ރާއްޖެ ޓީވީގައި ރޯކޮށްލައިފައި
29 އޯގަސްޓް 2016 - 13:36
ރާއްޖެ ޓީވީގައި ރޯކޮށްލައިފާނެ ކަން ފުލުހުންނަށް ކުރިން އެނގިފައިވާ ކަމަށާއި އެކަމަށް ކުރިން ފިޔަވަޅު އެޅި ނަމަ އެއީ ނުހިނގުން ގާތް ހާދިސާއެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި އެ ހާދިސާ ހިނގިއިރު ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ހުސެއިން ވަހީދު ވިދާޅުވެއްޖެ އެވެ. އެހެން ނަމަވެސް، އެއީ ދޮގެއް ކަމަށް ވިދާޅުވެ އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު، ހުސެން ވަހީދަށް ރައްދު ދެއްވައިފި އެވެ.
މި މައްސަލާގައި ދެ ބޭފުޅުން މިއަދު "މިހާރު" އާ ވާހަކަ ދައްކަވަމުން، ހުސެން ވަހީދު ވިދާޅުވީ ރާއްޖެ ޓީވީގައި ރޯކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެތަނުގެ ކުރީގެ ސީއީއޯ އަކްރަމް ކަމާލުއްދީން، އަބްދުﷲ ރިޔާޒަށް ދެއްވި ކަމަށެވެ.
"ރޯކުރާނެ ކަން އެނގިހުރެ، އެކަން ސީރިއަސްކޮށް ނެގިނަމަ އެ ތަނުގައި ރޯ ނުކުރެވޭނެ،" -- ހުސެއިން ވަހީދު
"ރޯކުރާނެ ކަން އެނގިހުރެ، އެކަން ސީރިއަސްކޮށް ނެގިނަމަ އެ ތަނުގައި ރޯ ނުކުރެވޭނެ،" މިހާރު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ވަޒީފާ އަދާކުރައްވާ ހުސެން ވަހީދު ވިދާޅުވި އެވެ. "ފުލުހުންގެ ޑިޕާޓްމަންޓުތަކަށް މައުލޫމާތުތަކެއް ދިން ނަމަ، އެ ހާދިސާއިން ސަލާމަތްވުމަކީ އެކަށީގެންވާ ކަމެއް. ރާއްޖެ ޓީވީގައި ރޯކޮށްލިކަން އަޅުގަނޑަށް އެނގުނީ އެކަން ހިނގި ފަހުން."
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު، ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ހުސެން ވަހީދަކީ އޭރު ފުލުހުންގެ އޮޕަރޭޝަންތައް ހިންގެވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅާ ވެސް މެ އެވެ. އޭނާ ވިދާޅުވީ ރާއްޖެ ޓީވީގައި ރޯކޮށްލެވުނީ އެ ހާދިސާ ހިނގަން އުޅޭ ކަމުގެ މައުލޫމާތު ލިބުމުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނެތުމުގެ ސަބަބުން ކަމަށާއި އަދި އެ މައުލޫމާތުތައް ކަމާ ގުޅޭ ޑިޕާޓްމަންޓްތަކާ ހިއްސާކުރި ނަމަ އެ ހާދިސާ ނުހިނގީސް ކަމަށެވެ.
ރާއްޖެ ޓީވީގައި ހުޅު ޖަހައި އަންދާލީ އޮކްޓޯބަރު 7، 2013ގެ ފަތިހުގެ ވަގުތެއްގައި ދަގަނޑު ގޭޓެއް ހަލާކުކޮށްލައި، އެތެރެއަށް ވަދެ ޕެޓްރޯލް ޖަހައިފަ އެވެ. ބީކޭޓީ ބިލްޑިންގައި ހުރި އެ އިމާރާތް ހަ މީހަކު ވެގެން އަންދާލި މައްސަލާގައި ހައްޔަރުކުރި މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދިވެސް އަންނަނީ ހިނގަމުންނެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް
އެކަމަކު އެ ހުރިހާ ވާހަކަތަކެއް ރިޔާޒު ދޮގުކުރައްވަ އެވެ. ހުސެންގެ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން، ކިނބިދޫ ދާއިރާގެ މެމްބަރު ވިދާޅުވީ ރާއްޖެ ޓީވީގައި ރޯކޮށްލަން އުޅުނު ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެ ޓީވީ ހުންނަ އިމާރާތް ކައިރީގައި 24 ގަޑިއިރު ފޯރިމަރަން ފުލުހުންނަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެ އަމުރަށް ފުލުހުން ދެކޮޅު ހެދި ކަމަށާއި އެ ތަނަށް ނުދިޔަ ފުލުހުންނާ މެދު ފިޔަވަޅު ވެސް އެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮމިޝަނަރެއްގެ ހައިސިއްޔަތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅިން. އެ ތަން ބަލަހައްޓަން އެންގިން،" ރިޔާޒް ވިދާޅުވި އެވެ.
