އަޅުގަނޑު ގަބޫލުކުރާ އެމްޑީޕީގެ ރައީސަކީ އިބްރާހިމް މުހައްމަދު ސޯލިހް: ގާސިމް

އެމްޑީޕީގެ ރައީސަކީ މުހައްމަދު ނަޝީދު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެ ޕާޓީގެ ރައީސެއް ކަމަށް ބަލައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފުލާގައި، އެމްޑީޕީގެ އަސާސީ ގަވައިދާ ހަވާލާ ދެއްވައި ގާސިމް ވިދާޅުވީ، އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާ ވަގުތެއްގައި އެ ޕާޓީގެ އެންމެ އިސް ފަރާތަކީ އެ ބޭފުޅާ ކަމަށެވެ.

"އެހެން ކަަމަށް ވަންޏާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ޕާޓީގެ އެންމެ އިސްވެރިއަކީ،" ގާސިމް ވިދާޅުވި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެމްޑީޕީ ވެރިކަމުގައި އޮންނައިރު، އެއިރެއްގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އެ ޕާޓީ އަށް ނިސްބަތްވާ ނަމަ ޕާޓީގެ އެންމެ އިސްބޭފުޅަކީ އެއީ އެވެ. އަސާސީ ގަވައިދު ބުނާ ގޮތުން، އެމްޑީޕީގެ ރައީސަކީ އެ ޕާޓީގެ އެންމެ އިސްބޭފުޅަކަށް ވަނީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު އެވެ.

އެމްޑީޕީގެ އެންމެ އިސްވެރިޔާގެ ޒިންމާތައް ވެސް އެ ޕާޓީގެ އަސާސީ ގަވައިދުގައި ސާފުކޮށް ބަޔާންކޮށްފައި ވެ އެވެ. އެއީ، އެމްޑީޕީގެ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަދި ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ޕާޓީގެ އަސާސީ ގަވައިދުގެ ހުދޫދުގެ ތެރޭގައި ޕާޓީގެ ގުނަންތަކާ މަޝްވަރާ ކުރައްވައި އެ ފަރާތްތަކާ އެކީ މަސައްކަތް ކުރެއްވުމެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލިހާއި ގައުމީ ހިންގާ ކޮމިޓީ އާއި ޕާލަމެންޓްރީ ގުރޫޕްގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ވެސް ޕާޓީގެ އެންމެ އިސްވެރިޔާގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއީ، އެމްޑީޕީގެ އަސާސީ ގަވައިދުގައި ބަޔާން ކޮށްފައިވާ ގޮތުން ނަމަ، މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޒިންމާ އާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި އަހަރުގެ ހުރަވީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އަދި ހޯމް މިނިސްޓަރު އިމްރާން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެކަމަކު، އެމްޑީީގެ ރައީސަކީ ނަޝީދު ކަމަށް ވާއިރު، ޕާޓީގެ ގިނަ ކަންކަން، ޕާޓީގެ އެންމެ އިސްވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނުބައްސަވައި ސީދާ ނަޝީދު ނިންމަވައި ތަންފީޒު ކުރައްވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

މިރޭގެ ހަފުލާގައި ގާސިމް ވިދާޅުވީ، ކާބަފައިން ދިވެހިންނަށް ގެނެސްދިން މިނިވަންކަން ޖުމްހޫރީ ޕާޓީން ނަގަހައްޓާނެ ކަމަށެވެ. އަދި އެއީ ދީނީ ގޮތުން އޮތް ވާޖިބެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމަކަށް އެއްގޮތަކަށް ވެސް އެހެން ދީނެއް ތައާރަފުކޮށްގެން، ބުދު ފައްޅި އަޅައި ނުހެދޭނެ. އެކަމެއް ނުކުރެވޭނެ. ހަނދާން ނައްތާލައްވާ. އަދި މި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެރިއަކު ހޮވުމުގެ ބާރު ލިބިގެން ނުދާ ގޮތަކަށް ގާނޫނުއަސާސީ ބަދަލުކޮށްގެން، ޕްރައިމް މިނިސްޓަރަކު ބަހައްޓައިގެން، ރައީސުލްޖުމްހޫރިއްޔާ އަކަށް ހޮވޭ މީހަކީ ކުޅޭ މީހަކަށް ހަދައިގެން އެކަމެއް ވެސް ނުކުރެއްވޭނެ. ހަނދާން ނައްތާލައްވާ،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.