިން، އަށް ސަފީރަކަށް ރުހުން ދޭން މަޖިލީހުން ފާސް ކުރިއިރު، ގައުމީ ސަލާމަތުގެ ކޮމިޓީން ވެސް ވަނީ އެ ހުރިހާ ބޭފުޅުންނަށް ރުހުން ދީފަ އެވެ.

މަޖިލީހުން ރުހުން ލިބިވަޑައިގެންނެވި އަށް ބޭފުޅުންނަކީ ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް އަދި އެމެރިކާގެ ސަފީރަކަށް ތިލްމީޒާ ހުސައިން، ބްރަސަލްސްގެ ސަފީރަކަށް ހަސަން ސޯބިރު، އިންޑިއާގެ ސަފީރަކަށް އާއިޝަތު މުހައްމަދު ދީދީ، ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް، ސިންގަޕޫރުގެ ސަފީރަކަށް ޑރ. އަބްދުﷲ މައުސޫމް، ޖަރުމަނު ސަފީރަކަށް އަހުމަދު ލަތީފް، އިނގިރޭސި ވިލާތުގެ ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް އަދި މެލޭޝިއާގެ ސަފީރަކަށް ވިސާމް އަލީ އެވެ.