މޯލްޑިވިއަންގެ ބޯޓަކަށް އިއްޔެ ދިމާވި މައްސަލައާ ގުޅިގެން އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން މައާފަށް އެދިއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ Q2 118 ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެ ބޯޓު ނުޖެއްސި ގަޑިއަކަށް ވުރެ ގިނަ ވަގުތު ހޭދަވި އެވެ. އެންމެ ފަހުން ބޯޓު ޖެއްސުނީ ފަސް ވަނަ ފަހަރަށް މަސައްކަތް ކޮށްގެން ބޯޓުގެ ކުރީ ލޭންޑިން ގިޔަރު ނުކުތުމުގެ ސަބަބުންނެވެ.
އެކަމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ ބޯޓަށް ދިމާވި މައްސަލަ ކުންފުނީގެ ފަރާތުން ބަލައި ހައްލުކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ފުރުސަތުގައި ބޯޓުގެ ކްރޫންނަށް ދިން އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"ބޯޓުން ދަތުރުކުރި ފަސިންޖަރުންނަށް ދިމާވި ދަތިތަކާއި އިހުސާސްކުރަންޖެހުނު ނުތަނަވަސްކަމަށް މި ކުންފުނިން ނިހާޔަތަށް މައާފަށް އެދެމެވެ،" ބަޔާނުގައި ވެ އެވެ.
މޯލްޑިވިއަނަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އަދި ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ އިދާރާ، އައިކާއޯ އިން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކުގެ ތެރޭގައި ހިންގަމުން އަންނަ އެއާލައިނެއް ކަމަށް ވެސް ބުންޏެވެ. ދަތުރުވެރިންނާއި ކްރޫންގެ ސަލާމަތާއި ރައްކާތެރިކަމަކީ މޯލްޑިވިއަނުން އެންމެ ބޮޑަށް އިސްކަންދޭކަން ކަންތައް ކަން ފާހަގަކުރި އެވެ.
ލޭންޑިން ގިޔަރު ހަލާކުވެ އިމަޖެންސީގައި ޖެއްސި މޯލްޑިވިއަންގެ ބޯޓު ދުއްވި ކެޕްޓަން އަބްދުލް ބާސިތް އިބްރާހިމާއި ފަސްޓް އޮފިސަރު ރިމާހު ރުޝްދީ އަދި ފްލައިޓް ސުޕަވައިޒަރު ހަސްނާ މުހައްމަދަށް މޯލްޑިވިއަނުންނާއި އާންމުން ސޯޝަލް މީޑީއާގައި އަންނަނީ ތައުރީފުކުރަމުންނެވެ.