ހަލީލްގެ އާއިލާގެ 12 މީހަކަށް ވަނީ ފްލެޓް ދީފައި!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ނަންތައް އިއްޔެ އާއްމު ކުރިއިރު، ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލްގެ އާއިލީ 12 މީހަކަށް ފްލެޓް ދީފައިވާކަން ހާމަވެއްޖެ އެވެ.


ފްލެޓު ލިބިފައިވާ ހަލީލްގެ އާއިލީ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަނބިކަނބަލުންނާއި އެއްބަނޑުއެއްބަފާ ކޮއްކޮއިންނާއި އެ މީހުންގެ އަނބިންނާއި ފިރިން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ދެމަފިރިންނަށް ދެ ފްލެޓް ލިބިފައިވެ އެވެ.

ފްލެޓު ލިބުނު ހަލީލްގެ އާއިލާ މެމްބަރުންގެ ތެރޭގައި އެ މީހުންގެ ރަށް ނިލަންދޫގައި ދިރިއުޅޭ މީހުން ވެސް ތިބި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ފުލުހުންގެ ފްލެޓް ލިބިފައިވާ ހަލީލްގެ ކޮއްކޮގެ އަންހެނުންނަށް ވެސް ފްލެޓް ވަނީ ލިބިފަ އެވެ.

އެ އެންމެނަށް ލިބިފައިވާ ޕޮއިންޓް ވެސް އުޅެނީ 70 އަށް ވުރެ ދަށުގަ އެވެ. ބައެއް މީހުންނަށް 69 ޕޮއިންޓް ލިބިފައިވާއިރު ދެން ތިބި މީހުންނަށް ލިބިފައިވަނީ 65 ޕޮއިންޓެވެ.

އެކަމާ ގުޅޭގޮތުން ހަލީލާ ސުވާލު ކުރުމުން ވިދާޅުވީ "އަޅުގަނޑުގެ އާއިލާގެ ވަރަށް ގިނަ ބަޔަކަށް ފަސް އަހަރު ތެރޭގައި ދަރިން ވެސް ލިބިފައިވާ" ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވި އެވެ.

މިދިޔަ ސަރުކާރުން ފްލެޓް ދިން މީހުންގެ ތެރޭގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ފްލެޓް ހޯދި ގިނަ ބަޔަކު ތިބި ކަމަށް ތުހުމަތު ކުރެވެ އެވެ.

ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ވިޔަސް ކުރީގެ ސަރުކާރުން އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ޒާތީ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ބުނެ އޭރު ހާމަކޮށްފައި ވަނީ ފްލެޓަށް އެދި ހުށަހެޅި ފޯމުގެ ނަންބަރު އެކަންޏެވެ.