ވަކި ގައުމަކާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެއް ނެތް: ޝާހިދު

ވަކި ގައުމަކާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެއް ރާއްޖޭން ނުގެންގުޅޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.


ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޝާހިދު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުން ބާކީވެ އެކަހެރިވެ، ހައްގު ނޫން ބީރަށްޓެރި ކަމެއް ލިބިފައި ކަމަށެވެ. ބައިނަލްއަގުވާމީ އުސޫލުތަކަށް ބޯ ނުލަނބާ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ނަން އޭރު ދިޔައީ ޚަރާބު ވަމުން ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައި އޮތީ އަލުން އިތުބާރު ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަށް ހައްގުވާ އިހުތިރާމާއި ރާއްޖެއަށް ލިބެން ޖެހޭނެ ޝަރަފާއި އިއްޒަތާއި ގަދަރު ހޯދުމަށް މަސައްކަތް ކުރެވި، މި ވޭތުވެ ދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އޭގައި އެދެވޭ ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް އަޅުގަނޑު އުފަލާ އެކު ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއިން އިންޑިއާއަށް މާބޮޑަށް ބަރޯސާވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ އެހީތެރިކަން ލިބެނީ ހަމަ އެކަނި އެ ގައުމުން ނޫން ކަމަށެވެ. ވަކި ގައުމަކާ ގުޅުން ބަދަހި ނުކުރާކަށް އަދި ވަކި ގައުމަކާ ހާއްސަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ މި ސަރަހައްދީ ހާލަތްތައް، ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ. އެހެންވީމާ ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ރައްކާތެރިކުރުމުގައި ކަން ކުރަން ޖެހޭ ގޮތަށް މިސަރުކާރުން އަބަދުވެސް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ މަތީ މަސްލަހަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަމަށެވެ. އެއިން ކަމަކަށް ކުޑަވެސް ބުރުލެއް އަރާ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށާއި ހާރިޖީ ސިޔާސަތުގައި އެނޫން ގޮތަކަށް ކަމެއް ނުވެސް ހިނގާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއާ އެކު ގުޅުން ބަދަހިކުރަން ސަރުކާރުން މަސައްކަތްކުރަނީ ވެސް އެއީ ރައްޔިތުންގެ މަސްލަހަތު އޮތް ކަމަކަށް ވާތީ އެވެ

"އެހެންވީމާ އެގޮތުން ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކުރުމުގައި ވިސްނާއިރު އިންޑިއާއާ ދިވެހި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ މި އޮންނަ ގާތް ގުޅުން އެބަ ޖެހޭ ދަމަހައްޓަން،" ޝާހިދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ހީނަރުވެ ޗައިނާގެ އެހީ އަށް ރާއްޖެ ވަރަށް ބޮޑަށް ބަރޯސާވި އެވެ. އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ސިޔާސަތު ވަނީ ބަދަލުކޮށްފަ އެވެ.