މަޖިލިސް މެޖޯރިޓީ ނުލިބިއްޖެ ނަމަ ދާނީ ބަޣާވާތާ ދިމާލަށް: ނަޝީދު

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ އަނެއްކާ ވެސް ދާނީ ބަޣާވާތާ ދިމާލަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ޓިކެޓުގައި ބާރަށު ދާއިރާއަށް ކުރިމަތިލައްވާ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ދެ ވަނަ ފަހަރަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެ ކަމަށެވެ. ނަމަވެސް ނަތީޖާ އެގޮތަށް އައި ކަމުގައި ވިއަސް ފަރުވާ ކުޑަ ކުރާކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ މެޖޯރިޓީ ނުލިބިއްޖެނަމަ ރައްޔިތުން އަނެއްކާ ވެސް ވެސް ދެކޭނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ.

"އަނެއްކާ ވެސް އަޅުގަނޑުމެންގެ އުދަރެސް ބަނަވެގެންދާނީ ބަޣާވާތާ ދިމާލަށް. އަނެއްކާ ވެސް އަޅުގަނޑުމެންގެ ތެރެއަށް އަންނާނީ ހަމަނުޖެހުން،" މައްޗަންގޯޅި މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރު ވެއްޓުނީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިން ވެސް ސަރުކާރާ ދެކޮޅަށް ތެދުވެ، ހިންގި ކަންތައްތަކަށްފަހު ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ. އޭރު ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެ މައްސަލަ ބަލަން އުފެއްދި ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ނިންމީ އެއީ ބަޥާތެއް ނޫން ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ހުރިހާ ވައުދަކީ ރަނުން ރަނަށް އަކުރުން އަކުރަށް ފުއްދާނެ ވައުދުތަކެއް ކަމަށެވެ. އެ ވައުދުތައް ވެފައިވަނީ ރަނގަޅަށް ހިސާބު ޖަހައި ދިރާސާތައް ކޮށްފައި ކަން ފާހަގަކުރެއްވި އެވެ.

އެމްޑީޕީ ފިޔަވައި އެހެން ކެންޑިޑޭޓުން މަޖިލީހަށް ވަޑައިގަންނަވަނީ ކީއްކުރަންތޯ ސާފެއް ނުކޮށްދެވޭ ކަމަށާއި ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓުން މަޖިލީހަށް ވަޑައިގަންނަވާ ސަބަބު ސާފުކޮށްދޭންޖެހޭ ކަމަށް ވިދާޅުވި އެވެ. އެހެންވެ ރަައްޔިތުންނަށް ކުރިއެރުން ހޯދައިދޭން އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ދޭންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ވެރިކަން ކުރަން ބޭނުންވަނީ ޕީޕީއެމާއި ވެސް ގުޅިގެން ކަމަށާއި ތަރައްގީ ކަށަވަރުކުރުމުގައި އެންމެންގެ ބައިވެރިވުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގެ 87 ދާއިރާގެ ތެރެއިން ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރެ އެވެ.