ހުޅުމީދޫ މީހުން އެނބުރި ރަށަށް ގެނެވޭނެ ގޮތް ހަދައިދޭން ޖެހޭ: ރައީސް

ސ. ހުޅުމީދޫގެ އާބާދީގެ 63 ޕަސެންޓް އެ ރަށުގައި ދިރިނޫޅޭ ކަމަށާއި އެހެންވެ، އެ މީހުން އެނބުރި ރަށަށް އާދެވޭނެ ގޮތަށް ހިދުމަތްތައް ތަރައްގީ ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުދޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތައުލީމީ، މަސައްކަތްތެރި ގިނަ ބަޔަކު ހުޅުމީދޫން އުފަންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ޓީޗަަރުންނާއި ވަކީލުން ވެސް ހިމެނޭ ކަމަށާއި އެކަމަކު އެ މީހުން އެނބުރި ރަށަށް އައިސް ހިދުމަތް ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ރަށުގައި އެބަހުރި ފްލެޓްތަކެއް އަޅާފައި. މަސައްކަތް ކުރެވޭނެ ގޮތެއް ނެތިއްޔާ ކާކުތޯ އެތަނަށް އަންނާނީ؟ އެހެންވެ، ރައްޔިތުން އަނބުރާ އައިސް ހިދުމަތް ކުރެވޭނެ ގޮތެއް އެބަ ހޯދަން ޖެހޭ،" ހުޅުދޫގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި "ރަށުގައި އޭގެ ޒާތުގައި ދިރިއުޅެވެން ހުރި ނަމަ، ތަރައްގީއަށް ބޭރުން ގެންނަން ޖެހޭ މީހަކު ނެތެ"ވެ.

އައްޑޫގައި ވަކިން އޮންނަ ދެ ރަށަށް ވާތީ ސަރުކާރުން އެ ދެ ރަށް ތަރައްގީ ކުރުމުގައި ހާއްސަ ގޮތްތަކެއް ގެންގުޅެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަންކަން ކުރާނެ ގޮތުގެ ތަސައްވުރު ސަރުކާރުގެ ވިސްނުމުގައި އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅުމީދޫގެ ސިއްހީ ހިދުމަތާއި ތައުލީމު ރަނގަޅުކޮށް، އެ ދެ ރަށުގައި ވެސް ސިޓީ ކައުންސިލްގެ އޮފީސް ގާއިމުކޮށް އެތަން ތަމްސީލު ކުރަން ޖެހޭ ކަމަށެވެ. އަދި ހެނދުނު ގޮސް ހަވީރު އަންނަން ފެރީ ދަތުރުތައް ބޭއްވުމުގެ ބަދަލުގައި އެ ހިދުމަތް ވެސް ރަނގަޅު ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުޅުމީދޫގައި ސަރުކާރުން އަޅާފައިވާ ފްލެޓްތައް ބޭނުން ނުކުރާ ނަމަ، ފްލެޓްތައް ގެސްޓްހައުސްތަކަށް ބަދަލުކުރެވިދާނެ ކަމަށެވެ. އަދި ސަރުކާރުން އެކަމާ ވިސްނަމުން އަންނަ ކަމަށާއި ހުޅުމީދޫ އަކީ ގެސްޓްހައުސް އާއި ޓޫރިޒަމްގައި ފައްކާ ރަށަކަށް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ހުޅުމީދޫ ތަރައްގީ ކުރުމަށް ސަރުކާރުގެ މި އަހަރުގެ ބަޖެޓްގައި ވެސް ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން އެ ރަށުގެ މަގުތައް ހެދުމާއި ބަނދަރު ހެދުމާއި ސިއްހީ މަރުކަޒު ތަރައްގީ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ހޮވީ މާ ކުލަ އަލި، ރީތި މީހަކަށް ވެގެން ނޫން ކަމަށާއި ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ކަންތައްތައް ފުއްދާނެ ކަމުގެ ޔަގީންކަމުގެ މަތިން ކަމަށެވެ. އެހެންވެ، ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް މީހުން ހޮވާއިރު ވެސް، ސަރުކާރުގެ އެ ވައުދުތަކަށް ތާއީދުކޮށް، ގަބޫލުކުރާ މީހުން އައްޔަން ކުރުން މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.