"ކޮމިޝަނަރެއްގެ ހައިސިއްޔަތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅިން. އެ ތަން ބަލަހައްޓަން އެންގިން،" -- ރިޔާޒު
އޭނާ ވިދާޅުވީ ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވެސް ބެލުމަށް ފަހު، އެކަން ހިނގީ ފޯރިމަރަން ބޭތިއްބި ފުލުހުންގެ އިހުމާލުންކަން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ހުސެއިން ވަހީދު ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހުސެއިން ވިދާޅުވީ ރާއްޖެ ޓީވީގައި ފޯރިމަރަން ރިޔާޒް އެންގެވީ "ގްރައުންޑްގައި ތިބި ކުދި ބައެއްގެ" ކައިރީގައި ކަަމަށާއި އެކަން ކުރަން ޖެހޭނީ ހަމަޖެހިފައި އޮންނަ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.
"އިސްކޮށް ހަރަކާތްތެރިވާން ތިބި ބޭފުޅުން ކައިރީގައި [އެ ވާހަކަ] ބުނަން ޖެހޭނީ. އެ ވާހަކަ ސީރިއަސްކޮށް ނެގިނަމަ، އެ ވާހަކަ ބުނާނީ އެ ލެވެލްގައި،" ވަހީދު ވިދާޅުވި އެވެ.
ރާއްޖެ ޓީވީ ރޯކޮށްލުމުގެ ކުރިން އެތަނަށް ގެއްލުމެއް ދީފާނެ ކަމަށް އެ ޓީވީ ސްޓޭޝަނުން ތަކުރާރުކޮށް އޭރު ބުނެ، ސަލާމަތީ ކަންކަމަށް އެދި ފުލުހުންނަށް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް، ރާއްޖޭގައި އެންމެ ބިރުވެރި ގޮތަކަށް ހިނގައިދިޔަ އަލިފާނުގެ ހާދިސާ އަށް ފަހު ތަން ހުލިވެގެން ދިޔަ އިރު ވެސް ފުލުހުންގެ ފަރާތުން އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް އެ ޓީވީ ސްޓޭޝަނުން ބުނެފައި ވެ އެވެ.
މި ހާދިސާގެ ވާހަކަތައް، އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ، ދިވެހި ސަރުކާރުގެ ކޮރަޕްޝަނާ ބެހޭ ރިޕޯޓްގައި ވެސް ހިމަނާފައި ވެ އެވެ. ރާއްޖެ ޓީވީ ރޯކޮށްލުމާ ބެހޭ ގޮތުން ހުސެން ވަހީދު ވެސް ވަނީ އެ ރިޕޯޓަށް މައުލޫމާތު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ މި މައްސަލާގައި އޭނާ އަށް އެނގިވަޑައިގެންފައި ހުރި ހުރިހާ މައުލޫމާތެއް އޭނާ ވިދާޅުވެދެއްވާފައިވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައި
30 August 2016
ދެމީހުން އަމިއްލަ އަށް އެކަކު އަނެކެއްގެ ނިގުލަށް ތި އަރަނީ، ހަމަ ގައިމުވެސް ތީކީ މާ ރަގަޅު ބައެއް ނޫން، ހާވާފަ ތިބި ހަޑި ވިސްނޭނަމަ އަގަ ހުޅުވަން ލަދުގަންނަން ޖެހޭނެ
އަހުމަދު
30 August 2016
