ގަވަރުނަރު ނަސީރު މިރޭ ފުލުހަށް ހާޒިރުކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު މިރޭ ފުލުހަށް ހާޒިރުވަން އަންގައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އިދާރާއިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ގަވަރުނަރު ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ނަމަވެސް ހާޒިރުވާން އެންގީ ކޮން ވަގުތަކަށް ކަމެއް ނުބުނެ އެވެ.

އޭނާ ފުލުހަށް ހާޒިރުކުރަން ނިންމިއިރު، ފުލުހުން ވަނީ ގަވަރުނަރު އިންސާފަށް ހުރަސްއެޅުމުގެ މައްސަލައެއް ތަހުގީގުކުރަން ފަށައިފަ އެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ހެޑް، އަބްދުﷲ އަޝްރަފް އެކަށީގެންވާ ސަބަބެއް ނެތި ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓާ މެދު ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް މި މަހުގެ ފަސް ވަނަ ދުވަހު އޭނާ ވަނީ ހާޒިރުކޮށްފަ އެވެ.

އެފްއައިޔޫ އަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ތެރޭގައި އުފައްދާފައި އޮންނަ މިނިވަން ޔުނިޓެކެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތަކާއި އެ ކުށް ކޮށްގެން ހޯދާ މުދަލާ ބެހޭ މައުލޫމާތު ހޯދައި، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާ އަކީ އެފްއައިޔޫ އެވެ.