މަޖިލިސް ހިނގީ ވައުދުވީ ގޮތަކަށް ނޫން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފާއިތުވި ދުވަސްތަކުގައި ހިނގާފައި ވަނީ ރިޔާސީ އިންތިހާބުގައި ވައުދުވީ ގޮތަށް ނޫން ކަަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރު ކޯލިޝަންގެ މެމްބަރުންނަށް ފާޑުވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު އަސްލަމްގެ ކެމްޕޭން ޖަލްސާއެއްގައި ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ވޯޓް ދިނީ އެކުގައި މަސައްކަތްކޮށްގެން ވީ ވައުދުތައް ފުއްދަން ކަމަށާއި އެހެން ނަމަވެސް މަޖިލީހުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.

"ވީ ވައުދުތައް އޮތީ އޮތް ތާނގައި. އެހެން ނަމަވެސް މަންޒަރު ފެންނަނީ އެހެން ގޮތަކަށް. އެއީއެއް ނޫން ތިޔަ ބޭފުޅުން ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ވޯޓް ދެއްވި ސަބަބަކީ. އެކުގައި މަސައްކަތްކޮށް، އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމަށްޓަކައި ތިޔަ ބޭފުޅުން ދެއްވި ވޯޓެއް އެއީ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕޭން ކުރެއްވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ތާއީދު އޮތް ކެންޑިޑޭޓްގެ ގޮތުގަ އެވެ. ނަމަވެސް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބައެއް ކަންތައްތަކުގައި ޖުމްހޫރީ ޕާޓީން ވަނީ އެދިވަޑައިގެންނެވި ގޮތަށް މަސައްކަތް ކޮށް ނުދީފަ އެވެ. އެގޮތުން ރިޔާސީ ކޮމިޝަންތަކަށް ބާރުދޭން ހުށަހެޅުއްވި ހުށަހެޅުމާ މެދު މަޖިލީހުން އަދިވެސް ގޮތެއް ނުނިމެ އެވެ.

ރައީސް ދެން ވިދާޅުވީ އެމަނިކުފާނު އަދިވެސް ހުންނެވީ ވީ ވައުދުތަކުގެ މަތީގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނޯންނަ ހާލަތުގައި ކަންތައްތައް ހިނގާ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ހާލަތުގައި ކަންތައްތައް ކުރިއަށްދާލެއް ލަސް ވުމުގެ ސަބަބުން ރައްޔިތުންގެ ފައިސާ އިސްރާފުވާ ކަަމަށެވެ.

"އޭގެ ނަތީޖާއަކަށް ވެގެން ދަނީ ވަގުތުތައް ހޭދަވުމުގެ ސަބަބުން ތިޔަ ބޭފުޅުންގެ ފައިސާ ބޭކާރު ގޮތުގައި ހަރަދުވެގެން ދިއުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ފަހުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ބަޣާވާތްކޮށް ވެރިކަން ވައްޓައިލާނެ ކަަމަށް ވިދާޅުވެ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ތަކުރާރު ކުރެއްވި އެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ބަޣާވާތުގެ ފެށުން ކުރިން އައިސްފައި އޮތީ މަޖިލީހުގެ ތެރެއިންނެވެ. އެގޮތުން އެ މަނިކުފާނުގެ ވެރިކަމުގައި އިދިިކޮޅަށް މެޖޯރިޓީ އޮތް މަޖިލީހުން ކުރި ބައެއް ކަންތައްތަކަކީ ބަޣާވާތަަށް މަގުފަހިކުރަން ކުރި ކަންތައްތަކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"އެކި ގޮތް ގޮތުން ސަރުކާރު ހިންގުން ހުއްޓުވާލަނީ. ސަރުކާރަށް ދަތި ކުރަނީ. ސަރުކާރަށް ދަތިވީމާ ދެން އޭގެން ނުކުންނަނީ، ވަރަށް ނުލަފާ، ވަރަށް އެހެން ބާވަތެއްގެ ނަތީޖާއެއް. މުސްތަގިއްލު މުއައްސަސާތަކުން ސަރުކާރަށް ކުރާ އިތުބާރު ގެއްލެނީ،" ބަޣާވާތް ކުރި ކަމަށް ނަޝީދު ދެކެވަޑައިގަންނަވާ ތަރުތީބު ވިދާޅުވެ ދެއްވަމުން ވިދާޅުވި އެވެ.