ހުސައިން ވަހީދު އަދު ރިޔާޒް، އަދި ޖަލުގައި އެއޮތް ނާޒިމް ތިޔަ 3 މީހުނަކީ އަހަރުމެންފަދައިން ރައްޔަތުންގެ ފައިސާ ޚަރަދުކޮށްގެން މިލްޓަރީ ތަމްރީނު ލިބިފައިތިބި ބަޔެއް، ރަނަގަޅައް އެނގޭނެ ސަރުކާރެއް މިލިޓަރީ އޮވަރތުރޫ ކުރުމަކި އެގައުމެއް ކުރިޔައް އޮތް 50 ހަކައް އަހަރުތެރޭގައިވެސް ހަމަޔަކައް ނޭޅޭނެކަން... އަހަރެން ތިޔަ 3 މީހުންގެ ނަން ޚާއްސަކޮށް މިނެގީ ތިޔަ 3 މީހުނަކީ 7 ފެބުރުއަރީގައި މޭކަށި މައްޗައް ނަގައިގެން ވެރިކަން ވައްޓަން އިސްރޯލު އަދާކުރި އެތައް ބަޔަކު 100 މީޓަރު ދުރުގައި ތިބެގެން ކުރިޔައް ނެރުނު ކުރީގެ މިލިޓަރީ އޮފިސަރުން ކަމައްވާތީއެވެ. ރާއްޖެ ޓީ ވީ ރޯކޮށްލުމުގައި އިސްރޯލް އަދާކުރިމީހުނާއި އެކަން ކުރަން ރޭވި ހުރިހާރޭވުންތައް ތިއައިގެ ތެރެއިން ހުސައިން އަދި ރިޔާޒައް ވަރައް ތަފްސީލުކޮށް އެނގޭނެއެވެ. އަހަރެން ވަރައް ކެރިގެން ބުނަން ރާއްޖޭގެ އާބާދީގެ ވަރައް ބޮޑު ޕަސެންޓޭޖެއް ތިއަމީހުން ދެކެ ނަފުރަތުވާކަމީ ހަގީގަތެއް.. ވަޒީފާ ހޯދުމުގެ ދަހިވެތިކަމުގައި ދިވެހިރައްޔަތުންނައް ދީފައިތިވާ ފޫނުބެއްދޭނެ ގެއްލުމުގައި ޒިންމާވާން ޖެހޭ ބަޔަކު ތިއަހާ މިނިވަންކަމުގައި އުޅެލެވުމުގެ ފުރުސަތު ލިބިފައި ތިތިބީ އެއްވެސް ސެކިޔުރެޓިއެއް ނެތް ހިނދުގައިވެސް ރާއްޖޭގެ ރައްޔަތުން ގަބޫލުކުރާ ދީނަކީ އިސްލާމް ދީންކަމުން ކަން ތިޔަ 2 މީހުންގެ ސަމާލުކަމައް ގެނައުން ބުއްދިވެރި... ޚޮދު ތިޔަ 2 މީހުންގެ ތިޔަ ކުރިޓިސައިޒް ޕުރެޕަގަންޑާ އެއްވެސް ރައްޔަތަކު ގަބޫލުނުރެއެވެ. ރާއްޖެ ޓީ ވީ އަކީ ކުރީގަވެސް އަދި މިއަދުވެސް ރާއްޖޭގެ އާބާދީގެ %100 ބަލާ ހަމައެކަނި ޗަނަލް އެޗަނަލް ރޯކޮށްލުމުން އުފާ ހާސިލުކުރި މީހުން މިއަދުވެސް އެޗަނަލް ބަލަމުންދާ ކަމީ އެޗަނަލައް އެއްމެންގެ ސަމާލުކަން އޮތުމުގެ ހެއްކެވެ.
އަގަގަދަމިތުރު
30 August 2016
"ފުލުހުންގެ ޑިޕާޓްމަންޓުތަކަށް މައުލޫމާތުތަކެއް ދިން ނަމަ، އެ ހާދިސާއިން ސަލާމަތްވުމަކީ އެކަށީގެންވާ ކަމެއް. ރާއްޖެ ޓީވީގައި ރޯކޮށްލިކަން އަޅުގަނޑަށް އެނގުނީ އެކަން ހިނގި ފަހުން." ބތވނ ވެސް މީ ބޮޑުވަރެކެވެ. ކަމެއްވީކަން އެކަމެއް ވުމުގެކުރިންއެގޭނެ އެއްވެސްގޮތެއް ނޯންނާނެކަން ޕައްލަންބެއަށްވެސް އެގެއެވެ.
ޞާހު
29 August 2016
ޢަދި ތިހުރިހާކަމެއް ވެސް ފަޅާއަރާނެ.
