ޕްލާސްޓިކް އެންދުން އެއްކޮށް ހުއްޓާލާނަން: ވެމްކޯ

ޕްލާސްޓިކް އެންދުން މި އަހަރުގެ ތެރޭގައި އެއްކޮށް ހުއްޓާލައި، އޭގެ ބޭނުން ފުރިހަމަ އަށް ކުރެވޭނެ ގޮތްތައް ހޯދާނެ ކަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް ދެއްވި އިންޓަވިއުގައި އޭނާ ވިދާޅުވީ، ޕްލާސްޓިކް އެންދުމަކީ ނުރައްކާތެރި ވިހަ ގޭސްތައް ޖައްވަށްދާ ކަމަށްވާ އިރު މިދިޔަ 20 އަހަރުގެ ތެރޭގައި ވެސް ޕްލާސްޓިކް އެންދުން ރާއްޖޭގައި އޮތް ކަމަށެވެ. މަސައްކަތް ކުރަނީ މި އަހަރުގެ ތެރޭގައި ޕްލާސްޓިކް އެންދުން އެއްކޮށް ހުއްޓާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕްލާސްޓިކަކީ ނައްތާލުމުގެ ބަދަލުގައި ރީސައިކަލްކުރެވޭނެ އެއްޗެއް ކަމަށެވެ. އެގޮތުން ޕްލާސްޓިކް ބޭނުން ކުރެވޭނެ ގޮތްތައް ދެނެގަނެ އެކަމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ހޯދުމަށްޓަކައި ބޭރުގެ ފަރާތްތަކާ އެކު މަޝްވާ ކުރަމުން އަންނަ ކަމަށް އާދަމް ވިދާޅުވި އެވެ.

"މި ކުންފުންޏަކީ، ޕްލާސްޓިކް ބެއިލްކޮށްގެން ބޭރަށް ބޭރުކުރަމުންދިޔަ ކުންފުންޏެއް. ވަކި ކުންފުންޏަކުން އޭރު ޕްލާސްޓިކް ގަތުމަށް އެދުމުން، އެގޮތަށް ނިންމި،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވިއްކުމަށްޓަކައި ބޭރަށް ފޮނުވުމުގެ އިތުރުން ރާއްޖޭގައި އެއިން ބޭނުންކުރެވޭ ތަކެތި އުފެއްދުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލާސްޓިކް ބޭނުން ކޮށްގެން ޓީޝާޓު އުފައްދާ ބަޔަކު، ރާއްޖޭގައި އުކާލާ ޕްލާސްޓިކް ބޭނުން ކޮށްގެން ރާއްޖެ އަށް ހާއްސަ ޕްރޮޑަކްޓެއް އުފެއްދުމަށް ޝައުގުވެރިކަން ވަނީ ފާޅުކޮށް. އެ މީހުންނާ އަޅުގަނޑު ނެގޯޝިއޭޓް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އާދަމް ވިދާޅުވީ، ޕްލާސްޓިކް ފަދަ ބާވަތްތައް ކުނީގެ ގޮތުގައި މަދުކުރެވޭނީ، ހުރިހާ ރައްޔިތުން ހޭލުންތެރިވެގެން ކަމަށާއި އެކަމަށް ދާއިމީ ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ. ސަރުކާރުން ފަށާފައިވާ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މިކަމުން ވެސް ޕްލާސްޓިކް ބޭނުން ކުރެވޭނެ ވަރު މަދުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޕްލާސްޓިކް މިހާރު ވެސް ވަކި ކުރެވިގެން، އެ ތަކެތި ބޭނުން ކުރާ ފަރާތްތަކަށް ދޫކުރަމުންދާ ކަމަށާއި ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަކަށް އެތަކެތި ނައްތާލުމަކީ އެންމެ ބޮޑު އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިލިނގިލީގައި ވެސް ޕްލާސްޓިކް އަމިއްލަ އަށް ހޮވައިގެން ގެންދިޔުމަށް ފުރުސަތު ދީފައި ވާނީ. މާލޭ އޭރިއާގައި ވެސް އަމިއްލަ އަށް ކުނި އުކަން އަންނަ ފަރާތްތަކުން އެ ބޭނުންވާ ފަރާތްތަކަށް ވެސް ދޫކޮށްލަން،" އޭނާ ވިދާޅުވި އެވެ.