ޕާޓީގެ ވެރިން ނިންމާ މަޖިލިހެއް ބޭނުމެއް ނޫން: އަލީ ވަހީދު

ސިޔާސީ ޕާޓީތަކުގެ ވެރިން ނިންމާ ރައްޔިތުންގެ މަޖިލިހެއް ބޭނުން ނުވާ ކަމަށާއި ބޭނުމީ ރައްޔިތުން ނެރޭ މަޖިލިހެއް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ ޕާޓީގެ ލީޑަރު އަދި މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމަށް ނުސީދާ ގޮތެއްގައި ރޭ ފާޑު ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިޚާބުގައި ހުޅުމާލެ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒްގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން އަލީ ވަހީދު ވިދާޅުވީ ޖޭޕީ އާއި ގާސިމާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ގާސިމް ވަރަށް ބޮޑެތި "ރިސްކް" ތައް ނެންގެވި އިރު، އެމަނިކުފާނު ބަނގުރޫޓް ކޮށްލައްވަން އުޅުއްވީ ޕީޕީއެމް/ޕީއެންސީ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ސިޔާސީ ބޭނުމަށް ކަންކަން ކުރެއްވުމުގެ ވިސްނުމެއް ނެތެވެ. ސިޔާސީ މައިދާނުގައި ދެން މަސައްކަތް ކުރައްވާނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިނިސްޓަރު ކަން ޖޭޕީން ނުވަތަ ސަރުކާރުން "ގެންދެވިޔަސް" މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޖޭޕީއާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނީ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީން ވަކިން ވާދަކުރަން ނިންމުމުންނެވެ. އެއާއެކު، އެމްޑީޕީން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ، ޖޭޕީން އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާކޮށް އެކުގައި މަޖިލިހަށް ވާދަކުރަން ޖޭޕީން ނިންމި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ޖޭޕީން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންތަކަކަށް ތާއީދު ކުރަން ނިންމީ ޖޭޕީގެ ކައުންސިލްގައި މަޝްވަރާ ކުރައްވައިގެން ނޫނެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ދެ ކަމަކަށް ގާސިމްގެ އަރިހުން އެދިވަޑައިގެންފައިވާނެ އެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެމްޑީޕީގެ "ގައިގައި ކޮޅުފައިން" ނުޖެހުމަށެވެ. ދެ ވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ބޭނުން އެއްޗެއް ވިދާޅުވުމުގެ ފުރުސަތު ދެއްވުމަށެވެ.

ހުޅުމާލެ ދާއިރާ އިން މިސާލު ނަންގަވައި އަލީ ވަހީދު ވިދާޅުވީ ޖޭޕީގެ ކައުންސިލްގައި ހުޅުމާލެ ދާއިރާ އަށް ތާއީދު ކުރާނީ ކޮން ކެންޑިޑޭޓެއްތޯ ބެލުމަށް ވޯޓަށް ނެގިޔަސް، އެ ތާއީދު ލިބޭނީ އަލީ ނިޔާޒަށް ކަމަށެވެ. އަދި ޕީއެންސީގެ ވަގުތީ ލީޑަރު އަދި މަޖިލިހުގެ ފޮނަދޫ ދާޢިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ފައިސަލް އިބްރާހިމަށް ޖޭޕީގެ ކައުންސިލުން ތާއީދު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭޕީން، ޕީޕީއެމް/ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރިއިރު، އިދިކޮޅު ޕާޓީތަކުން ޖޭޕީގެ ކެންޑިޑޭޓުންތަކަކަށް ތާއީދު ކުރެ އެވެ. އެގޮތުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވަނީ ފައިސަލަށް ތާއީދު ކުރައްވާކަން ވަނީ ހާމަކުރައްވައިފަ އެވެ.

ސަރުކާރު ކޯލިޝަންގެ ތެރޭގައި ތަފާތު ފިކުރުތަކެއް ތިބި ކަން ފާހަގަ ކުރައްވައި އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމަށް ސިޔާސީ ލީޑަރުން އެއްބަސްވެވަޑައިގަތީ ފަހު ވަގުތު ކަމަށެވެ. އެކަމަށް އެއްބަސްވެވުނީ ހިޔާލު ތަފާތުވުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެއްވެސް ބަޔަކަށް މަޖިލިހަށް އެކުގައި ވާދަކުރަން އެއްބަސްނުވެވުނު ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޖޭޕީގެ ލީޑަރު ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ކުރީގެ ރައީސް ޔާމީން އާއި ޕީޕީއެމް/ޕީއެންސީން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.