ރިޒާ
29 August 2016
ރިޔާޒަކީ ރަނގަޅު ކޮމިޝަނަރެއް، އެކަމަކު ފީކަޅާ ޕޮލިޓީޝަނެއް. ގައުމަށް ވަފާދާރު ބަޔެއް މިގައުމުގެ ސިޔާސީ ދާއިރާއިން ނުފެނޭ މިގައުމަށް ޕާޓީ ސިސްޓަމް އައިފަހަކުން.
މޫސަ
29 August 2016
ރިޔާޒްއަކީ ތިޔަކަމުގެ ޒިންމާ އުފުލަންޖެހޭ މީހެއް.
ގްރާސްފޯސް
29 August 2016
ތިޔަ ދެމީހުންގެ ވާހަކަ ތަހުގީގު ކުރެވެން އެބަޖެހޭ
ހަސަން
29 August 2016
ހުސޭނޫ، ހަމަ ރަނގަޅަށް މިބުނީ، ތިއޮތީ ވަޒީފާގަނޑު ގެއްލިފަ، އަވަހަށް ގެއަށްދޭ
އަލީ
29 August 2016
މިރާއްޖޭގައި މިވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި އިބުރަތުން ފުރިގެންވާ ބައިވަރު ކަންތައްތައް ހިނގައިފި. ވަރަށްގިނަ ނުބައި ވަރަށްގިނަ މީހުން ހިންގައިފި. މިހާރު ދެކެމުން މިދާ ދުވަސްތަކަކީ ނުބައިކަމުގެ އެންމެ ފުންނާބު އުސްމީހުން. ކުރިޔަށް އޮތް ދުވަސްތަކުގައި މިކަންތަށްތަކުން އިބްރަތް ލިބިގަނެ ގައުމީ ވިސްނުމުގަ މިގައުމު ހިންގާނެ ބަޔަކުގެ އަތްމައްޗަށް މިގައުމު އަނބުރާ ލިބިގެން ނޫނީ މިގައުމު ސަލާމަތެއްނުވާނެ. އެކަން ކުރުމަށްޓަކައި ސިޔާސީ ވިސްނުމުގެ ކުރިއަށް ގައުމީ ވިސްނުން ނެރެންޖެހޭ
އަހުމަދު
29 August 2016
އަޅުގަނޑު ހިތާމަކޮށް ލަދުވެތިވަން ހުސަން ވަހީދުވެސް އަދި ރިޔާޒްގެ ވާހަކައައްވެސް... އަޅުގަނޑު މީ ތިޔަ މުއައްސަސާގައި ބޮންޑު ނިމެންދެން ވަޒިފާ އަދާކުރިމީހެއް... ތިޔަ 2 މީހުންނަކީވެސް 7 ފެބުރުއަރީ 2012 ގެ ފަހުން މަތިވަޒީފާ ލިބިފައިވާ 2 މިހުންކަމުން ޚޮދު ތިޔަ 2 މީހުންގެ ވެސް އުފަލަށް ވެފައި އޮތީ ރާއްޖެ ޓީ ވީ ނައްތައިލުން... ކޮންމެހެން އެކަކަުވެސް ރެކެން އުޅުމުގެ ބޭނުމެއްނެތް... 7 ފެބުރުއަރީ 2012 ގައި ތިޔަ 2 މީހުން އުޅުނު ގޮތް ހަނދާން އެބަހުރި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔަތުންނަކީ އިއްޔެގައި ހިނގައި ދިޔަ ކަމެއް މާދަމާ ހަނދާންނުހުންނަކަމުގެ ފައިދާ މިއަދު ރިޔާޒް ރައްޔަތުންގެ ވޮތަކުން މަޖިލީހައް ހޮވިފައި އެހުރީ.... ރާއްޖެއިން މިފަދަ މިސްމީހުން ސައިޒަތް ތިރިކުރަން ބޭނުންނަމަ ދަރީންނައް ރަނގަޅު ތަޢުލީމް ދީ ވަރުގަދަ ބަދަހި މުޖުތަމައުއެއް ެބަޖެހޭ ބިނާކުރަން.... އަހަރެން ތިޔަ 2 މީހުނައް ބުނަންބެނުންވަނީ ރައްޖޭގެ ސުކޫލެއްގެ ގުރޭޑް 12 ނިންމައިފައި ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަދަ މީހަކުވެސް ތިޔަ ޕުރެޕަންގަނޑާ ގަބޫލުނުކުރާނެވާހަކައެވެ.