ބީއެމްއެލުން އިހަވަންދޫގެ ހަތަރު މީހަކަށް ވީލްޗެއާ ހަދިޔާކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން، ހއ. އިހަވަންދޫގެ ހަތަރު މީހަކަށް އެ ބޭންކުން މިއަދު ވީލްޗެއާ ހަދިޔާކޮށްފި އެވެ. ވީލްޗެއާ ހަދިޔާކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ކުޑަކުއްޖަކާއި ބޮޑު ދެ މީހެކެވެ.


ބީއެމްއެލުން ނިންމާފައި ވަނީ މި އަހަރުގެ ތެރޭގައި 60 މީހަކަށް ވީލްޗެއާ ހަދިޔާކުރުމަށެވެ.

އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން މިއަދު ވިދާޅުވީ، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ ކަމަށާއި މޮޓޮރައިޒްޑް ވީލްޗެއާގެ ސަބަބުން އެތަށް ބައެއްގެ ދިރިއުޅުމަށް ހެޔޮބަދަލު އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިހަވަންދޫގެ ކުއްޖަކަށް ވީލްޗެއާ ހަދިޔާކުރުމަށް ފަހު، އެ ކުއްޖާއާ އެކު ބީއެމްއެލްގެ ބައެއް މުވައްޒަފުން މިއަދު ފޮޓޯއެއް ނަގަނީ.---ފޮޓޯ: ބީއެމްއެލް

ބީއެމްއެލުން ވީލްޗެއާތައް ހަދިޔާ ކުރަނީ ހިނގައިބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަދި މޮޓްރައިޒްޑް ވީލްޗެއާ އަމިއްލަ އަށް ދުއްވޭނެ މީހުންނަށެވެ. އެގޮތުން، އެ ރަށެއްގައި އެ ވަގުތަކު ތިބި މޮޓްރައިޒްޑް ވީލްޗެއާ ބޭނުންވާ ހުރިހާ މީހުންނަށް އެ ހަދިޔާކުރާނެ އެވެ.

މީގެ ކުރިން ބީއެމްއެލުން ވަނީ ހަތް ރަށެއްގައި ދިރިއުޅެމުންދާ 16 މީހަކަށް މޮޓްރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފަ އެވެ. އެ ރަށްތަކުގެ ތެރޭގައި ހއ. ދިއްދު އާއި ރ. އުނގޫފާރާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ކ. މާފުށީގެ އިތުރުން އއ. ރަސްދު އާއި ސ. ހުޅުމީދޫ ހިމެނެ އެވެ.