ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ޖަލްސާ ލައިވްކުރުމަކީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.
ރައީސް ޔާމީން 2018 ޖަހައިގެން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާ ޕީއެސްއެމުން ވަނީ ލައިވްކޮށްފަ އެވެ.
ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފެތުރުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ޕީއެސްއެމުން އިދިކޮޅު ސިޔާސީ އެއްވެސް ހަރަކާތެއް ކަވަރުނުކޮށް، ރައީސް ޔާމީންގެ ކެމްޕޭން ޖަލްސާ ލައިވް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.
"އެންމެ ގިނަ ޓެކްސް ދައްކާ އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ނުވަތަ ޚަބަރެއް ވެސް ގެނެސް ނުދީ ޕީއެސްއެމުން ކުރާ ކަމެއް މިއީ. ހަމަހަމަކަމެއް ނެތި ވަކި ޕާޓީއަކަށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ އޭސީސީ އަށް ވައްދަން ޖެހޭ،" ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ވިދާޅުވި އެވެ.
ޕީއެސްއެމްގެ ތަރުޖަމާނު އަބްދުﷲ ރަމީޒް ވިދާޅުވީ ކެމްޕެއިން ޖަލްސާއެއް ލައިވްކުރުމަކީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް އިދިކޮޅު ފަރާތްތަކުން ދެކުނަސް "އަޅުގަނޑުމެން އެ ގޮތަކަ ނުދެކެން" ކަމަށެވެ. ޕީއެސްއެމުން އަމަލުކުރަމުން އަންނަނީ އެތަނުގައި ކަނޑައަޅާފައި އޮންނަ އުސޫލްތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީއެސްއެމުން އިދިކޮޅު ފަރާތްތަކުގެ ޚަބަރު ނުގެނެސް ދީ ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރަމުންދާ ކަމަށް ބުނެ ފާޑުކިޔަމުން ދަނިކޮށް، އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ޕީއެސްއެމުން ވަނީ ގެނެސްދީފަ އެވެ.
ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ހުއްޓުވުމަށް ހެދި ގާނޫނު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ރޭ ދައުލަތުގެ މީޑިއާ އިން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ހުތުރުވާ ޒާތުގެ ރިޕޯޓެއް ގެނެސްދީފަ އެވެ. އެ ރިޕޯޓަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ވެބްސައިޓުން ވެސް އެ ރިޕޯޓް ފަހުން ވަނީ ނަގައިފަ އެވެ.